ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުނިތަކާއި ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ކުންފުނިތަކުން "ޑިއު ޑިލިޖެންސް"އަށް އެދި ހުށަހަޅާއިރު ސައްހަ މައުލޫމާތު ހުށަހެޅުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭއިން ބުނީ، ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުނިތަކާއި ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ކުންފުނިތަކުގެ "ޑިއު ޑިލިޖެންސް" ހެދުމުގެ މަސައްކަތް އެކި ފަރާތްތަކުން ކުރަމުންދާއިރު ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކުގެ ދަށުން އެ ކުންފުންޏާ ގުޅޭގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް އެދި އެ އެޖެންސީއަށް ހުށަހަޅަމުންދާ ކަމަށެވެ.

މިފަދައިން "ޑިއު ޑިލިޖެންސް"އަށް އެދި މި އެޖެންސީއަށް ހުށަހަޅާ ބައެއް ހުށަހެޅުންތަކުގައި މައުލޫމާތު ފުރިހަމަ ނުވުމާއި "ޑިއު ޑިލިޖެންސް" ސާފު ކުރުމަށް އެދޭ ރަށްރަށާއި ފަޅުތަކުގެ ނަންތައް ނުބައިކޮށް ލިޔެފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ވަނީ، "ޑިއު ޑިލިޖެންސް" ސާފު ކުރުމަށް އެދި މި އެޖެންސީއަށް ހުށަހަޅާއިރު، މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީއިން އެ ރަށަކަށް ހާއްސަކޮށްފައިވާ އެފް ކޯޑް ބޭނުންކުރުމަށް އެދިފައެވެ.

އަދި އެފް ކޯޑް ނެތް ފަޅެއްގެ "ޑިއު ޑިލިޖެންސް" ސާފުކުރުމަށް އެދި ހުށަހަޅާނަމަ، އެ ފަޅަކަށް ކަނޑައެޅިފައިވާ ރަނގަޅު ލޮކޭޝަން ބަޔާންކުރެއްވުމަށް ސަމާލުކަން ދިނުމަށް އީޕީއޭއިން ވަނީ އެދިފައެވެ.