ކޮރަޕްޝަން ހުއްޓުވުމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އެއްބާރުލުން ދިނުމަށްޓަކައި އިންޑޮނޭޝިއާގެ ކޮރަޕްޝަން އިރެޑިކޭޝަން ކޮމިޝަން (ކޭޕީކޭ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަނާ (އޭސީސީ) އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
އެ އެމްއޯޔޫގައި ސޮއިކުރީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ކޭޕީކޭގެ އިސްވެރިން ހިމެނޭ ވަފުދާއެކު އޭސީސީން ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހުގައެވެ.
އެ އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރީ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލްއެވެ. އަދި ކޭޕީކޭގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗެއާމަން ނޫރުލް ގުފްރާންއެވެ.
އޭސީސީއިން ބުނީ އެ އެއްބަސްވުމަކީ ކޮރަޕްޝަންގެ ކުށްތައް ތަހުގީގު ކުރުމުގައި އެއްބާރުލުން ދިނުމާއި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި މުވައްޒަފުން ތަމްރީނުކުރުގެ އިތުރަށް ޕްރިވެންޝަންގެ މަސައްކަތްތަށް އިތުރުކޮށް އެކި ދާއިރާތަކުން މައުލޫމާތާއި ތަމްރީނާއި ތަޖުރިބާއާ އެހީތެރިކަން ބަދަލުކޮށް ފޯރުކޮށްދިނުމުގައި ރަސްމީ ސިފައެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އޭސީސީއާ ކޭޕީކޭ އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ.
ކޭޕީކޭއާ އޭސީސީގެ އިސްވެރިންގެ މެދުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ދެ ކޮމިޝަނުގެ މަސައްކަތްތައް ބައްޓަންވެފައިވާ ގޮތުގެ މައުލޫމާތާއި ކޮރަޕްޝަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ތަޖުރިބާ އަދި ގޮންޖެހުންތައް ހިއްސާކޮށް އެކަންކަމާމެދު މަޝްވަރާކުރެވުނު ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.
މިބައްދަލުވުމުގައި ކޭޕީކޭގެ ވައިސް ޗެއަމަން ނޫރުލް ގުފްރާން ވާހަކާގައި ވަނީ އޭސީސީން ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތުގައި ކޭޕީކޭއިން ފަންނީ ގޮތުން ތަފާތު އެހީތަށް ދެވިދާނެކަން ފާހަގަކުރައްވައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
އޭސީސީގެ ދައުވަތަކަށް މިމަހުގެ 6 އިން 9 އަށް އިންޑޮނޭޝިއާގެ ކޮރަޕްޝަން އިރެޑިކޭޝަން ކޮމިޝަންގެ ވަފުދުން ކުރަމުންގެންދާ ޒިޔާރަތުގެ ތެރެއިން އިންޓެލިޖެންސް ބޭސްޑް އިންވެސްޓިގޭޝަން ޓްރެއިނިންގްތަށް ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ކޭޕީކޭގެ ތަޖުރިބާކާރު ބޭފުޅުން ނަންގަވައިދެއްވާ އެ ޓްރެއިނިންގައި އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަން ދާއިރާގައި މަސައްކަތްކުރައްވާ އެކި އިދާރާތަކުގެ މުވައްޒަފުން ބައިވެރިވާނެ ކަމަށް އޭސީސީއިން ބުނެއެވެ.