ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލް އަލް ޝިފާގެ ވަށައިގެން ހިނގަމުންދާ ހަމަނުޖެހުންތައް ހޫނުވެ، އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގެ ސަބަބުން އެ ހޮސްޕިޓަލުގެ ކާޑިއެކް ވޯޑު ހަލާކުވެފައިވާ ކަމަށް ފަލަސްތީންގެ ސިއްހީ ވުޒާރާއިން ބުނެފިއެވެ.

ގާޒާގެ ހެލްތު މިނިސްޓަރުގެ ނައިބު ޔޫސުފް އަބޫ އަލް ރިޝް ވިދާޅުވީ، އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި އެ ހޮސްޕިޓަލްގެ ކާޑިއެކް ޑިޕާޓްމަންޓް ހިންގަމުން ދިޔަ ދެ ބުރީގެ އިމާރާތް އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ.

މި ހަމަލާގައި ޝަހީދުވި މީހުން އަދި ޒަހަމްވި މީހުންގެ އަދަދު ސިއްހީ ވުޒާރާއިން ހާމައެއް ނުކުރެއެވެ. މިހާރު އިޒްރޭލުން ގާޒާގެ ހޮސްޕިޓަލްތަކަށް އަމާޒުކޮށްގެން ހަމަލާތަށް ދެމުން އަންނަ އިރު، އެ ހޮސްޕިޓަލުތަކުގައި ތިބި އާންމުން އެ ތަން ދޫކޮށް ދިއުމަށް ވެސް އިޒްރޭލުން ވަނީ އިންޒާރު ދީފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނީ، އަލްޝިފާ، އަލް ރަންތިސީ އަދި އަލްނަސްރު ހޮސްޕިޓަލްތަކުން އާންމުންނަށް ނުކުމެވޭނީ ފައިމަގުގައި ނުވަތަ އެމްބިއުލާންސްގެ އެހީގައި އެ ހޮސްޕިޓަލްތަކުގެ ތެރެއިން ހުޅުވާލާ "ރައްކާތެރި" ވަކި މަގަކުން ކަމަށެވެ. އިސްރާއީލުގެ އިސް އޮފިސަރަކު އަލްޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރާ އެތައް ފަހަރަކު ވާހަކަ ދައްކައި މެޑިކަލް ފެސިލިޓީން ދެވޭނެ މަގުތައް ދައްކާފައި ވާނެ ކަމަށް އެ އަސްކަރިއްޔާ އިން ބުނެއެވެ.

އަލްޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު މުހައްމަދު އަބޫ ސަލްމިއާ އިއްޔެ އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އަލްޝިފާގެ އިމާރާތްތަކަށް އަމާޒުކޮށް، ހޮސްޕިޓަލުގެ ކޮމްޕައުންޑުގެ ތެރެއަށް ނިކުންނަ ކޮންމެ މީހަކަށް ވެސް އިޒްރޭލުގެ ހަތިޔާރު އެޅި ސިފައިން ހަމަލާދެމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އެ ހޮސްޕިޓަލުގެ ސާޖަންއެއް ކަމަށްވާ، ޑރ އަހްމަދު މުހައްލަލަތީ ވިދާޅުވީ، އަލްޝިފާ ހޮސްޕިޓަލުގެ އެތެރޭގެ ހާލަތު އިތުރަށް ގޯސްވަމުންދާ އިރު، އެތަނުގެ އެއްވެސް މީހަކަށް ރައްކާތެރިކަމުގެ އިހުސާސެއް ނުކުރެވޭ ކަމަށެވެ. ހަނގުރާމައިގެ ތެރޭގައި މި ވަގުތު ހޮސްޕިޓަލުގެ ތެރޭގައި ބަލި މީހުންނަށް ފަރުވާ ދެވޭނީ ވަރަށް މަދުން ކަމަށާއި، މެދުކެނޑުމެއްނެތި ވައިގެ ހަމަލާތައް ދެމުންދާ އިރު ޑްރޯންތައް ދަނީ ހޮސްޕިޓަލް ސަރަހައްދުގެ ތެރޭގައި ދައުރުވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ރޭ ދަންވަރު 2 ޖަހާކަންހާ އިރު ކަރަންޓް ކެނޑިފައި އޮތުމުން އެކަން ހައްލު ކުރަން ދިޔަ އިންޖިނިއަރަށް ޑްރޯނަކުން ހަމަލާދީ ޒަހަމްކޮށްލި ކަމަށް ވެސް ސާޖަން ވިދާޅުވިއެވެ. އަދި ޒަހަމްވި މީހާގެ ހަތަރެސްފައި ވަނީ ޕެރަލައިޒްވެފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ހޮސްޕިޓަލް ކޮމްޕްލެކްސްގެ އިރުމަތީ ފަރާތުގައި މީހުންނަށް ނުކުމެވޭނެ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ކުރި އިއުލާނަކީ "ބޮޑު ދޮގެއް" ކަމަށެވެ. އިއްޔެ އިރުމަތީ ފަރާތުން ނުކުންނަން އުޅުނު ފަސް މީހުންގެ އާއިލާއަކަށް ބަޑި ޖަހައި ހަމަލާ ދިނުމުން ޒަހަމްވެފައި ތިބި ހާލުގައި އެމީހުން ވަނީ އެނބުރި ހޮސްޕިޓަލަށް ވަދެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޔަހޫދީ އިޒްރޭލުން އެ ހޮސްޕިޓަލަށް ހަމަލާ ދީ، ކަރަންޓް ވިއުގަ ހަލާކު ކޮށްލި އިރު، އެތާނގައި ވެންޓިލޭޓަރުގައި ތުއްތު ކުދިން ތިއްބެއެވެ. ޑައިލަސިސް ހަދާ މީހުންވެސް ތިއްބެއެވެ. ވިހަން ވައްދާފައި ތިބި މީހުންނާއި، އިޒްރޭލުގެ ހަމަލާތަކުގައި ޒަހަމްވާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކާއެކު ޖުމްލް 5000 މީހުން އެޑްމިޓް ކޮށްފައި ތިއްބެއެވެ.

އެ ހޮސްޕީޓާލްއިން ކަރަންޓް ކެނޑުމުން އޮކްސިޛަން ހުއްޓުމުގެ ސަބަބުން ވެންޓިލޭޓަރުގައި ތިބި 39 ކުދިން ވަނީ މަރުވެފައެވެ.

އަލްޝިފާ ހޮސްޕިޓަލަށް މެދުނުކެނޑި ހަމަލާތައް ދެމުން އަންނަ ތާ ދެ ދުވަސް ވެފައިވާ އިރު، އަލް ގުދުސް ހޮސްޕިޓަލަށް ކަރަންޓާއި ތެޔޮ ނުލިބުމުގެ ސަބަބުން ވަނީ އެ ހޮސްޕިޓަލުން ހިދުމަތް ދިނުން މެދުކަނޑާލާފައި ކަމަށް ފަލަސްތީންގެ ރެޑް ކްރެސެންޓުން ބުނެއެވެ.