އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ފަރާތްޕުޅުން ހާއްސަ މަންދޫބެއް ވަޑައިގަތުމަށް ހަމަޖެހެއްޖިއެވެ.

ޗައިނާގެ ހާރިޖީވުޒާރާ އާ ހަވާލާދީ ޗައިނާގެ ދައުލަތުގެ މީޑިއާ، ސީޖީޓީއެން އިން ބުނީ، މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބު އަދި ސްޓޭޓް ކައުންސިލަރު، ޝީއެން ވައި އައިޖިންއެވެ.

ސީއެން ރާއްޖެ ވަދައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި ރާއްޖެ ވަޑައިގަތުމަށްފަހު އަންނަ ހޮނިހިރު ދުވަހު ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގަތުމަށްވެސް ހަމަޖެހިފައިވާ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 17 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައެވެ.

ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކު މުއިއްޒު ވެގެންދާނީ ދިވެހި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސަށެވެ. ފުރަތަމަ ޖުމްހޫރިއްޔާ އާއެކު ގުނާނަމަ އަށްވަނަ ރައީސުލްޖުމްހޫރިއްޔާއެވެ.

މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ މަސައްކަތްތައް ކުރުމަށް 22.9 މިލިއަން ރުފިޔާ އަށް ސިވެކާ ހަވާލުކޮށްފައެވެ. ރަސްމިއްޔާތަށް ތަން ތައްޔާރު ކުރުމަށްޓަކައި ޖުމްހޫރީ މައިދާނުގައި މިހާރު ވަނީ މަސައްކަތް ފަށައިފައެވެ. އެގޮތުން އެ ސަރަހައްދު ވަށައި ފެންސް ޖަހައި، ހުދު ކުލައިގެ ބޮޑު ޓެންޓެއް ވެސް ވަނީ ހަރުކޮށްފައެވެ.