އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިއޭގެ ތަރައްގީގެ މަސައްކަތްތައް ޑރ. މުއިއްޒު މިއަދު ބައްލަވާލައްވާފައިވާއިރު އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ އަރިހުގައި އިންތިހާބީ ނައިބް ރައީސް އަދި ފަރެސްމާތޮޑާ ދައިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް(ސެންބެ) އަދި ޕީޕީއެމް / ޕީއެންސީގެ ބަައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޑރ. މުއިއްޒު, ވީއައިއޭގެ ތަރައްގީގެ މަސައްކަތްތައް ބައްލަވާލައްވާފައިވާއިރު އެއާޕޯޓް ނިންމަން ޔޫއޭއީން 1.2 ބިލިއަން ރުފިޔާ މުއިއްޒު ވަނީ ހޯއްދަވާފައެވެ.
ފިރުޒުލް ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުއިއްޒު ވައުދެވެވަޑައިގެންފައިވާ ފަދައިން އަންނަ އަހަރުގެ ޕީކް ސީޒަނަށް ވީއައިއޭގެ މަސައްކަތް ނިންމުމަށް ބޭނުންވާ ފައިސާ ހޯދުމަށް، އެމަނިކުފާނު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރާއެކު މަޝްވަރާ ކުރެއްވި ކަމަށެވެ.
އެގޮތުން އެ ފައިސާ ހަމަޖައްސަވައި ދިނުމަށް މުއިއްޒު އެދިވަޑައިގަތުމުން އިޖާބަދީ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ވަނީ 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ހަމަޖައްސައި ދޭނެ ކަމުގެ ޔަގީންކަން ދީފައި ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.
އެއާޕޯޓް މަޝްރޫއު ނުނިމި ދިގުލައިގެން ދިއުމާއި އަދި ޑިޒަންތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ކުރިން ކަނޑައެޅުނު އަގަށް ވުރެ އެތައް ތަނެއް މަޝްރޫއުގެ އަގު ބޮޑުވެފައި ވާކަން ފާހަގަ ކުރައްވާ ފިރުޒުލް ވިދާޅުވީ އެ މަޝްރޫއު ނިންމުމަށް 79.80 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ. އެހެންކަމުން ޔޫއޭއީން ދޭން ނިންމި އެހީގައި އެ މަޝްރޫއު ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަންނަ އަހަރުގެ ޕީކް ސީޒަންއަށް ވީއައިއޭ ނިންމަން އާ ސަރުކާރުން އަމާޒު ހިފާފައިވާ އިރު އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ކުރީގައި އެއާޕޯޓް މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ވީއައިއޭއަށް ވަޑައިގަންނަވާނެ ކަމަށް މީގެ ކުރިން އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވަނީ ވިދާޅުވެފައެވެ.