"ވެށި" ސްމޯލް ގްރޭންޓް ޕްރޮގްރާމްގެ ދަށުން 7 ފަރާތަކަށް މާލީ އެހީ ފޯރި ކޮށްދިނުމަށް އެންވާރަމެންޓް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ބުނީ މިއީ ނުރައްކާތެރި ކުންޏާއި ކެމިކަލްގެ ސަބަބުން ޖައްވަށް ބޭރުވާ ވިހަ މާއްދާތައް މަދުކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި އެފަދަ ތަކެތި ނައްތާލުމަށް ފެށި ޕްރޮގްރާމެއް ކަމަށެވެ.

ގްލޯބަލް އެންވާރަންމަންޓް ފެސިލިޓީގެ ހިލޭ އެހީގައި ކުރިއަށް ގެންދާ އެލިމިނޭޓިންގް ޕޮޕްސް ޕްރޮޖެކްޓުން އިސްނަގައިގެން "ވެށި" ސްމޯލް ގްރާންޓް ޕްރޮގްރާމް ފަށާފައި ވަނީ މިއަހަރުގެ މެއި މަހުއެވެ.

ޕްރޮގްރާމުގައި ބައިވެރިވުމަށް ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއާތްތަކުގެ އިތުރުން ކުލަބްތަކާއި ތައުލީމު ކުރިއަރުވާ އިދާރާތަކަށްވެސް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ބައިވެރިވި ފަރާތްތަކުގެ ތެރެއިން 7 ފަރާތަކަށް މި ޕްރޮގްރާމުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެންވާރަމެންޓް މިނިސްޓްރީން ވަނީ މައުލޫމާތު ދެއްވާފައެވެ.

ޕްރޮޖެކްޓްގެ ފަންޑު އަދަދު ކަނޑައަޅަނީ ޕްރޮޕޯސް ކުރާ ބަޖެޓާއި ކުރާ މަސައްކަތުގެ ސްކޯޕަށް ބަލާފައެވެ. މި ގްރާންޓުގެ ދަށުން ކަނޑައަޅާފައި ވަނީ ކޮންމެ ޕްރޮޖެކްޓަކަށް ގިނަވެގެން 750،000 ރުފިޔާއެވެ. ފައިސާ ދޫކުރުމަށް ނިންމާފައި ވަނީ ޓްރާންޗް އުސޫލުން ބަހާލައިގެންނެވެ.

ފައިސާގެ އެހީ ނަހަމަ ގޮތުގައި ބޭނުންކޮށްފިނަމަ ނުވަތަ ރަނގަޅު ސަބަބަކާ ނުލާ ޕްރޮޖެކްޓް ކުރިއަށް ނުދާ ނަމަ މައްސަލައިގެ ހާލަތަަށް ބަލާ ފައިސާގެ ފުރިހަމަ އަދަދު އަނބުރާ ދެއްކުމަށް ނިންމުމުގެ ފުރިހަމަ ބާރު މިނިސްޓްރީއަށް ވަނީ ލިބިފައެވެ.