ދިވެހިންގެ ތެރެއިން ބައެއް މީހުންނަނީ ފަންނުވެރިކަމުގައި ކުރި ހޯދާފައި ވާ މީހުންނެވެ. އޭގެ ތެރޭގައި މިއުޒީޝަނުންނާއި ލަވަކިޔުންތެރިންނާއި, ޅެންވެރީންގެ އިތުރުން އެތައް ފަންނަކުން މަޝްހޫރުކަން ހޯދާފައި ވާ މީހުން ދިވެހިންގެ ތެރޭގައި ގިނައެވެ. މި ދިވެހިރާއްޖެއަށް މިއުޒިކީ ފަންނު އުފަންވެގެން އައި އިރު, އެންމެ ފުރަތަމަ މިއުޒިކް އިންސްޓްރޫމަންޓެއް ކުޅެ ލަވަ ކިޔާފައި ވާ ފަރާތަކީ, އިހުގައި މަޝްހޫރު ލަވަކިޔުންތެރިޔާ "ބޭލާ މަނިކު" ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

މަސްއޫދު މޫސާ ދީދީގެ ކާފަ ބޭލާ މަނިކު

1959 ގައި ބޭލާ މަނިކު ނިޔާވިއިރު އޭނާގެ ތިން ކާފަދަރިން ދުނިޔޭގައި ތިއްބެވެ. އެއީ ރާގާއި ޅެން އުފެއްދުމުގެ އިތުރުން ލަވައިގެ ދުނިޔޭގައި މަޝްހޫރުކަން ހޯދި މަސްއޫދު މޫސާ ދީދީ، އަބްދުލް ހަންނާނު މޫސާ ދީދީ ގެ އިތުރުން އަސްކަރީ ދާއިރާއިން ގައުމަށް ހިދުމަތް ކުރެއްވި އަބްދުލް ނާސިރު މޫސާ ދީދީ އެވެ.

މި ތިން ބޭންގެ ތެރެއިން މަސްއޫދުގެ ދަރިފުޅަކީ އޭނާގެ ފަރާތުން އުނގެނި ދަސްކޮށްގެން މިހާތަނަށް އެތައް ލަވައެއް ކިޔާފައިވާ ފަންނުވެރިއެކެވެ. ލިލީތާ ބުނި ގޮތުގައި، މަސްއޫދު މިދުނިޔެއާ ވަކިވި ފަހުން 1 އަހަރާއި 3 މަސް ވެފައިވާ ކަމަށާއި މަސްއޫދު އުފައްދާފައިވާ ރީތި އެތަކެއް ރާގު ތަކެއް އެބަ ހުރި ކަމަށާއި އެއީ މަސްއޫދުގެ އަމިއްލަ އުފެއްދުންތައް ކަމަށެވެ. މަސްއޫދުގެ ޒުވާން ދުވަސްވަރު އޭނާ އަކީ އެންމެ މަޝްހޫރު އެއް ލަވަކިޔުންތެރިޔާ ކަމަށް ވެސް ލިލީތާ ބުނެއެވެ.

މަސްއޫދުގެ ރާގުތައް:

  • އިނގޭތޯއޭ ނެތީ ބޭނުން (ހިތޭދޭމީ ފުރޭލޯބިން)
  • ލިބޭ އަނިޔާ
  • ދީފާ ހިތާމޭ އާދޭސް ކުރީމޭ
  • ސަހަރޯއެ މައާފު ދޭށޭ
  • ނޫރޭ މި ލޯބިން
  • ސޫރަ ދެކިލަން ވަރަށް ހިތްއެދޭ
  • މިޒާޖާ ގުޅޭ
މަސްއޫދު މޫސާ ދީދީގެ ދަރިފުޅު ލިލީތާ މަސްއޫދު

އަޑުއަހާލުމުން ހިތާ ކުޅެލާ މިއިން ކޮންމެ ރާގަކީ, ތަފާތު އެތައް މަޝްހޫރު ލަވަކިޔުންތެރިން ޝޯތަކުގަ އާއި އެހެން ތަންތަނުގައި ކިޔާ ރާގުތަކެވެ. ނަމަވެސް އެ ރާގުތަކަށް އިތުރު ޅެންތައް ހަދައިގެން ކިޔާ އިރު އެ ރާގުގެ ވެރިއަކީ މަސްއޫދުކަން ގިނަ ބަޔަކު ހާމަ ނުކުރުމަކީ ލިލީގެ ކަންބޮޑުވުމެވެ. ކްރެޑިޓް ނުދޭތާނގައި ކުޑަމިނުން ނަން ބުނެލާން ވެސް ނުކުރޭ ކަމަށް ލިލީ ބުނެއެވެ.

"ބައްޕަގެ ލަވައެއް ކިޔާލާއިރު ބައްޕަގެ ނަން ވެސް ބުނެ ނުލައި. ނިޔާވެގެން މިހާ ދުވަސް ވީއިރު ބައްޕަޔާ އެކުގައި އުޅެފައި ތިބި މީހުން ވެސް އަދި އެހެން މީހަކުވެސް ޓީވީ އަކުންވެސް އަދި އެހެން ގޮތަކުން ވެސް ބައްޕަގެ ވާހަކަ ދައްކާލާފައި ވެސް ނެތް." ލިލީ ބުނެފައިވެއެވެ.

"މީހެއްގެ އިންޓަލެކްޗުއަލް ޕްރޮޕަޓީއެއް އަމިއްލަ ކޮށްލަން, ކޮންމެ ބަޔަކު ކުރިޔަސް އެ ވަރަށް ދެރަމެ އަދި ދަށް ފެންވަރުގެ ކަންތައް،އަދި މިރާގު ތަކުގެ ތެރެއިން 'ދީފާ ހިތާމޭ، އާދޭސް ކުރީމޭ', މިރާގަކީ އަޅުގަނޑުގެ ބައްޕަ އަޅުގަނޑުގެ މަންމައާ ރައްޓެހިވެގެން މަންމަޔަށްމުހާތަބުކޮށް އުފެއްދި ލަވައެއް. މިރާގުގެ ލަވައިގެ ޅެން ބައްޕަ ބޭނުންވި ގޮތަށް ހައްދަވައިދެއްވީ އެ ދުވަސްވަރުގެ މަޝްހޫރު ޝާއިރެއްކަމުގައިވާ އިބްރާހީމް މަންސޫރު (ހަސްރަތު)"
ލިލީތާ މަސްއޫދު

ލިލީ އިތުރަށް ބުނީ, ބައެއް މީހުން އެއީ އެމީހުންގެ އަމިއްލަ ރާގު ކަމަށް ބުނެ ރޯ ދޮގު ހަދައިގެން މަސްއޫދުގެ ރާގުތައް އަމިއްލަ ކުރަންއުޅޭ ކަމަށެވެ. އެގޮތުން އެއީ އެމީހުން އުފައްދާފައިވާ ރާގުތަކެއް ކަމަށް ސިފަވާގޮތަށް ފޮތް ފޮތް ޗާޕުކޮށްގެން ވެސް ހާމަ ކުރަމުން ދާ ކަމަށް ވެސް ލިލީ ބުންޏެވެ. ބައްޕަ ދުނިޔޭގައި ހުރި އިރު މިކަން ކުރަން އެމީހުން ހަނދާން ނެތުނީ ނޫން ކަމެއް ވެސް ނޭނގޭ ކަމަށާއި ނިޔާވީމާ ހަނދާންވީ ކަންނޭނގެ ކަމަށް ލިލީ ބުނެއެވެ.

މަސްއޫދު މޫދާ ދީދީ، އަބްދުލް ހަންނާން މޫސާ ދީދީ، އަދި އަބްދުއް ނާސިރު މޫސާ ދީދީ

ލިލީ ބުނީ, އެކަން އެހެން އޮތް ނަމަވެސް ބައެއް ފަރާތްތަކުން މަސްއޫދުގެ އަމިއްލަ އުފެއްދުންތައް އަމިއްލަ ކުރަން ކަރޯކޭ އާއި އެނޫން ވެސް ތަކެތި އުފައްދާ, ފޮތްފޮތް ހަދާ އެމީހުންގެ ތަކެތީގެ ގޮތުގައި މަސްއޫދުގެ އުފެއްދުންތައް ހިމަނާކަން ފާހަގަ ވެފައިވާ ކަމަށެވެ. އެކަންތައް އެގޮތަށް ކުރާ ބަޔަކު ދެކެނީ އެއީ ވަރަށް މޮޅުކަމެއް ކަމުގައި ކަމަށް ވެދާނެ ކަމަށާއި އެހެން އޮތް ފޮތެއްގައި ގިނައިން ހުރީ މި ދުނިޔެ ދޫކޮށްފައިވާ މީހުންގެ ރާގުތައް ކަމަށް ލިލީ ބުނެއެވެ.

މަސްއޫދު މޫސާ ދީދީ ބޭންޑްއަކާއެކު ޝޯވް ހުށަހަޅަނީ

އެހެން އެ ހަދަނީ އެ ފަރާތްތައް ދުނިޔެއާ ވަކިވީމަ އެ ފަރާތްތަކުގެ ނަންވެސް ފޮހެލުމުގެ ބޭނުމުގައި ކަމަށް ލިލީ ބުނެއެވެ. އެކަންތައް އެގޮތަށް އެކުރަނީތިމާމެންގެ އެ ފެންވަރު ނެތީމަ ކަމަށާއި ލަދުގެ ކަންފުޅެއްވެސް ނެތީމަ ކަމަށް ލިލީ ބުނެއެވެ. އަދި އެކަން އެގޮތަށް ކުރާ އިރު އެކަން ދަންނަ މީހަކުވެސް ނެތްކަމަށް އެމީހުންނަށް ހީވެފައި އޮތީ ކަމަށް ލިލީ ބުނެއެވެ.

ލިލީ ބުނީ އޭނާ އަކީވެސް ފެށުނީއްސުރެ ލަވަ ކިޔުމުގެ ތެރޭގައި މަސައްކަތް ކުރަމުން އަންނަ މީހެއް ކަމަށާއި އަދި މަސްއޫދާއެކު ވެސް އެއް ބޭންޑެއްގައި ޝޯ ދީފައިވާ މީހެއް ކަމަށް ލިލީ ބުނެއެވެ. އެ ފަދަ ފޮތްތަކާއި ތަކެތި ހަދަހަދައިން ނެރޭ ބައެއް މީހުނަށް ލިލީއަކީ މަސްއޠދުގެ ދަރިއެއްކަންވެސް އެނގޭނެ ކަމަށް އޭނާ ބުނެއެވެ. އަދި އެ ހުރިހާ ކަމެއް އެމީހުން އެހެން ކުރާ އިރު, ހޭ ވެސް އަހާ ނުލައި ކަމަށާއި އެއީބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައި ވެއެވެ.