ޏ. ފުވައްމުލަކު ކަރިއްޔާވިލާ މުހައްމަދު އަމީންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ، ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް އިސްތިއުނާފް ކުރަން ނިންމައިފިއެވެ.

އަމީންގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ބުދަ ދުވަހުއެވެ. އަމީންގެ މައްޗަށް ދައުލަތުން ދައުވާކުރީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާ އެވެ.

ހުކުމާ ގުޅިގެން އަމީންގެ ވަކީލުގެ އިތުރުން އޭނާގެ އާއިލާއިން ނެރުނު ބަޔާނުގައި ބުނީ 2019 ވަނަ އަހަރު އަމީން ހައްޔަރުކޮށް ބަންދުގައި ބަހައްޓާ، ޝަރީއަތް ކުރިއަށް ގެންދިޔައީ ދިގު ދަންމައިގެން ކަމަށާއި ހުށަހަޅާފައިވާ ހެކި ތަކާއި ގަރީނާތަކަށް ބަލާ، ކްރިމިނަލް ކޯޓުން އިއްވި ހުކުމަކީ އިންސާފުވެރި ގޮތަކަށް ކުރި ހުކުމެއް ކަމަށް ނުދެކޭ ކަމަށެވެ.

އަދި މުޅި މައްސަލަ ބިނާކޮށްފައި ވަނީ ހ.މޫންލައިޓް، އަލީ ޝަފީއުއާ ގުޅުވައިގެން ކަމަށާއި އޭނާ ރާއްޖެ ނުގެނެސް ޝަފީއު މީޑިއާތަަކަށް ހިއްސާކޮށްފައިވާ ބަސްދީގަތުންތައް އަމީންގެ ފަރާތުން ކޯޓަށް ހުށަހެޅި ނަމަވެސް މައްސަލަ ނިންމާފައިވަނީ އެކަންކަމަށް ރިއާޔަތް ނުކޮށް ކަމަށް ބަޔާނުގައި ވެއެވެ. މީގެ އިތުރުންވެސް އެ މައްސަލަ ކުރިއަށް ގެންދިޔައިރު އެތައް ކަމެއް ބޭއިންސާފުން ކޮށްފައިވާ ކަމަށް އާއިލާ އިން ވަނީ ތުހުމަތު ކޮށްފައެވެ.

އެގޮތުން އެ ބަޔާނުގައި ފާހަގަކޮށްފައި ވަނީ:

  • އަމީން ހައްޔަރު ކުރުމަށްފަހު ދައުލަތުން އެދިގެން ތަހުގީގަށް ދިގުމުއްދަތެއް ހޭދަކޮށްފައިވާކަމަށް
  • ދައުަތުގެ މަރުހަލާގައިވެސް ޕީޖީން މައްސަލަ ދިގުދެންމުމަށް ކްރިމިނަލް ކޯޓުން އެކުލަވާލި ތާވަލާ އެއްގޮތަށް ޝަރީއަތް ކުރިއަށް ނުގެންދިއުން
  • އަދި ގިނފަހަރު ޝަރީއަތުގެ އަޑުއެހުން ތާވަލު ކުރަނީ ސިޔާސީ ގޮތުން ރާއްޖޭގެ މަސްރަހު ހަލަބޮލިވާ ދަނޑިވަޅުތަކުގައި ރައްޔިތުންގެ ސަމާލުކަން އަނބުރާލުމުގެ މަގްސަދުގައި ކަމަށް
  • މައްސަލައިގެ ހެކި ހުށަހެޅުމުގެ މަރުހަލާ ނިމި ހުލާސާ ބަޔާން އިއްވާ މަރުހަލާގައިވެސް ދައުލަތުގެ ނުފޫޒުން އިތުރު ހެކިން ގެނެސްފައިވުން
  • ހެއްކާ ބެހޭ ގޮތުން ދެކެވުނު ވާހަކައިގައި ދިފާއުން ބަޔާން ކުރި އެއްވެސް ކަމަށް ރިއާޔަތް ކޮށްފައި ނުވުން
  • ހެއްކާ ބެހޭ ގޮތުން ދިފާއުގައު އެތައް ވާހަކައެއް ދައްކާފައިވި ނަމަވެސް ހުކުމް އިއްވުމުގައި ހަމައެކަނި އަމީންގެ ފަރާތުން އިންކާރު ކުރިކަން ފިޔަވާ އެހެން ކަމެއް ފާހަގަ ކޮށްފައި ނުވުން
  • މައްސަލަ ބެއްލެވި ގާޒީގެ ސުލޫކީ މައްސަލަތައް ނަގާ ބިރު ދެއްކުމުގެ އަމަލުތައް ދައުލަތުގެ ފަރާތުން ކޮށްފައި ވުން
  • މިއަހަރުގެ ޖެނުއަރީގައި އިއްވަން ހަމަޖެހިފައިޗާ ހުލާސާ ބަޔާން އެކި ސަބަބުތަކާ ހެދި ލަސްކުރުން

މީގެ އިތުރުންވެސް ގިނަ ކަންތައްތަކެއް އެ ބަޔާނުގައި ހިއްސާ ކޮށްފައިވީއިރު ޝަރީއަތުގެ މަރުހަލާގައި ދިމާވި ގޮންޖެހުމާ ބޭއިންސާފުގެ އިތުރުން އަމީން ބަންދުގައި ބެހެއްޓި ބެހެއްޓުމުގައިވެސް އަނިޔާވެރި އެތައް އަމަލެއް އޭނާ އާ މެދު ހިންގާފައިވާ ކަމަށް އާއިލާގެ ފަރާތުން ވަނީ ބުނެފައެވެ.

އަމީނަކީ އައިއެސް ޖަމާއަތާއި ގުޅިގެން، ދިވެހިން އަފްޣާނިސްތާނުގެ ހުރާސާނަށް ދިވެހިން ފޮނުވި މީހެއް ކަމަށް ތުހުމަތު ކޮށްފައިވާއިރު 2007 ވަނަ އަހަރު ސަލްޓަންޕާކްގެ ބޮމުގެ މައްސަލާގައި ވެސް އޭނާ އަށް ތުހުމަތު ކުރި އިރު މައްސަލާގައި ރާއްޖެއިން ބޭރުގައި އޭނާ ހުއްޓާ އިންޓަޕޯލް ރެޑް ނޯޓިސްއެއްގެ ދަށުން އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނެސްފައި ވެއެވެ.

ނަމަވެސް 2012 ވަނަ އަހަރު އޭނާ ވަނީ ދޫކޮށްލާފައެވެ. އަމީން އަކީ އެމެރިކާއިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެހި މީހާ ކަމަށްވާއިރު އެ ހުރިހާ ތުހުމަތަކަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ.