މާލޭ ސަރަހައްދުގައި މީޑިއާތައް ހިންގުމަށް ހާއްސަ މީޑިއާ ވިލެޖެއް ގާއިމް ކޮށްދެއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
މުއިއްޒު މިހެން ވިދާޅުވީ، "ނޫސްވެރިންގެ ގުންޒަރު" ނަމުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަަމުންނެވެ. އެ ހަފްލާގައި މުއިއްޒު ވަނީ، ނޫސްވެރިންގެ ކަންބޮޑުވުންތަކާއި ދާއިރާ ތަރައްގީކުރުމާ ގުޅޭގޮތުން ނޫސްވެރިންގެ ހިޔާލު އައްސަވާފައެވެ.
ނޫސް މީޑިއާތައް ހިންގާ ތަންތަން ހޯދުމަށް ބޮޑު ކުއްޔެއް ދައްކައިގެން ހަރަދުކުރަން ޖެހުން ފަދަ ކަންބޮޑުވުންތައް ނޫސްވެރިން ފާޅުކޮށްފައިވާއިރު އެކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ، އެކި ތަންތަން ކުއްޔަށް ނަގައިގެން އޮފީސް ހަދަން ޖެހުމަކީ ކަންބޮޑުވުމެއް ކަމަށާއި ނަމަވެސް، އެއީ އެއް ދުވަހުން ހައްލު ގެނެވޭނެ ކަމަކަށްނުވި ނަމަވެސް ޕްލޭނެއްގެ ތެރެއިން އެ ކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.
މިގޮތުން ކުރިއަށް އޮތް ތަނުގައި އެ ކަމަށް ޓަކައި މާލެ ސަރަހައްދުގައި މީޑިއާ ވިލެޖެއް ގާއިމްކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ދާއިރާގެ ތައުލީމް ހާސިލްކުރުމަށް ޓަކައިފަހި ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން މީޑިއާގެ ނޫސްވެރިކަމުގެ ދާއިރާގެ ކޯސްތަކުގައި ކޮންމެ އަހަރަކު ވެސް ވަކި އަދަދެއްގެ ކޯސްތަކުގައި ސްކޮލަޝިޕް ދީގެން ހިލޭ ކިޔެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މީޑިއާ ކުރިއެރުވުމަށާއި ނޫސްވެރިކަން ކުރިއެރުމަށް ދިމާވެފައިވާ ފައިސާގެ ދަތިކަން ހައްލުކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއް ހަމަޖެއްސުމަށް ކެމްޕެއިން ތެރޭގައި ވައުދުވެވަޑައިގެންފައި ވާނެ ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް 49.5 ބިލިއަން ރުފިޔާގެ ބަޖެޖު މަޖިލިހަށް ފޮނުވުމުގެ ކުރިން އިންތިހާބީ ރައީސްގެ އޮފީހަށް ލިބުނު ފުރުސަތުގައި ގިނަ ނޫސްވެރިންނާ މަޝްވަރާ ކުރެވިފައި ނުވާތީ ވަކި ޕަސެންޓެއް މީޑިއާތަކަށް ދޭން ބަޖެޓުގައި ހިމަނާފައި ނުވި ނަމަވެސް މަޖިލިހުގެ ތެރެއިން އެކަން ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މުއިއްޒު ވަނީ ނޫސްވެރިންނަށް ވަކި އިންސައްތައެއް ކަނޑައެޅުމަށްޓަކައި އެއްބާރުލުން ދެއްވުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ މެންބަރުންގެ އަރިހުން އެކަމަށް އެއްބާރުލުން ދޭން އެދިވަޑައިގަންނަވާފައެވެ. އަދި މިފަހަރު ފާސްވާ ބަޖެޓުގައި އެ މެންބަރުން އެކަން ކޮށްދެއްވައިފިނަމަ އެކަމަށް ޖާގަ ފަހިވާނެ ކަމަށާއި އެކަން އެގޮތަށް ކުރައްވަން ބޭނުންވެ ވަޑައިގަންނަވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި ރައްޔިތުންނަށް ހިދުމަތް ކުރަން ނިކުންނަ މީހަކު ރައްޔިތުންނަށް ފޮރުވަންޖެހޭ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.
ރައްޔިތުން ކަމަކަށް އެދެފިނަމަ އެކަމެއް ސާފުކޮށް ބަޔާންކޮށްދޭންޖެހޭނެ ކަމަށާއި އެމަނިކުފާނުގެ ކެބިނެޓާއި ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިއްބަވާނީ އެ ވިސްނުމުގައި މަސައްކަތް ކުރައްވާނެ ބޭފުޅުން ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.