އާ ސަރުކާރުގައި 8 ކުންފުނީގެ މެނޭޖިން ޑިރެކްޓަރުންގެ މަގާމުގައި ތިއްބަވާނީ އަންހެން ބޭފުޅުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ ނޫސްވެރިނާ ބައްދަލުކުރެއްވުމަށް ރޭ ސޯސަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރު ކުރިއަށް ގެންދިއުމުގައި އަންހެނުން ހިއްސާ ބޮޑުކުރާނެ ކަމަށް މީގެ ކުރިންވެސް ވިދާޅުވިކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެގޮތުން މި ފަހަރު ދައުލަތުގެ މީޑިއާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރަކަށްވެސް ވަޑައިގަންނަވާނީ އަންހެން ބޭފުޅެއް ކަމަށެވެ.

އެ ބައްދަލުވުމުގައި އެ މަގާމަށް އައްޔަންކުރައްވާނެ އަންހެން ބޭފުޅާ އިންނެވިކަން ވެސް މުއިއްޒު ވަނީ ފާހަަގަކުރައްވާފައެވެ.

މުއިއްޒު ވިދާޅުވީ މަދު ވެގެން ދައުލަތުގެ 8 ކުންފުނީގެ މެނޭޖިން ޑިރެކްޓަރުންގެ މަގާމުގައި ތިއްބަވާނީ އަންހެން ބޭފުޅުން ކަމަށާއި އެއީ މިހާތަނަށް އެންމެ ގިނަ އަދަދު ކަމަށެވެ. އަދި މީގެ ކުރިން ދެ ކުންފުންޏަށްވުރެ ގިނަ ކުންފުނި ހިންގުމަށް އަންހެން ބޭފުޅުން ތިއްބަވާފައި ނުވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރު މިނިސްޓްރީގެ ތެރެއިން 3 މިނިސްޓްރީއެއްގެ މިނިސްޓަރުކަމުގެ އިތުރުން މަދުވެގެން 8 ކުންޏެއް ހިންގުމަށް އަންހެން ބޭފުޅުން ތިއްބަވާއިރު އެމްއެންޔޫގެ ވައިސް ޗާންސެލަރުކަން ކުރައްވާނީ ވެސް އަންހެން ބޭފުޅެއް ކަމަށެވެ.

އަންހެން ބޭފުޅުން މަތި ފަޑީގައި އިތުރުކުރުމަކީ ވައުދެއް ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެކަންތައް ކުރަން ބޭނުންވަނީ ދައުލަތް ހިންގުމުގައި ފުރިހަމަ ހިއްސާ ދެެވެން ޖެހޭނެ ބައެއް ކަމުގައި ގަބޫލުކުރައްވާތީ ކަމަށެވެ. އަދި ބޭނުންފުޅުވަނީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައިވެސް ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެވަޑައިގަންނަވަން ކަމަށާއި ރައްޔިތުންގެ ފަރާތުން މަޖިލީހުގައި ވަކާލާތު ކުރައްވާ ބޭފުޅުންނަކީ ވީހާވެސް ގިނަ އަންހެން ބޭފުޅުންނަށް ވެވަޑައިގަންނަވަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ އެގޮތުގައި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.