އާބަންކޯ އިން އިސްނަގައިގެން، ހުޅުމާލޭގައި މަދިރި ނައްތާލުމަށް ހިންގާ 'ޑެންގީ އިޖާބަ' ކެމްޕެއިން އާ ގުޅިގެން ކުރިއަށް ގެންދާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އާބަންކޯ އިން ބުނީ މަދިރި ނައްތާލުމާއި ޑެންގީ އިން ރައްކާތެރިވުމަށް އާއްމުން ހޭލުންތެރި ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މި ކުރެހުމުގެ މުބާރާތުގައި ބައިވެރިވެވޭނީ 5 އަހަރާއި 13 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ކަމަށެވެ.

މިގޮތުން 'ޑެންގީ އިޖާބަ' މި ތީމުގެ ދަށުން ކުރިއަށް ގެންދާ މުބާރާތުގައި ބައިވެރިން ހުށަހަޅާ ކުރެހުމުގައި ހުންނަންވާނީ ޑެންގީ އިން ރައްކާތެރިވުމާ ގުޅުންހުރި ކަންތައްތައްކަމަށް އާބަންކޯ އިން ވަނީ ބުނެފައެވެ. އަދި މި ކުރެހުންތަކުގައި ޑެންގީ އިން ރައްކާތެރިވާނެ ގޮތްތަކާއި، އެކަމާ ގުޅޭ މައުލޫމާތު ނުވަތަ މުޖުތަމައު ހޭލުންތެރި ކުރުމަށް ބާރުއަޅާ ކަންތައްތައް ހިމެނިދާނެކަމަށް އާބަންކޯ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އާބަންކޯ އިން ބުނީ މި މުބާރާތުގައި ހުށައަޅާ ކުރެހުންތަކުގެ ތެރެއިން 1 ވަނަ، 2 ވަނަ، އަދި 3 ވަނަ އަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާކަމަށެވެ އެގޮތުން 1 ވަނަ އަށް ހޮވޭ ކުރެހުމަކަށް 3000 ރުފިޔާ އަދި 2 ވަނަ އަށް 1500 ރުފިޔާގެ އިތުރުން 3 ވަނަ އަށް 500 ރުފިޔާގެ އިނާމެއް ދިނުމަށް ވަނި ހަމަޖެހިފައެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ނޮވެމްބަރު 15 ވާ ބުދަ ދުވަހާ ހަމައެށެވެ. އަދި މި މުބާރާތުގައި ބައިވެރިކުރާ ކުރެހުންތައް ނޮވެމްބަރު 16، 2023 ވާ ބުރާސްފަތި ދުވަހު 9:00 އާއި 14:00 އާ ދެމެދު އާބަންކޯގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

މަދިރި އާލާވުން ހުއްޓުވުމަށާއި، މަދިރި ނައްތާލުމަށް އާއްމުންނާ ގުޅިގެން އާބަންކޯއިން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މީގެ އިތުރުން އާބަންކޯ އިން ވަނީ ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި އާބަންކޯގެ ޓީމު ކެނޑިނޭޅި މަސައްކަތް ކުރަމުން ދާނެކަމުގެ ޔަގީންކަން ދީފައެވެ.