ރާއްޖެއަށް ހިޖުރަ ކުރާ މޫސުމީ ދޫނިތައް ނުހިފުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އަންގައިފިއެވެ.

އިރުވައި މޫސުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެއްކަން ފާހަގަކޮށް އީޕީއޭއިން ވުނީ މިގޮތަށް ހިޖުރަކުރާ ދޫންޏަކީ ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ހިމާޔަތް ކުރެވިފައިވާ ދިރުންތަކެއް ކަމަށެވެ. އަދި އެ ދޫނިތައް ހިފާ ގެންގުޅުމަކީ މަނާ ކުރެވިފައިވާ ކަމެއް ކަމަށެވެ.

ރާއްޖެއަށް ހިޖުރަ ކުރާ ދޫނިތައް ރައްކާތެރިކުރުމަކީ ދިވެހިރާއްޖޭގެ ދިރުންތަކުގެ ސިންދަފާތު ނުވަތަ ގުދުރަތީ ވެށީގެ މުއްސަނދިކަން ރައްކާތެރިކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން އިތުރަށް ބުނީ ކޮންމެ އަހަރަކު މިދުވަސްވަރާ ދިމާކޮށް އެފަދަ ދޫނި، ވިޔަފާރި ކުރުމަށާއި މުނިފޫހި ފިލުވުމަށް ހިފާ ގެންގުޅޭކަން އެ އެޖެންސީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ އަމަލުތަކުން ދުރުހެލިވެ ހެދިފައިވާ ގާނޫނާއި ގަވާއިދުތަކަށް ހުރިހާ ފަރާތްތަކުން އަމަލު ކުރުމަށް އެ އެޖެންސީއިން ބާރުއަޅާ ކަމަށެެވެ.

ގަވާއިދާއި ހިލާފަށް އެފަދަ ދޫނިތައް ހިފާ ގެންގުޅޭ ފަރާތްތެއް އެނގިއްޖެނަމަ، ލަސްނުކޮށް އީޕީއޭގެ ހޮޓްލައިން 7980379 ނުވަތަ އީމެއިލް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމަށް އެ އެޖެންސީއިން ވަނީ އެދިފައެވެ. މީގެއިތުރުން ބަލިވެފައިވާ ނުވަތަ އަނިޔާވެފައިވާ އައިންމަތީ ދޫންޏެއް ފެނިއްޖެނަމަ، ދޫނީގެ ފޮޓޯއަކާއި ފެނުނުތަނުގެ މައުލޫމާތާއެކު އީޕީއޭގެ ހޮޓްލައިން (7980379) އަށް ގުޅައިގެން ނުވަތަ މެސެޖަކުން ފޮނުވުމަށް ވެސް އެ އެޖެންސީއިން ވަނީ އެދިފައެވެ.

ގުދުރަތީ ގޮތުގައި ނުވަތަ ތަަބީއީީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ އެއްޗަކަށް ގޯނާކޮށްފިނަމަ، 30,000 ރުފިޔާ އާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.