މިދިޔަ ފަސް އަހަރުގެ ތެރޭގައި ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައި އޮތީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ މައްޗަށް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފް އެރުވުމުގެ ގޮތުން މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހް ވިދާޅުވީ، މިސަރުކާރު އައި އިރު، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެފައި ކަމަށާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާ ދެމެދު އޮންނަ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައި ކަމަށެވެ. އަދި ބައެއް އިސްލާމީ ގައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން ކެނޑިފައި އޭރު އޮތުމަކީ، ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ދެރައެއް އަދި ނިކަމެތިކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވަނީ އަލުން ގުޅުން ގާއިމުކޮށް، ބައިނަލްއަގުވާމީ މުޖްތަމައުގައި ދިވެހިރާއްޖެއަށް އަލުން އަނބުރާ އިތުބާރާއި ޔަގީންކަން ހޯއްދެވުމަށް ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރެއްވާފައެވެ.
ރައީސް ވިދާޅުވީ ދިވެހި ހާރިޖީ ހިދުމަތުގެ ދާއިރާއަށް މި ސަރުކާރުން މުހިންމު ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން، ސިވިލް ސާވިސްގައި ނުހިމެނޭ މުޅިން ވަކި ހިދުމަތެއްގެ ގޮތުގައި ހާއްސަ ގާނޫނަކުން ބާރު ލިބިދޭ ހިދުމަތެއްގެ ގޮތުގައި ދިވެހި ފޮރިން ސާވިސް އުފެއްދެވިކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެކަން އެގޮތަށް ކުރެއްވުމުގެ މަގުސަދަކީ، އެއިރެއްގައި އޮންނަ ސަރުކާރަކުން ކަނޑައަޅާ ހާރިޖީ ސިޔާސަތުތައް ދަމަހައްޓައި ނެގެހެއްޓުމުގައި، އެންމެ ފުރިހަމަ މާނައިގައި ރައީސްއަށާއި ސަރުކާރަށް އެހީތެރިވެދިނުން ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވަނީ ކޮވިޑް-19ގެ ވަބާ މުޅި ދުނިޔޭގައި ފެތުރި، ހުރިހާ ގައުމުތަކެއް ފުރަބަންދުގެ ހާލަތުގައި އޮތް އިރު، ހާރިޖީ ހިދުމަތުގައި ތިއްބެވި ބޭފުޅުން ކުރެއްވި ބުރަ މަސައްކަތް ހާއްސަ ގޮތެއްގައި ފާހަގަކުރައްވާފައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގެ ހާރިޖީ ދާއިރާ އިތުރަށް ތަރައްގީވެ، ބައިނަލްއަގުވާމީ މަސްރަހުގައި ދިވެހި ދިދަ މިހާރަށް ވުރެ ވެސް އުހުގައި ވިހުރެމުން ދިއުމަށް އުއްމީދުކުރައްވާ ކަމަށެވެ.