ލަންކާގެ ގައުމީ ޓިމުގެ ވެސް މުހިންމު ޑިފެންޑަރު އަދި މާލޭގެ ކްލަބް ވެލެންސިއާއަށް ކުޅެމުން އަންނަ ޑަކްސަން ޕުސްލަސް، މާލޭގައި އޭނާ ހުންނަ ގޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

"ދަ ޕްރެސް" އަށް އެނގިފައި ވާގޮތުން އޭނާ މަރުވީ ދަންޖެހިގެންނެވެ. ނަމަވެސް މިކަން ރަސްމީ އެއްވެސް އިދާރާއަކުން ޔަގީން ކޮށެއް ނުދެއެވެ.

އުމުރުން 31 އަހަރުގެ ޑަކްސަން މަރުވެފައި އޮއްވާ ފެނުނު ކަމަށް މައުލޫމާތު ލިބިފައިވަނީ މިރޭ 10 ޖަހާ ހާ އިރުއެވެ.

މި މައްސަލަ ފުލުހަށް ހުށަހެޅުމުން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލާފައި ވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މި ކަމާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މައުހޫލު ވަނީ، ކުޅުންތެރިޔާގެ މަރާ ގުޅިގެން އާއިލާގެ ހިތާމާގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.