އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި މެލިސާ ޖޫދާގެ އާއިލާ ޝަހީދުވެގެން ދިޔައިރު، މެލިސާގެ މޭކަށިގަނޑު ފަޅައިގެން ގޮސް ބުރަކަށިން ތިރި ވަނީ ވާގި ނެތިފައެވެ.

އިޒްރޭލުން ގާޒާއަށް ބޮން އެޅިތާ ދެވަނަ ހަފުތާގެ ތެރޭގައި އެއްރެއަކު ފަތިހު 4:00 އެހާކަން ހާއިރު ޔާސްމީން ޖޫދާއަށް ހޭލެވުނީ އޭނާގެ ފޯނު ހުއްޓުމެއް ނެތި ރިންގުވަމުން ދިއުމުންނެވެ.

ހައިރާންކަން އޭނާއަށް ގެނުވީ އޭނާގެ މުޅި އާއިލާ ޝަހީދުވެގެން ދިއުމާ ގުޅިގެން ތައުޒިޔާ ކިޔުމަށް މީހުން ގުޅާކަން އެނގުމުންނެވެ.

ފަތިސް ގަޑީގައި ބިރުން ހުރެ ދުވަމުން ގޮސް އޭނާގެ މައިންބަފައިން ދިރިއުޅެމުން ދިޔަ ގެއާ ދިމާލަށް ދެވުނު އިރު، އިޒްރޭލުން ދިން ހަމަލާގައި ގެ ވަނީ ފުނޑުފުނޑު ވެ ބިމާ ހަމަވެފައެވެ.

ހަތަރު ފަންގިފިލާއަށް އިމާރާތް ކޮށްފައިވާ އެގެއަށް އިޒްރޭލުގެ މިސައިލެއް އަމާޒުވެ، އެތައް ސަތޭކަ ބަޔަކު އިމާރާތުގެ ގާކުނޑިތަކުގެ ދަށުގައި ވަޅުލެވުނު އިރު، ޔާސްމީން އާއިލާއިން ތިބީ ނިދާފައެވެ.

އިމާރާތުގެ ކުނިތަކުގެ ދަށުން ހަށިގަނޑަކަށް ފަހު ހަށިގަނޑެއް ނަގަމުން ދިޔައިރު، ހަދާނެ ގޮތެއް ނޭނގިފައި ހައިރާން ކަމާއެކު ޔާސްމީން އަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފުރަތަމަ ފިޔަވަޅު އެޅި ޔަސްމީނުގެ އެއްބަނޑު އެއްބަފާ އަންހެނެއްގެ އަންހެން ދަރިފުޅު، އުމުރުން 16 މަހުގެ މެލިސާ ވެސް އިމާރާތުގެ ކުނިތަކުގެ ދަށުން ނެގިއެވެ. ހަމަހިމޭން ކަމާއެކު އޮތުމުން އެންމެންވެސް ހީކުރީ މެލިސާ ވެސް ދުނިޔެ ދޫކޮށް ދިޔައީ ކަމަށެވެ.

އިޒްރޭލުގެ ވައިގެ ހަމަލާގައި ވެއްޓުނު އިމާރާތުގެ ދަށުވެ މެލިސާގެ ސްޕައިނަލް ކޯޑަށް ގެއްލުންވެ މެލިސާގެ ބުރަކަށިން ތިރި ވާގިނެތިގެން ދިޔައީއެވެ.

"އެންމެން ވެސް ޝަހީދުވެގެން ގޮސްފި. އަހަރެންގެ އެއްބަނޑު އެއްބަފާ ފަސް މީހުން ވެސް އިޒްރޭލުން ޝަހީދު ކޮށްލި. އަހަރެންގެ މަންމަ. އަހަރެންގެ ބޮޑުދައިތަ. އެމީހުންގެ އަންހެން ދަރިންނާއި، އެމީހުންގެ ފިރިހެން ދަރިން. އަދި އަހަރެންގެ އެއްބަނޑު މީހެއްގެ ފިރިމީހަވެސް."
ޔަސްމީން

"އަހަރެން އަނބުރާ އެމީހުން ބޭނުން. އެމީހުން އަނބުރާ އަހަރެންގެ ގާތަށް ގެނޭ." އަލް އަގްސާ ހޮސްޕިޓަލުގައި ހުރެ ވާހަކަ ދައްކަމުން ޔަސްމީން ބުންޏެވެ.

ޔަސްމީން އޭނާގެ އެންމެ ގާތް އާއިލާގެ ތެރެއިން ޝަހީދުވި 32 މީހުން ގުނާފައި ވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މެލިސާގެ ބައްޕަ އާއި އޭނާގެ މައިންބަފައިންނާއި އޭނާގެ އެއްބަނޑު އެއްބަފާ ދެބެއިންނާއި ދަރިން ވެސް ހިމެނޭހެން ޖޫދާ އާއިލާގެ ޖުމްލަ 68 މީހުން ވަނީ ޝަހީދުވެފައެވެ.

އާއިލާ މަރުވުމުގެ ހަފުތާތަކެއް ކުރިން ފުރަތަމަ ފިޔަވަޅު އެޅި މެލިސާ މިހާރު ވަނީ ޕެރެލައިޒްވެފައި

ތަކުލީފުން ފުރިފައިވާ މުސްތަގްބަލެއް

އަލްއަގްސާ ހޮސްޕިޓަލުގެ ކަށީގެ ޑޮކްޓަރު ވިދާޅުވީ މެލިސާ އަށް ފަލަސްތީނުން ބޭރުން ބޭސްފަރުވާ ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

ޑޮކްޓަރު އައިމަން ހާބް ވިދާޅުވި ގޮތުގައި ޓީ12 ގެ ކަށިގަނޑުގައި ގިނަ އަދަދެއްގެ ޒަހަމްތަކެއް ހުރުމުގެ އިތުރުން ސްޕައިނަލް ކޯޑް ފަޅައިގެން ގޮސްފައި ވުމުން އެހިސާބުން ތިރި ބޭނުމެއް ނުކުރެވެއެވެ.

"މެލިސާ ޖިސްމާނީ ގޮތުން ސިއްހަތު ރަނގަޅު ނަމަވެސް، މެއިން ތިރި ވަނީ އެއްކޮށް ވާގި ނެތިފައި. ފިޒިއޮތެރަޕީއާއި މޯރަލް ސަޕޯޓަކީ މިވަގުތައް އެންމެ މުހިންމު ކަންތައް."
އައިމަން އަލް ހާބު

ޑޮކްޓަރު ފާހަގަކުރެއްވި ގޮތުގައި މެލިސާގެ ހަށިގަނޑަށް އެ ޒަހަމްތައް ލިބިފައި ހުރުމުން އޭނާއަށް އިންފެކްޝަނާއި ކޮމްޕްލިކޭޝަންތައް ކުރިމަތިވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އޭގެ ސަބަބުން ގިނަ ގުނަވަންތައް ފެއިލްވުމުގެ ފުރުސަތު އެބައޮތެވެ.

"އަހަރެމެން މިހާރު މަސައްކަތް ކުރަމުން މިދަނީ އަހަރެމެންގެ މެޑިކަލް ޓެކްސްޓް ފޮތްތަކުން ދުވަހަކުވެސް ނުފެނުނު ކޭސްތަކަށް." އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ޕެރަލައިޒް ވެފައިވާ 12 ޕޭޝަންޓުން މިހާތަނަށް އޭނާގެ ފަރުވާގެ ދަށުގައި އެބަތިބި ކަމަށް ވިދާޅުވިއެވެ.

މެލިސާއަށް ފަރުވާ ދެވި މުޅިން ރަނގަޅުވުމަށް އޮތް ފުރުސަތުތަކާ ބެހޭގޮތުން ސުވާލު ކުރުމުން ޑޮކްޓަރު ހާބް ހުންނެވީ މާޔޫސް ވެފައެވެ.

"އެކުއްޖާގެ މުސްތަގުބަލަކީ ތަކުލީފުގެ ތެރެއިން ވާނޭ މުސްތަގުބަލެއް. އުމުރުގެ ބާކީ ބައި އެކުއްޖާ ހޭދަކުރަން ޖެހޭނީ ފުރޮޅުލީ ގޮނޑިއެއްގައި." ޑޮކްޓަރު ވަރަށް ސާފުކޮށް ވިދާޅުވިއެވެ.

އަލްއަގްސާ ޝަހީދުންގެ ހޮސްޕިޓަލުގެ ކަށީގެ ޑޮކްޓަރުންގެ ޑިޕާޓްމަންޓްގެ އިސްވެރިޔާ ޑރ.އައިމަން ހާބް

ގާޒާގައި ހިންގަމުން އަންނަ އެހެން މެޑިކަލް ފެސިލިޓީތަކެކޭ އެއްފަދައިން އެ ހޮސްޕިޓަލުވެސް ހިންގަމުން އައީ ސޯލާ އިން ހިންގަމުން އަންނަ ޖަނަރޭޓަރުތަކުންނެވެ. ނަމަވެސް އެ ޕެނަލްތައްވެސް ހަލާކު ކޮށްލާފައި ވުމުން މިހާރު އެއީވެސް އަނދިރިކަމުން ފުރިފައިވާ ހޮސްޕިޓަލެކެވެ.

އަލްއަގްސާ ހޮސްޕިޓަލަކީ މިހާރު އިޒްރޭލުގެ އަސްކަރިއްޔާއިން ހަމަލާތައް ދެމުން އަންނަ ގާޒާ ސިޓީގެ އަލްޝިފާ ހޮސްޕިޓަލް ފަދަ ބޮޑު ސެންޓްރަލް ހޮސްޕިޓަލެއް ނޫނެވެ. އެއީ ހަމައެކަނި ދީރު އަލް ބަލާ އަވަށަށް ހިދުމަތް ދިނުމަށް ހަދާފައިވާ ތަނަކަށް ވާއިރު އެތަނުގައި ތިބީ އެންމެ 16 ޑޮކްޓަރުންނެވެ.

އެހެންނަމަވެސް، މިހާރު ހިނގަމުންދާ ހަމަލާތަކުގެ ސަބަބުން، ގަޒާގެ ބަލިމީހުންގެ އާބާދީ ވަނީ ވަރަށް ބޮޑަށް އިތުރުވެ، ކެޕޭސިޓީއަށް ވުރެ އެތައް ގުނައެއް އިތުރު ބަލިމީހުންނަށް ފަރުވާދޭން ޖެހިފައެވެ.

"ދިރިއުޅުން ހަލާކުވެފައިވާ ބަލިމީހުން ފެނުނަސް ރޯނެ ވަގުތެއްވެސް އަހަރެމެންނަކަށް ނުވޭ. ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ދަންވަރު 3:00 އަށް 30 ބޮޑު ކޭސް އަދި 15 ކުދި ކޭސްތަކުގެ އޮޕަރޭޝަންތައް އަހަރެމެން ކުރަން."
އައިމަން އަލް ހާބް

އިޒްރޭލުން ދިން ހަމަލާގައި މެލިސާގެ މަންމަ ޝަހީދުވެގެން ދިޔައީ އޭނާގެ ބަނޑަށް ނުވަ މަހުގައެވެ. އެ ހަމަލާގައި އޭނާގެ ބަނޑުގައި އޮތް އެއްމާބަނޑު ދެކުދިންވެސް ވަނީ ޝަހީދުވެގެން ގޮސްފައެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 11،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު އޭގެ ތެރެއިން 8،000 މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ. އިޒްރޭލުން ގާޒާގެ އުތުރުގެ ހޮސްޕިޓަލްތަކަށް ދެމުން ގެންދާ ހަމަލާތައް ވަރުގަދަވެ، ވަސީލަތްތަކާއި މުވާސަލާތީ ހިދުމަތްތައް ކަނޑާލާފައި ވާތީ، ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ޝަހީދުވި މީހުންގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުގެ މީޑިއާ އޮފީހުގެ ޑިރެކްޓާ ޖެނެރަލް އިސްމާއިލް ތަވާބްތާ ވިދާޅުވީ މިހާތަނަށް ފަލަސްތީނުގެ 11،180 މީހުން ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި 4،607 ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.

އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ 3،000 އަށް ވުރެ ގިނަ މީހުން އިމާރާތްތަކުގެ ކުނިތަކުގެ ދަށުގައި އެބަތިބި ކަމަށާއި އޭގެ ތެރޭގައި 1،700 ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.

މިހާރު ދީރް އަލް ބަލާގައި އޭނާގެ ބޮޑުދައިތައާ އެކު ދިރިއުޅެމުން އަންނަ މެލިސާ އިންތިޒާރު ކުރަމުން ދަނީ އިތުރު ބޭސްފަރުވާ އަށް މިސްރުގެ ރަފާހު ބޯޑަރު ހުރަސްކޮށް ގާޒާއިން ނުކުތުމުގެ ހުއްދަ ލިބޭނެ ދުވަހަކަށެވެ.

ޔަސްމީން މެލިސާ ކައިރީގައި

"މި ދުނިޔޭގައި ބާކީ ހުރި އަހަރެންގެ ހުރިހާވެސް އެއްޗަކީ [މީހަކީ] މިހާރު މެލިސާ." ޔަސްމީން ބުންޏެވެ.

އޭނާގެ އެހެން އުންމީދެއްވެސް އެބައޮތެވެ. "އަހަރެން ބޭނުން މެލިސާ ހިނގަން. އޭނާ ދިރިއުޅޭނީ ކިހިނެއް ކަމެއްވެސް އަހަންނަކަށް ނޭނގޭ." ނިންމާލަމުން ޔާސްމީން އަސަރާއެކު ބުނެލިއެވެ.