ފަލަސްތީން ހިސޯރުކޮށް ގަދަކަމުން ބިންތައް ފޭރި މިހާރުވެސް އިޒްރޭލުން ވަޒަންވެރިވަމުން ގެންދާ އިރު އެކަން އިތުރަށް ފުޅާކޮށް އަލަށް ހިފާ ބިންތަކުގައި ވަޒަންވެރިވުން މަނާ ކޮށް އދ އިން ގަރާރެއް ފާސްކޮށްފިއެވެ.
އަމަލު ކުރުމާއި ނުކުރުން އިޒްރޭލުގެ އަތްމަތީ އޮތް މިގާރު އދ ގެ އާންމު މަޖިލީހުން ފާސްކުރީ 145 ގައުމެއްގެ ވޯޓާއެކުގައެވެ. ދިވެހިރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކުން މި ގަރާރާ އެއްކޮޅަށް ވޯޓު ދީފައި ވާ އިރު މިފަހަރު އިންޑިއާ އިން ވޯޓު ދިނީ މި ގަރާރާ އެއްކޮޅަށެވެ.
އިޒްރޭލުގެ އުދުވާން ހުއްޓާލުމަށް ގޮވާލައި މީގެ ކުރިން ފާސްކުރި ގަރާރަށް އިންޑިއާއިން ވޯޓު ދީފައި ނުފިނަމަވެސް މި ގަރާރަށް ވޯޓު ދިނުމަކީ ހެޔޮ ބަދަލެއް ކަމަށް އޮފިޝަލުން ބުނެއެވެ.
ފަލަސްތީނުގެ ބިންތަކާއި ސީރިއާގެ ގޯލާނުގެ އުސް ބިންތަކުގައި ޔަހޫދީން ވަޒަން ވެރިކުރުން މަނާ ކުރާ މިގަރާރާ ދެކޮޅަށް ވޯޓު ދިން ގައުމުތަކަކީ;
- އެމެރިކާ
- އިޒްރޭލް
- ކެނެޑާ
- ހަންގޭރީ
- މާޝަލް އައިލޭންޑްސް
- މައިކްރޮނީސިއާ
- އަދި ނައުރޫ އެވެ.
18 ގައުމަކުން ވޯޓުގައި ބައިވެރިވެފައި ނުވާ އިރު ގަރާރާ އެއްކޮޅަށް ވޯޓުދިން ބޮޑެތި ގައުމުތަކުގެ ތެރޭގައި ޗައިނާ ވެސް ހިމެނެއެވެ. އަދި ޔޫރަޕްގެ ބައެއް ގައުމުތަކާއި އެމެރިކާ އާއި އިޒްރޭލާ ގާތް ގުޅުންތައް ބާއްވާ އަދި އިޒްރޭލުން މިހާރު ކުރިއަށް ގެންދާ ލާއިންސާނީ ޖަރީމާއަށް ހިތްވަރު ދޭ ބައެއް ގައުމުތައް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް, އޮސްޓްރޭލިއާ އަދި ޖަޕާން ހިމެނެއެވެ.
މި ގަރާރާ އެއްކޮޅަށް ވޯޓު ދިން ބައެއް ގައުމުތަކުން ވޯޓު ކުރިން ބައިވެރިވި ބަހުސްގައި ބުނެފައި ވަނީ, ފަލަސްތީންގެ ބިންތައް ހިފާ ވަޒަންވެރި ވަމުން ގެންދިޔުމަކީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި ގާނޫނާ ހިލާފަށް ނަސްލެއް އެކަހެރި ކޮށް ބާކީ ކޮށްލުމަށް އިޒްރޭލުން ހިންގާ ޖަރީމާ ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ ކަމަށެވެ.
މިފަދަ ކިތަންމެ ގަރާރެއް މީގެ ކުރިންވެސް އދ އިން ފާސްކޮށްފައި ވެއެވެ. ނަމަވެސް އެއިން އެއްވެސް ގަރާރަކަށް އިޒްރޭލުން މިހާތަނަށް ތަބާވެފައެއް ނުވެއެވެ.
އޮކްޓޯބަރު 7, 2023 އިން ފެށިގެން އިޒްރޭލުން ކުރިއަށް ގެންދާ އުދުވާނުގައިވެސް ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އެތައް ޖަރީމާއެއް ދަނީ ހިންގަމުންނެވެ. އެގޮތުން އާންމު ރައްޔިތުން ޝަހީދު ކޮށް ނަސްލު ނައްތާލުމުގެ ނުރައްކާތެރި ޖަރީމާ ހިންގާ އިރު ހަނގުރާމަތަކުގައި ބޭނުން ކުރުން މަނާ ހަރިޔާތެއް ކަމަށް ވާ ވައިޓް ފޮސްފަރަސް ބޮން ވެސް ދަނީ އަޅަމުންނެވެ. އެގޮތުން ގާޒާގައި ހުންނަ ހޮސްޕިޓަލްތަކުގައި ހިމާޔަތް ހޯދައިގެން ތިބި މީހުންނަށާއި ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅޭ މީހުންނަށް އަމާޒުކޮށް ވެސް ވަނީ ފޮސްފަރަސް ބޮން އަޅާފައެވެ.
މިއަދާ ހަމައަށް ހަނގުރާމަ ދިގުލައިގެން އައިއިރު, ޔަހޫދީން މިހާރު ވަނީ ގާޒާގައި ހުންނަ އެންމެ ބޮޑު 4 ހޮސްޕިޓަލަށް ވަށާލާފައެވެ. ގާތްގަނޑަކަށް 65 ފޫޓެއްހާ ކައިރިއަށް ގާތްވެފައި ވާ އިރު, ޓޭންކަރުތަކާއި ސްނައިޕަރުން އެތަންތަނުގެ ވަށައިގެން ތިބެ ހަމަލާ ދެމުން ގެންދާ ކަމަށް ހަބަރުތައް ބުނެއެވެ. އެއިން ކޮންމެ ހޮސްޕިޓަލަކީވެސް ބަލިމީހުންނާއި ހަމަލާތަކުގައި ޒަހަމްވެފައި ތިބި މީހުންނާއި ހިމާޔަތް ހޯދަން ވަދެ ތިބި މީހުންނައިގެން ފުރި ބާރުވެފައި ވާ ތަންތަނަށް ވާ އިރު ވަކިވަކި މީހުންނަށް އަމާޒުކޮށް ބަޑިޖަހާ ޝަހީދު ކުރަމުން ދާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
ގާޒާގެ ސިއްހީ ވުޒާރާއިން ބުނީ އެ 4 ހޮސްޕިޓަލްގައި ޖުމްލަ 120,000 އެއްހާ މީހުން އެބަތިބި ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު ހޮސްޕިޓަލް އަލް ޝިފާގައި އެކަނި 50,000 އެއްހާ މީހުން އެބަތިބި ކަމަށެވެ.
މި ހުރިހާ ހޮސްޕިޓަލަކުން ކަރަންޓް ކަނޑާލާފައި ވާ އިރު, އެތަންތާނގެ ވެންޓިލޭޓަރުތަކާއި އައިސީޔޫތަކުގެ ތިބި މީހުންނާއި ތިއްތުތުއްތު ކުދިންގެ ފުރާނަ ގެއްލި މިދުނިޔެއާ ވަކިވަމުން ދާ ކަމަށް ވެސް ގާޒާގެ ސިއްހީ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
ގާޒާ އެކީއެކަށް ހުސްކޮށް އެންމެން ރަށުން ބޭލުމުގެ ނުބައި ޖަރީމާއެއް ހިންގާ އިރު މިވީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 100,000 އެއްހާ މީހުން ގާޒާގެ އުތުރު ދޫކޮށް ފައިމަގުގައި 40 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތު ކޮށް ދެކުނަށް ވަނީ ގޮސްފައެވެ. އަންހެނުންނާއި ތުއްތު ކުދިންނާއި މުސްކުޅިންނާއި އަމިއްލަ ހާލަށް ހިނގާބިނގާވެ ނޫޅެވޭ މީހުންވެސް މިރާސްތާ ކަޑައްތު ކުރަމުން ދާތަން ފެންނަ މަންޒަރުތައް ބައިނަލްއަގުވާމީ މީޑިއާތަކުން ވަނީ ދައްކާފައެވެ.
އދ އަށް ކުރެވޭހާވެސް ކަމަކީ ތީ. ގަރާރު ވެސް ނެރޭނެ. ގާނޫނުވެސް ހަދާނެ. އިޒްރޭލުން މިހާތަނަށް ދުނިޔޭގައި ހެދުނު ހުރިހާ ގާނޫނަކާ ގަވާއިދެއް މުގުރަމުން ދާތާ 75 އަހަރުވީ. އދ ހޭވައްޓާލާފަ ގަރާރު ފާސްކުރުމުގަ. އެއަށް އަމަލު ނުކުރީތީ މިހާތަނަށް އިޒްރޭލަށް އެއްވެސް ފިޔަވަޅެއް އެޅިފައެއް ނެތް. އދ އަކީ އެމެރިކާގެ ގޮނޑިކޮއްކޮއެއް. ފެއިލް ވެފައިވާ ޖަމްއިއްޔާއެއް.