ދިވެހި ރަދީފުގައި 'ފަންނުވެރިން' މާނަކޮށްފައި ވަނީ ކުޅަދާނަ އުފެއްދުންތެރިންގެ ގޮތުގައި ކަމަށްވާއިރު މި ކުޑަ ރާއްޖޭގައި ވެސް އެފަދަ އެތައް ކުޅަދާނަ ބައެއް އުޅޭ ކަމާ މެދު ޝައްކެއް ނެތެވެ. އެއް ބަޔަކު އެންމެ ރޮނގަކުން ކުރިއަށްދާއިރު އަނެއްބައި މީހުން ދަނީ ތަފާތު އެކި ރޮނގު ރޮނގުން އެމީހުންގެ ހުނަރުތައް ދައްކަމުންނެވެ.
މި ލިޔުމުގައި ވެސް ގެނެސްދޭން މިއުޅެނީ އެފަދަ ކުޅަދާނަ ފަންނުވެރިއެއްގެ ވާހަކައެވެ. އެގޮތުން މާލެއަށް އުފަން އުމުރުން 34 އަހަރުގެ އަހުމަދު އަދުހަމްއަކީ ކުރީގަ މޮޅު ބާސްކެޓް ބޯޅަ ކުޅުންތެރިއެއް ނަމަވެސް މިހާރު އޭނާއަކީ ކުޅަދާނަ އަދި މަޝްހޫރު މިއުޒީޝަނެކެވެ. މާލެއަށް އުފަން އަދުހަމްގެ ޕްރޮފެޝަން ފެށީ ބާސްކެޓް ބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ނަމަވެސް އޭނާގެ ހިތުގައި މިއުޒިކަށް އަބަދުވެސް ހާއްސަ ލޯތްބެއް އޮވެއެވެ.
ބާސްކެޓް ބޯޅަ ކުޅެން ފެށީ ކިހިނެތް؟
އޭނާއަކީ އެންމެ ކުރީގައި ޖޫނިއާ އެތްލީޓެއްކަން ފާހަގަކޮށް އަދުހަމް ބުނީ އެތްލީޓްސް ޓީމުގައި ދުވަން އުޅެމުން އިންޑޯ ބާސްކެޓް ބޯޅަ ކޯޓަށް ކުޅެންދާން ފެށުމަކީ އެ ދާއިރާއަށް ވަދެވުމުގެ އަސްލު ކަމަށެވެ. އެގޮތަށް ކުޅެން ދަނީ ގިނައިން ވިއްސާރަވެ އެތްލެޓިކްސްގެ ޕްރެކްޓިސް ކެންސަލް ވުމުން ކަމަށް އޭނާ ބުންޏެވެ.
"އެހެން އުޅެނިކޮށް ވާ ގޮތަކީ ޓީމް ސެލެކްޓް ކުރަމުންދިޔަ ދުވަސްވަރެއްގައި އެއް ދުވަހު ހުރީ ބާސްކެޓް ކުޅެންވެގެން ކޯޓުގައި، އަނެއްހެން ދެން ހަމަ ކުޅެލަން ހުރީ. އެތަން ކޯޗަށް ފެނިގެން މައްސަލަ ޖެހިގެން އެތްލެޓިކްސް ޓީމުން ކަނޑާލީ. ސިންސް ދެޓް ޑޭ [އެދުވަހުން ފެށިގެން] ބާސްކެޓް އަށް ފޯކަސް ކޮށްގެން ކުޅެން ފެށީ." އަދުހަމް އޭނާގެ ބާސްކެޓް ބޯޅައިގެ ދުނިޔެއަށް ވަދެވުނު ގޮތް ހިއްސާ ކުރަމުން ބުންޏެވެ.
ނަމަވެސް މިހާރު އޭނާގެ ވިސްނުން ހުރީ ބާސްކެޓް ބޯޅަ ކުޅުމުން ރިޓަޔާކޮށް، މިއުޒިކްގެ ދާއިރާއިން އިތުރަށް ކުރިއަށް ދާށެވެ.
އަދުހަމް އަކީ ރާއްޖޭގައި މިހާތަނަށް ޔޫރަޕްގެ ކްލަބަކަށް ބާސްކެޓް ބޯޅަ ކުޅުނު ހަމައެކަނި ދިވެހި ކުޅުންތެރިޔާ!
އެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ލިބުނުކަން ފާހަގަކޮށް އަދުހަމް ބުނީ އޭގެ ތެރެއިން ވެސް އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބީއެއްގެ ގޮތުގައި ދެކެނީ ޔޫރަޕްގެ ކްލަބަކަށް ކުޅުނު ފުރަތަމަ ދިވެހި ކުޅުންތެރިޔާއަށް ވުމެވެ. އަދި މިހާތަނަށްވެސް ޔޫރަޕްގެ ކްލަބަކަށް ރާއްޖޭގެ އިތުރު ކުޅުންތެރިޔަކު ކުޅެފައި ނުވާ ކަމަށާއި 2014 ވަނަ އަހަރުން ފެށިގެން ދޮޅު އަހަރު ވަންދެން ބާސެލޯނާގެ ކްލަބަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ދުނިޔެއަށް ލޯ ހުޅުވާލުމަށް ލިބިގެން ދިޔަ ރަނުގެ ފުރުސަތެއް ކަމަށް އަދުހަމް ކިޔާދިނެވެ.
އެއީ ވަރަށް އުނދަގޫ ކޮމްޕެޓިޝަންއެއްގެ ގޮތުގައި ސިފަ ކުރަމުން އަދުހަމް އިތުރަށް ބުނީ، އެ ކްލަބަށް ކުޅުން އިރު ފަސް ގުނަ އިތުރަށް މަސައްކަތް ކުރަން ޖެހުނު ކަމަށެވެ. ނަމަވެސް އެ ތަޖުރިބާ އާއި މެދު އުފާ ކުރާ ކަމަށާއި އެއީ އެވަގުތު ހުރި ލެވެލް އިން އިތުރު ލެވެލް އަކަަށް ގެންދިޔުމަށް އާ ހިތްވަރަކާއި އަޒުމެއް ލިބިގެންދިޔަ ރަނގަޅު ފުރުސަތެއް ކަމަށް އަދުހަމް ބުންޏެވެ.
ލަވަކިޔުމަކީ އޭރުގެ ހޮބީ، ނަމަވެސް މިހާރުގެ ޕްރޮފެޝަން
އުމުރުން 10 އަހަރުން ފެށިގެން ވެސް އަދުހަމް ދިޔައީ ކޮންމެވެސް ވަރަކަށް މިޔުޒިކީ ދާއިރާގައި އުޅެމުންނެވެ. އިސްކަންދަރު ސްކޫލުގައި ޕްރައިމަރީއަށް ކިޔެވި ދުވަސްވަރު އެ ސްކޫލްގެ ކަންޓްރީ ބީޓްސް ކިޔާ ބޭންޑެއްގައި އޭނާ އަދާ ކުރީ ޕިޔާނިސްޓެއްގެ ރޯލު ނަމަވެސް މިހާރު އޭނާއަކީ ބައިނަލްއަގްވާމީ ދާއިރާަގައިވެސް ފާހަގަކޮށްލެވޭ ފަންނާނެކެވެ. ބޭންޑްގެ ހަރަކާތްތަކުގައި ހޭދަ ކުރި ދުވަސްވަރު ވެސް ލަވަ ކިޔުމަށް ޝައުގުވެރިކަން ހުރި އަދުހަމް ފުރަތަމަ ލަވަ ކިޔުމުގެ މުބާރާތެއްގައި ބައިވެރިވީ ދަރުމަވަންތަ ސްކޫލުގައި ކިޔެވި ދުވަސްވަރު އެވެ.
ދަރުމަވަންތަ ސްކޫލަށް ބަދަލުވެ، އެ ސްކޫލްގެ ބްރާސް ބޭންޑާއި ގުޅުން އިރު އޭނާ އުޅުނީ ޑްރަމަރަކަށް ނަމަވެސް އިންޓާ ސްކޫލް ލަވަ މުބާރާތަށް ހޮވި ތިން އަހަރު ވަނީ ލަވަ މުބާރާތުގައި ވާދަކޮށްފައެވެ. އަދި މަތީ ސާނަވީ ކިޔެވި ދުވަސްވަރު ސީއެޗްއެސްސީގައި ބޭންޑެއް ހަދައިގެން ޕާފޯމް ކޮށްފައި ވެއެވެ. އެއިރު އަދުހަމް ދިޔައީ އެ ބޭންޑުގެ ލީޑް ވޯކަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.
އޭގެ ފަހުން އޭނާ އަމިއްލަ ލަވައެއް ކަމަށްވާ "ހާޑްވާޑް" ކިޔާ ލަވައެެއް ނެރުނެވެ. އެ ލަވަ ނެރުނު ގޮތަަށް އޭނާ މިއުޒިކާއި އެއްކޮށް ދުރަށް ދިޔަ ނަމަވެސް އަނެއްކާވެސް މިޔުޒިކްގެ ތެރެއަށް އެނބުރި އަދުހަމް އައީ 2023 ވަނަ އަހަރުއެވެ. ކެފޭއެއްގައި ސޯލޯ ލަވަ ކުޅެމުންދިޔަ އިރު އޭރު އިނގެނީ 4-5 ވަރަކަށް ލަވަ 02ކަމަށް އޭނާ ކިޔާދިނެވެ. އަދި އެކަމާ މީހުން ރުޅި އައިސް އެއްޗިހި ވެސް ގޮވި ކަމަށް އަދުހަމް ބުންޏެވެ.
ދެން އަދުހަމް އަށް ލިބިގެންދިޔައީ ރިސޯޓެއްގައި ޕާފޯމް ކުރުމުގެ ފުރުސަތެވެ. އެ ފުރުސަތު ވެސް ލިބުނީ ލަވަ ކިޔާނެ އިތުރު މީހަކު ނުވެގެން ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ފުރުސަތު ވެގެން ދިޔައީ ލަވަ ކިޔުމުގެ ދާއިރާއިން އޭނާ އިތުރު ހަރުފަތަކަށް ގެންގޮސްދިނުމަށް ލިބުނު ރަނގަޅު ފުރުސަތަކަށެވެ. އިންޑިއާގެ ޕްރޮޑިއުސަރުންނާއި، މޮޑަލުންނާއި އިންފްލުއެންސަރުން ތިބި އެ ޝޯގައި ޕާފޯމް ކުރިއިރު އަދުހަމްގެ ލަވަކިޔުން އެ މީހުންނަށް ވަރަށް ކަމުދިޔުއެވެ. އެއާއެކު އަދުހަމްގެ ލަވަކިޔުމުގެ ކެރިއަރުގައި އޭނާ ހީވެސް ނުކުރާ ފަދަ ކާމިޔާބީތަކެއް ލިބިގެންދިޔައެވެ.
"އެ އިވެންޓް ބާއްވާ ބަޔަކު ގުޅީ، ގުޅާފައި ބުނީ ހިންދީ ލަވަ ކިޔާ މީހެއް ބޭނުންވެޔޭ، އެ ޕާފޯމްކޮށް ނިންމާފައި، ދެން އެތަނަށް އައި މީހުންގެ ތައިލެންޑްގައި އޮތް އިވެންޓެއްގައި ކުޅެފައި އޭގެ ފަހުން، އެ މީހުން މި ބުނަނީ ފްރީވީމަ ހަބަރެއް ކުރާށޭ ތިމަންމެންނަށް. އެ މީހުން ބުނީ ޕާސްޕޯޓް ފޮނުވާށޭ، ޕާސްޕޯޓް ފޮނުވީމަ ޓިކެޓާއި އެއްޗެހި ފޮނުވިއިރު ވެސް ނުބުނޭ ލަވަ ރެކޯޑްކޮށް އެކަހަލަ ކަމެއް ކުރާކަށް ކަމެއް، ދެން ހީކުރީ އެކޮޅުގައި ޝޯތަކެއް ކުޅެލާ ކަންތައް ކޮށްލަން ކަަމަށް،". ހިންދީ ލަވަ ކިޔުމުގެ ފުރުސަތު ލިބުނު ގޮތް ހިއްސާ ކުރަމުން އަދުހަމް ބުންޏެވެ.
އެއަށްފަހު އިންޑިއާއަށް ގޮސް އެ މީހުންގެ އެދުމުގެ މަތިން ހަފްތާއެއް ތެރޭގައި އަމިއްލަ ހަތަރު ލަވަ ތައްޔާރު ކުރިއެވެ. އެއީ ވަރަށް ބުރަ މަސައްކަތެއްކަން ފާހަގަކޮށް އަދުހަމް ބުނީ އެ މަސައްކަތް ކުރެވުނު ގޮތާމެދު ވަރަށް ހިތް ހަމަ ޖެހޭ ކަމަށެވެ. އަދި އެއީ މި ދާއިރާއިން މިހާ ހިސާބަށް އާދެވުމުގެ އަސްލު ކަމަށް އޭނާ ކިޔާދިނެވެ. އަދުހަމް ހެދި ލަވަތައް އިންޑިއާގެ ޕްރޮޑިއުސަރުންނަށް ކަމުދިޔުމާއެކު ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހެދިއެވެ. އެއީ އަހަަރަކު 9 ވީޑިއޯ ލަވަ ތައްޔާރު ކުރުމަށެވެ. އަދި އެ ހުރިހާ ކަމަކަށް ފަންޑު ކުރަނީ އެ މީހުން ކަމަށް ވެސް އަދުހަމް ކިޔާދިނެވެ.
މި މަސައްކަތުގެ ތެރެއިން އެ ސްޓޫޑިއޯއިން ވަނީ އޭނާ ތައާރަފް ކުރާ ލަވަ ނެރެފައެވެ. އެ ސްޓޫޑިއޯގެ އެހެން އާޓިސްޓަކާއެކު ފީޗާ ކުރި "ހޯޕް" ނަމަކަށް ކިޔާ ލަވަ ނެރެފައި ވަނީ ހުސްވި އަހަރުގެ ޖޫން މަހުއެވެ. އެ ލަވައިގެ ކުޑަ ރޯލެއް އަދުހަމް އަދާ ކުރި ނަމަވެސް އޭނާގެ ހިންދީ ލަވަތައް ހިމެނޭ އަމިއްލަ ފުރަތަމަ އަލްބަމް އެ ސްޓޫޑިއޯއާއެކު ނެރުމަށް ދަަނީ ތައްޔާރުވަމުންނެވެ.
އަދުހަމް ވަނީ މި އަހަރަށް ހާއްސަ އޭނާގެ އަމިއްލަ 9 ލަވަ ރެކޯޑް ވެސް ކޮށްފައެވެ. މީގެ ތެރޭގައި ތިން އިނގިރޭސި ލަވައާއި ހިންދީ ހަތަރު ލަވަ ހިމެނެއެވެ. އޭގެ ތެރެއިން 3 ލަވަ މިހާރު ވަނީ ނެރެފައެވެ.
ކުޅިވަރާއި މުނިފޫހިފިލުވުމުގެ އިތުރުން ވެސް އަދުހަމް ދަނީ އަމިއްލަ ވިޔަފާރިއެއް ހިންގަމުން
ލައިވް ސްޓްރީމިންގް އާއި ވީޑިއޯގްރަފީގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ 'ހާފް ކޯޓް މޯލްޑިވްސް'ގެ ބާނީއަކީ އަދުހަމް އެވެ. އޭނާ ދެކޭ ގޮތުގައި ކޮންމެ ދާއިރާއެއްގައި ވެސް ގޮންޖެހުން ހުންނައިރު އެ ގޮންޖެހުންތަކުން އަރައިގަތުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ.
އެގޮތުން ބާސްކެޓް ބޯޅަ ކުޅުން ދުވަސްވަރު ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް އަމިއްލަ ފައި މައްޗަށް ތެދުވުމަކީ މުހިންމު ކަމެއްކަން ވިސްނުމަކީ އެ ވިޔަފާރީގެ ބިންގަލެވެ. 2009 ވަނަ އަހަރު ފެށި އެ ވިޔަފާރި އަށް ބޭނުންވާ މުވައްޒަފުންވެސް ހޯދީ އެ ދުވަސްވަރު ދިރިއުޅުމުގައި އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލަމުން ދިޔަ މީހުންނަށް އިސްކަންދީގެން ކަމަށް އަދުހަމް ބުންޏެވެ. އެފަދައިން ކަންކުރީ މީހުންނަށް އެހީވުމުގެ އިތުރުން އެފަދަ ފަރާތްތަކަށް ވެސް ރަނގަޅު މުސްތަގްބަލެއް ހޯދާ ދިނުމުގެ ނިޔަތުގައި ކަމަށް އޭނާ ބުންޏެވެ.
"އެ ދުވަސްވަރު ވަޒީފާ ދިނީ ހަމަ މަގުމަތިން ކުދިން ހޮވައިގެން، މިހާރު އޭގެން ބައެއް ކުދިން ރަނގަޅު ހަރުދަނާ ވަޒީފާތަކުގައި ވެސް އެބައުޅޭ، އެގޮތުން ބައެއް ކުދިން އެކި އެކި އިވެންޓްތައް ތައްޔާރު ކުރަން އުޅޭ، އަނެއްބައި ކުދިން ބައެއް ޓީވީ ސްޓޭޝަން ތަކުގައި ވެސް އެބައުޅޭ. ވަރަށް ގިނަ ކުދިންގެ ލައިފް ޗޭންޖް ވެގެން ދިޔަ އަސްލު" އޭނާ ކުރި މަސައްކަތާ މެދު ހިތްހަމަޖެހި ހުރެ އަދުހަމް ބުންޏެވެ. މީގެ އިތުރުންވެސް އެކި ކަހަލަ ވިޔަފާރިތަކަށް އޭނާ އިންވެސްޓްކޮށްފައިވާ ކަމަށް ބުންޏެވެ.
7 މިލިއަން ރުފިޔާގެ ދަރަންޏަކާއެކު ދިރިއުޅުމުގައި ކުރިމަތިވި ބިޔަ ރާޅާއެކު އަދުހަމް ދެއްކީ ނަމޫނާ
ކިތަންމެ ގާތް މީހެއް ނަމަވެސް އިތުބާރު ނުކުރުމަށް ނަސޭހަތްތެރިވަމުން އަދުހަމް ބުނީ، ކޮވިޑްގެ ކުރިން އެނާ ކުރިމަތިލީ ހަޔާތުގައި ވެސް ދިމާވި އެންމެ ބިޔަ ރާޅާ ކަމަށެވެ. އެންމެ ބޭނުންވި ދުވަހު ކައިރީގައި ތިބި ރައްޓެހިން ނެތް ކަމަށާއި ހުރިހާ ކަމަކާ ކުރިމަތިލީ އަމިއްލައަށް ކަމަށް އޭނާ ކިޔާދިނެވެ. އެ ދުވަސްވަރަކީ އަމިއްލަ ނަފްސަށް ވެސް ގެއްލުން ދޭން ތައްޔާރަށް ހުރި ދުވަސްވަރެއް ނަމަވެސް ހާލު ބަލާލާ އެހީއެއްގެ އަތެއް ދިއްކޮށްލާނެ މީހެއް ނުވުމަކީ އޭނާ މީހުންނަށް އިތުބާރު ކުރަން ފަސްޖެހުނު ސަބަބެވެ.
7 މިލިއަން ރުފިޔާގެ ދަރަންޏަކާ ކުރިމަތިލާން ޖެހުނު އިރު ކައިރީގައި އަޅާލަން ތިބީ އޭނާގެ އަމިއްލަ އާއިލާ ކަމަށް އަދުހަމް ބުންޏެވެ. އެކަމުގެ ތަފްސީލަކަށް ނުގޮސް އަދުހަމް ބުނީ އެއީ އޭނާ ކައިރީގައި އުޅުނު ބަޔަކު ކުރި ކަމެއްގެ ސަބަބުން ބޮލުގައި އެޅުނު ދަރަންޏެއް ކަމަށެވެ. އަދި އެ ކަމުގެ ސަބަބުން މީހުންގެ ފާޑު ކިޔުމުގެ އިތުރުން ނުކުރާ އެތައް ކަމެއް ބޮލުގައި އެޅުނު ކަމަށެވެ.
ނަމަވެސް އެ ހުރިހާ ކަމަކާ ވެސް ކުރިމަތިލީ އަމިއްލަ ހިތްވަރުންކަން ފާހަގަކޮށް އަދުހަމް ބުނީ ދަރަނީގެ ބާކީ ނުދައްކާ މިހާރު އޮންނާނީ 1 މިލިއަން ރުފިޔާ ކަމަށެވެ. އަދި އެ ދަރަނި ދެއްކީ އަމިއްލަ އާއިލާއަށް ހަރަދު ކުރަމުން އަމިއްލަށް ކުރި ބުރަ މަސައްކަތުން ކަމަށް އޭނާ ކިޔާދިނެވެ.
އަދުހަމްއަށް އަމާޒުވާ ނެގެޓިވިޓީ ނަގަނީ ވަރަށް ޕޮޒިޓިވްކޮށް
ވަރަށް ނެގެޓިވް ކޮމެންޓުތައް ލިބޭކަން ފާހަގަކޮށް އަދުހަމް ބުނީ އެފަދަ ކޮމެންޓުތަކުގެ ސަބަބުން އަމިއްލައަށް ކުރިއަރަން ފުރުސަތު ލިބޭ ކަމަށެވެ. ނެގެޓިވް ކޮމެންޓު ލިބެނީ ކޮންމެވެސް ހިސާބަކުން އެކަން ގޯސްވާތީކަން އަމިއްލައަށްވެސް ގަބޫލު ކުރާ ކަމަށާއި އެކަން ކަމާ މެދު އެ ކޮމެންޓު ލިބޭ ވަގުތު އެއްވެސް ވަރަކަށް ރިއެކްޓް ނުކުރާ ކަމަށް އޭނާ ބުންޏެވެ.
އަދި އެފަދަ ކަންކަމަށް ރައްދު ދިނުމަކީ އޭނާ ގަޔާ ނުވާ ކަންކަމަށްވާއިރު އެފަދަ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ކިޔާދިނެވެ. އަދި ސޯޝަލް މީޑިއާއިން ލިބޭ އެފަދަ ކޮމެންޓުތައް ޑިލީޓް ވެސް ނުކުރާ ކަމަށް އަދުހަމް ބުންޏެވެ.
ބާސްކެޓް ބޯޅަ ކުޅުން އިރު ވެސް އެފަދަ އެތައް ކަމަމާ ކުރިމަތިލީކަން ފާހަގަކޮށް އަދުހަމް ބުނީ 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ލިބެން އޮތް އަހަރުވެސް މުޅި މުބާރާތް ނިމެންދެން ކުޅެން ނާރުވާ ބެންޗުގައި ބޭންދި އެވެ. އެފަދަ އެތައް ކަންކަމާ ކުރިމަތިލީއިރު ވެސް ވަރަށް ހިތްވަރާއެކު ކުރިމަތިލުމަކީ މިހާ ހިސާބަށް ވާސިލް ވެވުމުގެ އަސްލު ކަމަށް އަދުހަމް ވަނީ ބުނެފައެވެ.
ލިބޭ ހުސްވަގުތުގައި ބަލަނީ ދަރިފުޅާއެކު ވަގުތު ހޭދަކުރަން
ޒަވާޖީ ހަޔާތެއް ފަށައިގެން އުޅޭ އަދުހަމް ބުނީ އާއިލާއަށް ދޭންޖެހޭ ވަގުތު ދޭންޖެހޭ ވަރަށް ނުލިބުނު ނަމަވެސް ހުސްވަގުތެއް ވާނަމަ އާއިލާއާއެކު ވަގުތު ހޭދަ ކުރުމަށް އަބަދުވެސް އިސްކަންދޭ ކަމަށެވެ. އެކި ރަށްރަށަށް ޝޯ ދޭން ދާންޖެހޭތީ ވަގުތު ވަރަށް ނުވާކަން ފާހަގަކޮށް އަދުހަމް ބުނީ ދަރިފުޅު ހޭލާ އުޅޭ ވަގުތެއް ނަމަ ދަރިފުޅާ އެކު ވަގުތު ހޭދަ ކުރާ ކަމަށާއި އަދި ނިދަނީ ދަރިފުޅު ނިދާ ވަގުތުގައި ކަމަށެވެ.
އަދި ކުރަން ބޭނުންވާ ކަމެއްނަމަ އެކަން ކަމަށް އަމިއްލައަށް ވަގުތު ހުސްވުރެވޭނެ ކަމަށާއި އެގޮތުން ،މާލޭގައި ހުންނަ ދުވަހެއްގައި އާއިލާއާއެކު ވަގުތު ހޭދަ ކުރުމަކީ ލިބޭ އުފަލެއް ކަމަށް އޭނާ ކިޔާދިނެވެ.
މީގެ އިތުރުން ވެސް މަންމައާއި ބައްޕަ އަދި ކޮއްކޮގެ ފަރާތުން ލިބޭ ހިތްވަރާއި އެހީތެރިކަމަށް އަދުހަމް އަބަދުވެސް ޝުކުރުވެރިވެއެވެ. އަދި ވަކިން ހާއްސަކޮށް އަންހެނުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އަންޑަސްޓޭންޑިންގް އަދުހަމް ފާހަގަ ކުރީ ހިތްހަމަޖެހުމާއެކުއެވެ.