ޕްރެޒިޑެންޓްސް ކަޕް 2022ގެ ޗެމްޕިއަން ޓީމަށް ސަރުކާރުން ދޭ 500،000 ރުފިޔާ ވެލެންސީއާއަށް ދީފައި ނުވާ ކަމަށް އެ ކުލަބުން ބުނެފިއެވެ.

މިއަދު ވެލެންސިއާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ގިނަ ސަބަބުތަކާހުރެ ކްލަބް ވެލެންސިއާއިން މި އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ބާކީ ހުރި މެޗުތައް ފުރިހަމަ ނުކުރެވޭނެ ވާހަކަ ފުޓުބޯޅަ އެއޯސިސޭއަޝްންއަށް އަންގާފައިވާނެ ކަމަށެވެ.

އެ ކުލަބުން މިގޮތަށް ނިންމާފައި ވަނީ މާލީ ގޮތުން ކުލަބަށް ގިނަ ދަތިތަކެއް ދިމާވެފައިވުމުން ކަމަށް އެ ކުލަބުން ބުނެއެވެ. އަދި މި ނިންމުން ނިންމާފައި ވަނީ އަވަސް އަވަހަށް، ލީގުގެ މެޗު ތާވަލް ބަދަލުވެ، ފުޓްބޯޅަ ސީޒަނަށް ދިގު ދެމެމުންދާތީ މާލީގޮތުން ފުދުންތެރިކަންނެތި، އިތުރަށް މެޗުތައް ކުޅެންވެއްޖެނަމަ އެކަމުގެ ސަބަބުން އެ ކުލަބަށް ލިބިދާނެ ގެއްލުންތަކަށް ދުރާލާ ރައްކާތެރިވެ ތިބުމުގެ ގޮތުންން ކަމަށް ވެލެންސިއާއިން ބުނެއެވެ.

ކަމާގުޅުން ހުރި އިދާރާތަކުން ވެލެންސިއާއަށް މިދިޔަ އަހަރާއި މި އަހަރު ލިބެންޖެހޭ ގިނަ ފައިސާތަކެއް ނުލިބި ހުރިކަން ފާހަގަކޮށް ވެލެންސިއާއިން ބުނީ މިދިޔަ މަހުގެ ފުރަތަމަ ޑިވިޝަންއަށް ކުލަބަށް ރައީސް ދެއްވަން ނިންމެވި އެއް މިލިއަން ރުފިޔާ ވެސް އެ ކުލަބަށް ލިބިފައި ނުވާ ކަމަށެވެ. އަދި އެ ފައިސާ ދިނުމަށް އުޒުރުވެރިވެ ޔޫތު މިނިސްޓްރީއިން ފޮނުވި ސިޓީގައި ބައެއް ކުލަބުތަކަށް މި ފައިސާ ޖަމާކޮށްދީފައިވީ ނަމަވެސް އެ މިނިސްޓްރީގެ ބަޖެޓްގެ ތާށިކަން ހުރުމުން ވެލެންސިއާއަށް ޖަމާކޮށްދީފައި ވާނީ 250،000 ކަމުގައި ބުނެފައިވާ ކަމަށެވެ.

އެ ފައިސާ ހޯދުމަށް އިތުރަށް ވެލެންސިއާއިން ކުރި އެއްވެސް މަސައްކަތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ލިބިފައެއް ނުވާ ކަމަށާއި ކޮންމެ ކުލަބަކަށް ފުޓުބޯޅަ ސީޒަން ފެށުމުގެ ކުރިން ތައްރާރުވާން އެހީއެއްގެ ގޮތުން ދެމުން އަންނަ ފައިސާ ވެސް މިިނިސްޓްރީއިން ވެލެންސިއާއަށް ދީފައި ނުވާ ކަމަށް އެ ކުލަބުން ބުނެއެވެ.

މީގެ ވެލެންސިއާއިން ބުނީ 2022 ވަނަ އަހަރުގެ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ގައުމީ ފުޓުބޯޅަ މުބާރާތް "ޕްރެޒިޑެންޓްސް ކަޕް" ކާމިޔާބު ކުރުމުން ދޭ މުބާރާތުގެ އިނާމް ފައިސާ 500،000 ރުފިޔާ ވެސް އެ ކުލަބަށް ދީފައި ނުވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފޮނުވި ސިޓީއަށް މިނިސްޓްރީއިން ޖަވާބުދީފައި ވެސް ނުވާ ކަމަށެވެެ.

ފައިސާގެ ދަތިކަން ހުރުމުން ވެލެންސިއާއަށް ރުފިޔާ ނުދިން ނަމަވެސް 2023ގެ ޕްރެޒިޑެންޓްސް ކަޕްގެ އިނާމު ފައިސާގެ ގޮތުގައި ޗެމްޕިއަންކަން ހޯދި ޓީމަށް އިތުރު ފައިސާއާއެކު 1 މިލިއަން ރުފިޔާ މިނިސްޓްރީީއިން ދީފައިވާ ކަމަށް ވެސް ވެލެންސިއާއިން ބުނެއެވެ. އަދި ކުލަބުތަކަށް ފައިސާ ދިނުމުގައި މިނިސްޓްރީއިން ތަފާތު ކުރުން ގެންގުޅޭ ކަމަށް އެ ކުލަބަށް މިނިސްޓްރީއިން ފޮނުވި ސިޓީއިން ކަށަވަރުވާ ކަމަށް އެ ކުލަބުން ބުނެއެެވ.

މީގެއިތުރުން މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ކުޅުމަށް މި ކުލަބަށް އެހީތެރިވެދިނުމުގައި ވެސް މިނިސްޓްރީއިން އަމަލުކޮށްފައި ވަނީ ވަރަށް ފަރުވާ ކުޑަ އުސޫލަކުންކަން ކަމަށް ވެލެންސިއާއިން ބުނެފައިވާ އިރު، އެ ކުލަބަށް ލިބެންޖެހޭ ގިނަ ފައިސާތަކެއް ނުލިބި ހުރުމުން ކުޅުންތެރިންނަށް މުސާރަ ދިނުމާއި ކުލަބުގެ ހަރަދުތައް ހަމަޖައްސަން ވެލެންސިއާއަށް ގިނަ ދަތިތަކެއް ދިމާވެފައިވާކަން އެ ކުލަބުން ފާހަގަ ކުރެއެވެ.