ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން 11 އަހަރަށް ޖަލަށްލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލް ކޮށްފިއެވެ.
އިސްތިއުނާފު އަޑުއެހުން ހައިކޯޓުގައި ތާވަލްކޮށްފައި ވަނީ މިއަދު މެންދުރުފަހު 2:00އަށެެވެ.
މި މައްސަލައިގެ އަޑުއެހުމެއް މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ ބާއްވާފައެވެ. ރައީސް ޔާމީނަށް ކުރި ހުކުމްގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ގޯސްތަކެއް ހެއްދެވި ކަމަށް ބުނެ އިސްތިއުނާފަށް ހުށަހެޅި ނުކުތާތަކުގެ ތެރެއިން މާލީ ބަޔާނުން ނެރުނު ނަތީޖާ ގޯސް ކަމަށް ބުނާ ނުކުތާއަށް ދައުލަތުން ވަނީ އެ އަޑުއެހުމުގައި އެއްބަސް ވެފައެވެ.
ހައިކޯޓުގައި ކުރިއަށް ދިޔަ ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގެ އެ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ދައުލަތަށާއި މައްސަލަ ހުށަހެޅި ފަރާތުން ސާފު ކުރަން ބޭނުންވާ ކަންކަން ސާފު ކުރެއްވުމަށް ސުވާލު ކުރައްވާފައެވެ.
ބުރާސްފަތި ދުވަހުގެ އަޑުއެހުން 3 ގަޑިއިރަށް ވުރެ ގިނަ އިރަށް ކުރިއަށް ގެންގޮސްފައިވާއިރު އަޑުއެހުން ނިންމާލެއްވި އިރު، ހައި ކޯޓުގެ ފަނޑިޔާރުން ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި ޝަރީއަތުން ސާފުކުރަން ބޭނުންވާ ކަންކަން ސާފު ކުރެއްވުމަށް ސުވާލު ކުރައްވާނެ ކަމަށެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ. ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދެވި ރައީސް ޔާމީން ވަނީ ދާދިފަހުން ގެކޮޅަށް ބަދަލުކުރައްވާފައެވެ. އަދި އެއަށްފަހު މިހާރު އެމަނިކުފާނު ހުންނެވީ ރަށު ބަންދެއްގައެވެ.