އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ހިނގަމުންދާ ވަގުތު އިސްލާމީ މަރުކަޒުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް ބަންދުނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ، މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހުކުރު ދުވަހު ހަވީރު 4:45ގައި ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވީނަމަވެސް އިސްލާމީ މަރުކަޒުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް ބަންދުކުރުމަށް ހަމަޖެހިފައިނުވާ ކަމަށެވެ.

މި ރަސްމިއްޔާތާ ގުޅިގެން އެދުވަހުގެ އަސުރު ނަމާދާއި މަގްރިބު ނަމާދަށް އަންނަ މީހުން އިސްލާމީ މަރުކަޒުގެ ދެކުނު ފަޅި، ( މެދުޒިޔާރަތްމަގު) ކުރީގެ ދިރާގުގެ މައި އޮފީސް ހުރި ފަޅިއާއި އަދި އިރުމަތީ ފަރާތު ނޭޝަނަލް އާޓް ގެލެރީ ހުންނަ ފަޅި ބޭނުން ކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކު މުއިއްޒު ވެގެންދާނީ ދިވެހި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސަށެވެ. ފުރަތަމަ ޖުމްހޫރިއްޔާ އާއެކު ގުނާނަމަ އަށްވަނަ ރައީސުލްޖުމްހޫރިއްޔާއެވެ.

މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ މަސައްކަތްތައް ކުރުމަށް 22.9 މިލިއަން ރުފިޔާ އަށް ސިވެކާ ހަވާލުކޮށްފައެވެ. ރަސްމިއްޔާތަށް ތަން ތައްޔާރުކުރުމަށްޓަކައި ޖުމްހޫރީ މައިދާނުގައި މިހާރު ވަނީ މަސައްކަތް ފަށައިފައެވެ. އެގޮތުން އެ ސަރަހައްދު ވަށައި ފެންސް ޖަހައި، ހުދު ކުލައިގެ ބޮޑު ޓެންޓެއް ވެސް ވަނީ ހަރުކޮށްފައެވެ.