ސީދާ އިންފޮމޭޝަން މިނިސްޓްރީއެއް އުފައްދާ ވާހަކަ ވިދާޅުވުނި ނަމަވެސް ސަރުކާރުގެ ވުޒާރާތައް އެކުލަވާލާއިރު އިންފޮމޭޝަން މިނިސްޓްރީގެ މެންޑޭޓު ހިމެނޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ރަސްމީކޮށް ކުރެއްވުމުގެ ކުރިން ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް ދައުވަތު ދެއްވައިގެން މިރޭ، 'ނޫސްވެރިންގެ ގުންޒަރު' ގެ ނަމުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، ނޫސްވެރިކަމާ ގުޅުންހުރި ހުރިހާ ކަމެއް ކުރެވޭނެ މެންޑޭޓް ނުވަތަ އިންފޮމޭޝަމް މިނިސްޓްރީގެ މެންޑޭޓެ ހިމެނޭ ވުޒާރާއެއް އާ ސަރުކާރުގައި ހުންނާނެ ކަމަށެވެ.

އެކަން އެގޮތަށް ކުރައްވަނީ ނޫސްވެރިކަން އިތުރަށް ކުރިއަރުވާ އެދާރާއިން ތަމްރީނާއި ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ / ފޮޓޯ: ދް ޕްރެސް

ރާއްޖޭގެ ބްރޯޑްކާސްޓަރުންނާއި، އޮންލައިން ނޫސްތަކާއި އަދި ރޭޑިއޯ، އެފްއެމްތަކުގެ އިސްވެރިނެރިންގެ އިތުރުން ގިނަ އަދަދެއްގެ ނޫސްވެރިންނަށް ދައުވަތު ދެއްވައިގެން މިރޭ އެވާހަކަ މުއިއްޒު ވިދާޅުވި އިރު ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ރާއްޖޭގައި އިންފޮމޭޝަން މިނިސްޓްރީއެއް ވަނީ ހިންގާފައެވެ. ނަމަވެސް ނޫސްވެރިކަމަކީ ސެލްފް ރެގިއުލޭޓު ކުރާގޮތަށް ހިންގާ ދާއިރާއެއް ކަމަށް ވާއިރު ނޫސްވެރިކަން ރެގިއުލޭޓް ކުރުމަށް، ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އޮއްވައި އިތުރު މިނިސްޓްރީއެއް ހެދުމަކީ ނޫސްވެރިންގެ ތެރޭގައި އެހާ މަގުބޫލު ހިޔާލެއް ނޫނެވެ.

ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ / ފޮޓޯ: ދް ޕްރެސް

މިރޭގެ ބައްދަލުވުމުގައި އާސަރުކާރުން ނޫސްވެރިކަމާ މެދު ގެންގުޅެން އެދޭ ތަސައްވުރުތަކާއި ކުރާ އުއްމީދުތައް ބައެއް އެޑިރަޓަރުން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން މައުލޫމާތު ހޯދާ ލިބިގަތުމުގައި މިހާރަށް ވުރެ ފަސޭހަ އިންތިޒާމުތައް ހަމަޖެހިގެން ދިޔުމާއި ނޫސްވެރިކަމުގެ މިނިވަންކަން ޔަގީންވެފައި އޮތުމުގެ މުހިންމުކަން ބައެއް އެޑިޓަރުން ފާހަގަ ކުރިއެވެ.

މި ފޯރަމްގައި އިންތިހާބީ ރައީސް ވިދާޅުވީ، ފެށިގެން ދާ ސަރުކާރަކީ ނޫސްވެރިންގެ ހުރިހާ ސުވާލުތަކަށް ދެފުށް ފެންނަ ގޮތަށް ޖަބާވުދާރީ ވާނެ ސަރުކާރަށް ވާނެ ކަމަށެވެ.

އަދި އެއީ ކެމްޕެއިންގެ ވައުދެއް ކަމަށާއި ރައްޔިތުންނަށް ފޮރުވާނެ އެއްޗެއް އާ ސަރުކާރުގައި ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ރައްޔިތުންނަށް ހިދުމަތް ކުރަން ނުކުންނަ މީހަކު ރައްޔިތުންނަށް ފޮރުވަން ޖެހޭ އެއްޗެއް އޮވެގެން ނުވާނެ، ރައްޔިތުން ކަމަކަށް އެދެފިނަމަ އެކަމެއް ސާފުކޮށް ބަޔާންކޮށްދެވެން ވާނެ"
ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު ވިދާޅުވީ އެމަނިކުފާނު އެކުލަވާލައްވާފައި ވަނީ އެ ފަލްސަފާގައި މަސައްކަތް ކުރާނެ ވަރުގަދަ ޓީމެއް ކަމަށެވެ. އެގޮތުން ކެބިނާއި ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ވެސް ތިއްބަވާނީ އެ ވިސްނުމުގައި މަސައްކަތް ކުރަން ކެރިވަޑައިގަންނަވާ ބޭފުޅުން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އިތުރަށް މުއިއްޒު ވިދާޅުވީ، ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި ދައުލަތުގެ ބަޖެޓުން މިންވަރެއް ކަނޑައަޅާނެ ވާހަކަ ކެމްޕެއިންގައި ވެސް ވިދާޅުވި ކަމަށާއި، ބަޖެޓް ހުށަހަޅަން ލިބުނު ވަގުތުގެ ކުޑަކަމުން މިފަހަރު ހުށަހަޅާ ބަޖެޓުގައި މިންވަރެއް ކަނޑައެޅިފައި ނެތަސް މާލިއްޔަތު ކޮމިޓީގެ މަރުހަލާގައި މަޝްވަރާ ކުރައްވަން އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން މަޖިލީހުގެ މެންބަރުންގެ ކިބައިން މުއިއްޒު އެކަމަށް އެދިވަޑައިގެން ވިދާޅުވީ، ބަޖެޓުން ދޭން ކަނޑައަޅާ މިންވަރު ދިނުމަށް ހަރުދަނާ އުސޫލުތަކެއް އެކަށައަޅަން ޖެހޭ ކަމަށާއި އެކަންވެސް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ނޫސްވެރިންގެ ތަމްރީނަށް ސްކޮލާޝިޕް ފުރުސަތު ދިނުމާއި، މީޑިއާ ވިލެޖެއް އުފެއްދުމާއި، ކުރިން ހިނގަމުން ދިޔަ '25 މާލަން' ފަދަ އިންތިޒާމެއް ހަމަޖައްސަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.