އިންޑިއާގައި އުފެދުނު އެންމެ މޮޅު އަންހެން ލަވަކިޔުންތެރިންތަކުގެ ތެރޭގައި ހިމެނޭ ލަވަކިޔުންތެރިޔާ ނެހާ ކައްކަރު 35، ރާއްޖެ އަތުވެއްޖެއެވެ.

ފިރިމީހާ ރޯހަންޕްރީތު ސިންހް އާއި މަންމަ އަދި ބައްޕަ އާއެކު ނެހާ ރާއްޖެ އައިއިރު މިއީ މުޅި އާއިލާ އާއެކު ވަގުތު އުފާވެރި މާހައުލެއްގައި ހޭދަކޮށްލުމަށް އައި ދަތުރެކެވެ. ސަން ސިޔާމު އިރުފުށި ރިސޯޓްގައި ބަތަލާ ޗުއްޓީ ހޭދަކުރަމުން އަންނައިރު އެތަނުގައި ނަގާފައިވާ ހިތްގައިމު ފޮޓޯ އާއި ވީޑިއޯ ވަނީ ނެހާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައެވެ. ސީޕްލޭން ކައިރީ ހުއްޓި ހުރެ ނަަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ލަމުން ނެހާ ބުނީ އާއިލީ ދަތުރު ފެށިއްޖެ ކަމަށެވެ.

ލަވަކިޔުންތެރިޔާ ނެހާ އާއި އާއިލާ ސަން ސިޔާމު ރިސޯޓަށް ދިޔުމުން އެ ރިސޯޓުގެ މުވައްޒަފުން ވަނީ އެ އާއިލާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެ ވީޑިއޯ ހިއްސާކުރަމުން ނެހާ ބުނީ މިއީ މަރުހަބާ ކިޔަންޖެހޭ ގޮތް ކަމަށެވެ. މީގެ ކުރިންވެސް ލަވަކިޔުންތެރިޔާ ވަނީ އެތައް ފަހަރެއްގެ މަތިން ރާއްޖެ އައިސްފައެވެ. ޗުއްޓީ ހޭދަކޮށްލަން އެންމެ ސަޅި މަންޒިލަކީ ރާއްޖެ ކަމަށް އޭރު ނެހާ ބުންޏެވެ.

2020 ވަނަ އަހަރު ރޯހަންޕްރީތް ސިންހް އާ ކައިވެނިކުރި ނެހާގެ މުޅި އާއިލާ އަކީ ވެސް ލަވަކިޔުންތެރިން ހިމެނޭ އާއިލާއެކެވެ. އޭގެ ތެރޭގައި ނެހާގެ ބޭބެ ޓޯނީ ކައްކަރު އާއި އޭނާގެ ދައްތަ ސޯނޫ ކައްކަރު ހިމެނެއެވެ. އަދި ފިރިމީހާ ރޯހަން އަކީ ވެސް ލަވަކިޔުންތެރިއެކެވެ. އިންޑިއަން އައިޑަލް ޖާނީ އިން މިއުޒިކީ ދާއިރާ އަށް ނުކުތް ނެހާ ވަނީ އިންޑިއަން އައިޑަލުގެ ޖަޖުކަން ވެސް ކޮށްފައެވެ.