އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތުއްޕުޅު ދުވަސްވަރު ފުޓްބޯޅަ ކުޅުއްވާހިތުން އުޅުއްވި ކަމަށާއި، އެ ދުވަސްވަރު ފުޓްބޯޅަ ކުޅުއްވަން އެމަނިކުފާނު މަސައްކަތްކުރެއްވި ނަމަވެސް ނުކުޅެވުނު ކަމަށް، މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މުއިއްޒާ ގުޅޭ ގޮތުން ޓީވީއެމަށް ދެއްވި ވީޑިއޯ އިންޓަވިއުއެއްގައި ސާޖިދާ ވިދާޅުވީ، ގޭތެރޭގައި އާއިލާ އާ އެކު ވަގުތު ހޭދަކުރައްވާއިރު ކުދިންނާ އެކީގައި މުއިއްޒު ފުޓްބޯޅަ ކުޅުއްވާ ކަމަށެވެ.
"އެހެން ނަމަވެސް ހަމަ އެއް ދުވަހަކު ވިދާޅުވި ހަމަ، ތިމަންނަ އަށް އަސްލު ފުރުސަތު ލިބުނު ނަމަ ރޮނާލްޑޯ މެން މެސީ މެން ފެންވަރަށް ވެސް ދެވުނީހެއް ނޫންހޭ،" ސާޖިދާ ކިޔައިދެއްވިއެވެ.
ޓީވީއެމަށް ދެއްވި ބަސްދީގަތުމެއްގައި މުއިއްޒު ވިދާޅުވީ، އިސްކަންދަރު ސްކޫލްގައި އެމަނިކުފާނު ތައުލީމް ހާސިލްކުރައްވަން އުޅުއްވި ދުވަސްވަރު ފުޓްބޯޅަ ކުޅުއްވަން ވެގެން ބޫޓު ފަދަ ތަކެތި ބައްލަވާވަޑައިގެންނެވި ކަމަށާއި، އެކަމަކު އެމަނިކުފާނު ޓީމަށް ނުނަންގަވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މަންމާފުޅުގެ ރޭވުމެއް ކަން އެނގިވަޑައިގަތީ ސްކޫލް ދައުރު ނިމުނު ފަހުން ކަމަށާއި، ނަމަވެސް މަންމާފުޅު އެގޮތަށް ކަން ކުރެއްވީ ހެޔޮ އެދިގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ފުޓްބޯޅަ އާ ބެހޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވަނީ އިނގިރޭސި ޕްރިމިއާ ލީގު ބައްލަވަން އަބަދު ވެސް ޝައުގުވެރިކަން ހުންނަވާ ކަމަށް ވިދާޅުވެފައެވެ.
"ދެން މިހާރު މާ ބޮޑަށް ފޫހިވެގެން މި އުޅެނީ، މެންޗެސްޓާ [ޔުނައިޓެޑް] މާ ބަލިކަމުން، އެހެން ނޫނިއްޔާ ބަރާބަރަށް ބަލަން،" މެންޗެސްޓާ ޔުނައިޓެޑަށް ސަޕޯޓުކުރައްވާ މުއިއްޒު ވިދާޅުވިއެވެ.