އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން މިރޭ އިފުތިތާހުކުރަން ނިންމައިފިއެވެ.

މި ޕްލޭން ނެރުމަށް ހަމަޖެހިފައިވަނީ މިރޭ 8:15ގައި ދަރުބާރުގޭގައި ބާއްވާ ރަސްމިއްޔާތެއްގައެވެ.

މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން މިރޭ ނެރޭއިރު ރިޔާސީ ޓިކެޓު ލިބުނު ހިސާބުން ފެށިގެން، އިންތިހާބު ތެރޭގައި ރަށްރަށަށް ކެމްޕެއިނަށް ގޮސް ދެއްކި ވާހަކަތަކާއި ވައުދުތައް ހިމެނޭ ހާއްސަ ފޮތެއް ވެސް މިރޭ ނެރުމަށް ވަނީ ހަމަޖެހިފައެވެ.

ނޫސްވެރިނާ ބައްދަލުކުރެއްވުމަށް މިމަހު 13 ވަނަ ދުވަހު ސޯސަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނު އެންމެ ފުރަތަމަ ދުވަހު ދެއްކި ވާހަކައިން ނިންމާލައްވަނީ ނޫން ކަމަށާއި މިއަދާ ހަމައަށް އައި އިރު ދައްކަމުން ދިޔަ ހުރިހާ ވާހަކައެއްވެސް ދިމާވާނެ ކަމަށެވެ. އަދި ތަފާތު ވާހަކައެއް މިހާތާކަށް ދައކަވާފައި ނުވާނެ ކަމަށާއި މައިކެއް ކައިރީގައި ހުންނަވައިގެން ދެއްކެވި ކޮންމެ ވާހަކައަކީ އެ ކަމެއް ކުރަން ބޭނުންވެގެން ހިތުގެ އަޑިން، އެކަން ގަބޫލުކޮށް ކުރުމުގެ ނިޔަތުގައި އިހުލާސްތެރިކަމާއެކީގައި ދެއްކެވި ވާހަކަތަކެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެ ފޮތުގައި ކެންޑިޑޭޓަކަށްވުމަށްޓަކައި ފޯމުލެއްވި ދުވަހު ނިކުމެވަޑައިގެން ނޫސްވެރިންނާ ދެއްކި ވާހަކަފުޅުން ފެށިގެން ދެ ބުރުގައި ހުރިހާ ރަށަކަށާއި ހުރިހާ ތަނެއްގައި ދެއްކި ހުރިހާ ވާހަކަފުޅަކާއި އިންތިހާބު ކާމިޔާބު ވުމަށްފަހު ދެއްކެވި ހުރިހާ ވާހަކަފުޅެއްވެސް އަކުރުން އަކުރަށް އެ ފޮތުގައި ލިޔެފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ ފޮތުގައި ހުރިހާ ވައުދެއްވެސް ހިމެނޭނެ ކަމަށާއި އެކަން އެގޮތަށް ކުރައްވަނީ އެއްވެސް ކެމެއް ފޮރުވަން ބޭނުން ނުވާތީ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެ ފޮތުން ހުރިހާ ވާހަކައެއްވެސް ފެނިގެންދާނެ ކަމަށާއި އެ ފޮތުގައިވާ ކަންތައްތައް އަމަލީ ގޮތުން ކޮށްދިނުމަށް ނިކުންނަވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ޓީމު އޮންނެވީ އެކަމަށް ތައްޔާރުވެގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެ ފޮތުގައިވާ ގޮތަށް ކަންކުރެވޭތޯ ނޫސްވެރިން ބައްލަވަން މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

މުއިއްޒު ރައީސްކަމުގެ ހުވާކުރައްވަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައެވެ.