އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތައް ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު އެޖެންޑާ ނުކުރެއްވި ސަބަބު، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެ ދެއްވައިފިއެވެ.
މީގެ ކުރިން އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ވަރުގަދަކޮށް ހިންގަމުން ގެންދާ އުދުވާނުގައި ގާޒާ އިން 12 ހާހަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. މީގެ އިތުރުން އިޒްރޭލުގެ އަނިޔާވެރި ސިފައިން ވަނީ ގާޒާގެ އެތައް ހޮސްޕިޓަލެއް ބިމާ ހަމަކޮށްފައެވެ.
މިއަދު ހެނދުނުގެ ސައިގެ ވަގުތަށް ފަހު ކުރިއަށް ގެންދިޔަ ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސްގެ ތެރޭގައި ބައެއް މެންބަރުން ވަނީ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރު އެޖެންޑާ ނުކުރާ ކަމަށް ވިދާޅުވެ، ރިޔާސަތަށް ފާޑުވިދާޅުވެފައެވެ. އަދި އިޒްރޭލުގެ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރުމަށް ގޮވާލައި ތައްޔާރުކުރި ބެނާތަކާއި ބޯޑުތައް ހިފައިގެން ބައެއް މެންބަރުން ބަހުސް ވެސް ކުރައްވާފައި ވެއެވެ.
އެހެންކަމުން، މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން، ރިޔާސަތާ އިއްޔެ ހަވާލުވި އަސްލަމް ވަނީ މެންބަރުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވާފައެވެ.
އަސްލަމް ފާހަގަކުރެއްވި ގޮތުގައި ސަޕްލިމެންޓްރީ ބަޖެޓު ކުރިއަށް ގެންދާނެ ގޮތް ފާސްކުރުމަށް ރިޔާސަތުން ހުޅުވާލުމުން އެއްވެސް މެންބަރަކު އެކަމާ ގުޅޭ ގޮތުން އިއްޔެ ވާހަކައެއް ނުދައްކަވައެވެ. ހަމަ އެހެންމެ މިއަދުގެ ޖަލްސާ ފެށުނު އިރު ވެސް އެއްވެސް މެންބަރަކު ރިޔާސަތުގެ ސަމާލުކަމަށް މިކަން ނުގެންނަވާ ކަން ވެސް ފާހަގަ ކުރެއްވިއެވެ.
"އެ ވަގުތުގަ ވެސް އޭގެ ކުރިން ވެސް އަދި މަޖިލީހުގެ ވަރަށް ބައިވަރު މަސައްކަތްތައް މިހާރު ވެސް ހުންނާނެ އެޖެންޑާގެ ތަރުތީބަށް ބަދަލު ގެންނަން، އެޖެންޑާގައި އިސްފަސްކަމެއް ގެންނަން، މީން އެއްވެސް ވާހަކައެއް އެއްވެސް މެންބަރަކު ދައްކަވާފައެއް ނެތް،"
އެހެންކަމުން މެންބަރުން ދެއްކެވި ވާހަކަތައް ގަބޫލުނުކުރެއްވޭ ކަމަށް ވިދާޅުވެ، އަސްލަމް ވިދާޅުވީ، އޭނާ ހުންނެވީ ގަރާރު އެޖެންޑާނުކުރައްވަން ނޫން ކަމަށެވެ.
އެއަށްފަހު އަސްލަމް ވިދާޅުވީ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ މަސައްކަތްތަކަށް ހަވީރުން ފެށިގެން މަޖިލީހުގެ ޗެމްބަރު ދިނުމަށް އެއްބަސްވެވަޑައިގެންފައިވާނެ ކަމަށާއި، އެހެންކަމުން އިތުރު ޖަލްސާ އެއް ބާއްވާނެ ވަގުތެއް ނެތް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމިޓީން މިއަދު ވަނީ، އިޒްރޭލު މީހުންގެ ޕާސްޕޯޓު ބަލައިނުގަތުމަށާއި އެ ތަނުގެ ފަތުރުވެރިން ރާއްޖެ އައުން ހުއްޓުވުމަށް ސަރުކާރަށް ލަފާ އެރުވުމަށް ނިންމައިފައެވެ. އެ ކޮމިޓީން މިހެން ނިންމާފައި ވަނީ އިޒްރޭލުގެ މީހުން ރާއްޖެ އައުން މަނާކުރުމަށް ގޮވާލައި ގިނަ ބަޔަކު މަޖިލީހުގެ ދޮށުގައި ސުލްހަވެރި އިހްތިޖާޖެއްކޮށްފައި ވަނިކޮށެވެ.