ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ ތަމްރީނަށް ބައިވެރިން ހޮވުމުގެ މަރުހަލާ މާލެ ސިޓީގައި ފަށައިފިއެވެ.

އޯލެވެލް ނިންމާ ކުދިންގެ ތެރެއިން އޭލެވެލްއަށް ނުދާ ކުދިންނާއި ވަޒީފާ ހޯދުމަށް ދަތިވާ ކުދިންނަށް އަސްކަރީ ތަމްރީނު ހެދުމަށް ގާނޫނަކުން މަޖުބޫރު ކުރުވާ ވާހަކަ ރައީސް ހިއްސާ ކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕްރޮގާމުގެ ތެރެއިން އަހަރަކު 1،000 ކުދިން ތަމްރީނު ކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު މިއަދު ވަނީ މޯލްޑިވްސް ނޭޝަނަލް ސާވިސްގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުހާލާ މާލެ ސިޓީގައި ފަށާފައެވެ.

އެކަމާ ގުޅޭ އެންމެ ފަހުގެ ތަފްސީލު ހިއްސާ ކުރަމުން އެމްއެންޑީއެފް އިން ބުނީ، މި މަރުހަލާ އެންމެ ފުރަތަމަ ފަށާފައިވަނީ ޖުލައި 14 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ، އދ. މަހިބަދޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައި ކަމަށެވެ.

އެގޮތުން މި މަރުހަލާގައި ބައިވެރިން އިންޓަވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ފުރިހަމަކުރާނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މޯލްޑިވްސް ނޭޝަނަލް ސާވިސްގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

މޯލްޑިވްސް ނޭޝަނަލް ސާވިސްގެ ތަމްރީނުގެ ފުރަތަމަ ބުރަށް 350 ބައިވެރިން ހޮވުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް އެމްއެންޑީއެފްއިން އިތުރަށް ބުނީ، މި ހިދުމަތަށް މިހާރު ކުރިމަތިލާފައިވާ ފަރާތްތައް ތަމްރީނަށް ނަގަމުން ގެންދާނީ އެޕްލައިކޮށްފައިވާ ތަރުތީބުން ލިސްޓް ތަރުތީބު ކުރުމަށްފަހު، އެ ތަރުތީބަށް ބަލައިގެން ކަމަށެވެ.

އަދި ތަމްރީނުގެ އެއް ބުރު ނިމުމާއެކު ލަސްނުވެ އަނެއް ބުރުގެ ތަމްރީން ފަށާނެ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ. ތަމްރީނުގެ ފުރަތަމަ ބުރަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 1،244 ކުދިން ކުރިމަތިލާފައިވެއެވެ.