ކެއްސުމާއި ރޯގާއަށް ބޭނުން ކުރާ ބޭސް ރާއްޖެއަށް އެތެރެ ކުރުމުގެ ކުރިން ކެމިކަލް ތަހުލީލި ރިޕޯޓް ހުށަހަޅަންޖެހޭނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮޓޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އުފައްދާ ކެއްސުމާއި ހުން އަދި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިތަލީން ގްލައިކޯލް (DEG) އަދި އިތަލީން ގްލައިކޯލް (EG) ހިމެނޭ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އެލާޓްތަކެއް ކޮށްފައެވެ.

އެހެންކަމުން އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ބޭހުގެ ތެރެއިން ކެއްސުމާއި ރޯގާއަށް ބޭނުންކުރާ ބޭސް ރާއްޖެ އެތެރެ ކުރުމުގެ ކުރިން، ޑައިއީތަލައީން ގްލައިކޯލް (DEG) އަދި އިތަލީން ގްލައިކޯލް (EG) ނުހިމެނޭ ކަމުގެ ތަހުލީލު ރިޕޯޓް ހުށަހަޅަންޖެހޭނެ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

އެމްއެފްޑީއޭއިން ވަނީ އެ ތަހުލީލިތައް ކުރުމަށް މިހާރު ހުއްދަދީފައިވާ ލެބޯޓަރީތައް ކަނޑައެޅުމުގައި އެ އޮތޯރިޓީއިން މިހާރު އަމަލު ކުރަމުންދާ އުސޫލު އިތުރަށް މުރާޖާ ކުރުމަށްފަހު އިތުރު ލުއި ފަސޭހަތަކެއް ދިނުމުގެ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނެސްފައެވެ.

އެގޮތުން ތަހުލީލި ކުރާ ލެބޯޓަރީއަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޕްރީކޮލިފައިޑްކޮށްފައިވާ ލެބޯޓަރީއެއް ކަމުގައި ނުވަތަ އެފްޑީއޭގެ ރިފަރެންސް ކަންޓްރީ ކެޓެގަރީ 1 ގައި ހިމެނޭ ގައުމެއްގެ އެކްރެޑިޓެޑް ލެބޯޓަރީއެއް ކަމުގައި ނުވަތަ ISO 17025 ސްޓޭންޑާޑް އެކްރެޑިޓެޑް ލެބޯޓަރީއެއް ކަމުގައިވާންޖެހޭނެ ކަމަށް އެ އެ އޮތޯރިޓީއިން ބުނެއެވެ. މީގެ އިތުރުން ތަހުލީލި ކުރާ ލެބޯޓަރީއަކީ ބޭސް އުފައްދާ ކުންފުނީގެ ލެބޯޓަރީއެއް ކަމުގައި ވެގެން ނުވާނެ ކަމަށް ވެސް އެފްޑީއޭއިން ވަނީ ބުނެފައެވެ.

އެފްޑީއޭއިން އިތުރަށް ބުނީ ISO 17025 ސްޓޭންޑާޑް އެކްރެޑިޓެޑް ލެބޯޓަރީއަކުން ތަހުލީލުކޮށްފައިވާ ނަމަ، މި ބޭސްތައް ހާއްސަ ހުއްދައިގެ ދަށުން ދޫކޮށް، އެ އޮތޯރިޓީގެ ފަރާތުން ސާމްޕަލް ނަގާ އިތުރަށް ތަހުލީލި ކުރުމަށްފަހު، ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭކަން ކަށަވަރުވުމުން ބޭސް ވިއްކުމާއި ބޭނުން ކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ.

ތަހުލީލު ކުރާ ލެބޯޓަރީގެ ޝަރުތުތަށް ފުރިހަމަވީ ނަމަވެސް ތަހުލީލު ކުރުމަށް ބޭނުންކުރި ރިފަރެންސް ސްޓޭންޑާޑް ޓެސްޓް މެތަޑް އަދި ބޭހާއި ގުޅޭ ހުރިހާ ތަފްސީލެއް އަދި ޓެސްޓް ރިޒަލްޓް ތަހުލީލު ރިޕޯޓުގައި ހިމަނަން ޖެހޭނެ ކަމަށް ވެސް އެފްޑީއޭއިން ބުނެއެވެ.