ކެމްޕެއިންގައި ދެއްކި ހުރިހާ ވާހަކަތައް ހިމެނޭ ފޮތެއް ނެރުވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ ނޫސްވެރިނާ ބައްދަލުކުރެއްވުމަށް ރޭ ސޯސަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ އެމަނިކުފާނު އެންމެ ފުރަތަމަ ދުވަހު ދެއްކި ވާހަކައިން ނިންމާލައްވަނީ ނޫން ކަމަށާއި މިއަދާ ހަމައަށް އައި އިރު ދައްކަމުން ދިޔަ ހުރިހާ ވާހަކައެއްވެސް ދިމާވާނެ ކަމަށެވެ. އަދި ތަފާތު ވާހަކައެއް މިހާތާކަށް ދައކަވާފައި ނުވާނެ ކަމަށާއި މައިކެއް ކައިރީގައި ހުންނަވައިގެން ދެއްކެވި ކޮންމެ ވާހަކައަކީ އެ ކަމެއް ކުރަން ބޭނުންވެގެން ހިތުގެ އަޑިން، އެކަން ގަބޫލުކޮށް ކުރުމުގެ ނިޔަތުގައި އިހުލާސްތެރިކަމާއެކީގައި ދެއްކެވި ވާހަކަތަކެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ބުދަ ދުވަހު ރޭ ބާއްވާ ހަފްލާއެއްގައި ފޮތެެއް ނެރެން ނިންމަވާފައިވާ ކަމަށެވެ. އެ ފޮތުގައި ކެންޑިޑޭޓަކަށްވުމަށްޓަކައި ފޯމުލެއްވި ދުވަހު ނިކުމެވަޑައިގެން ނޫސްވެރިންނާ ދެއްކި ވާހަކަފުޅުން ފެށިގެން ދެ ބުރުގައި ހުރިހާ ރަށަކަށާއި ހުރިހާ ތަނެއްގައި ދެއްކި ހުރިހާ ވާހަކަފުޅަކާއި އިންތިހާބު ކާމިޔާބު ވުމަށްފަހު ދެއްކެވި ހުރިހާ ވާހަކަފުޅެއްވެސް އަކުރުން އަކުރަށް އެ ފޮތުގައި ލިޔެފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެ ފޮތުގައި ހުރިހާ ވައުދެއްވެސް ހިމެނޭނެ ކަމަށާއި އެކަން އެގޮތަށް ކުރައްވަނީ އެއްވެސް ކެމެއް ފޮރުވަން ބޭނުން ނުވާތީ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެ ފޮތުން ހުރިހާ ވާހަކައެއްވެސް ފެނިގެންދާނެ ކަމަށާއި އެ ފޮތުގައިވާ ކަންތައްތައް އަމަލީ ގޮތުން ކޮށްދިނުމަށް ނިކުންނަވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ޓީމު އޮންނެވީ އެކަމަށް ތައްޔާރުވެގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެ ފޮތުގައިވާ ގޮތަށް ކަންކުރެވޭތޯ ނޫސްވެރިން ބައްލަވަން މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.
މުއިއްޒު ވިދާޅުވީ ނޫސްވެރިންނާ ގުޅިގެން ރައްޔިތުންނަށް ހިދުމަތް ކުރަން ނިކުންނަވާ ހުންނެވި ކަމަށާއި އެކަން އެންމެން ގުޅިގެން ކާމިޔާބުކުރައްވާނެ ކަމަށެވެ.