ރޭ އިޒްރޭލުން ގާޒާގެ އެތަން މިތަނަށް ދިން ވަރުގަދަ ހަމަލާތަކުގައި ޖުމްލަ 450 ތަނަކަށް ބޮން އެޅިކަމަށް އިޒްރޭލުގެ އަސްކަރީ ތަރުޖަމާން ޑެނިއަލް ހަގަރީ ބުނެފިއެވެ.

ހަމަލާ ދިން ތަންތަނުގެ ތެރޭގައި ހަމާސްގެ މުޖާހިދުންނާއި، އެމީހުން ބޭނުން ކުރާ ކޮމްޕައުންޑްތަކާއި، ހާލަތު ބެލުމަށް ބޭނުން ކުރާ އޮބްޒަވޭޗަން ޕޯސްޓް ތަކާއި، އެންޓި ޓޭންކް މިސައިލް ލޯންޗް ކުރާ ތަންތަނާއި ޓަނަލްތައް ހިމެނޭ ކަމަށް ބުންޏެވެ.

އަދި ރެގެ ހަމަލާތަކުގައި ހަމާސްގެ އެއް ޓަނަލް ފަޅާލި ކަމަށާއި އެއީ ގާޒާގައި ހުންނަ ޝައިހު ހަމަދު ހޮސްޕިޓަލާ ޖެހިގެން ހަދާފައި އޮތް ޓަނަލެއް ކަމަށް ވެސް ބުނެއެވެ. މީގެ އިތުރުން ހަގަރީ ބުނީ، ރޭ އެ ހޮސްޕިޓަލްގެ ތެރެއިން އިޒްރޭލުގެ ސިފައިންނަށް އަމާޒު ކޮށް ހަމަލާ ދިން ކަމަށާއި ހަމާސް އިން އައްޑަަނައެއްގެ ގޮތުގައި އާންމު ރައްޔިތުން ހަދާ އިޒްރޭލަށް ހަމަލާ ދޭން ހޮސްޕިޓަލް ތަކާއި އެހެން ފެސިލިޓީތައް ބޭނުން ކުރަމުން ގެންދާ ކަމަށެވެ.

އަލްޖަޒީރާއިން ބުނެފައި ވަނީ އެވާހަކަ އަށް ބާރުދޭން އިޒްރޭލުން ވީޑިއޯއެއް ވެސް އާންމު ކުރި ކަމަށާއި ނަމަވެސް އެއީ ހޮސްޕިޓަލުން ހަމަލާ ދެނީކަން އެ ނޫހަށް ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ.

ގާޒާގައި ހުންނަ ޝައިހު ހަމަދު ހޮސްޕިޓަލް ކައިރީ ޓަނަލް ހުރިތަން ކަމަށް ބުނެ ޔަހުދީން އާންމު ކުރި ފޮޓޯ

އޮކްޓޯބަރު 7، 2023 ގެ ހަމަލާތައް ފެށިފަހުން މިއަދާ ހަމައަށް އައިއިރު އިޒްރޭލުގެ ހަމަލާތައް ހޮސްޕިޓަލް ތަކާއި ސްކޫލުތަކުގެ އިތުރުން ރެފިއުޖީ ކޭމްޕްތަކަށް އާމާޒުކޮށް އާންމުން ޝަހީދު ކުރަމުން ގެންދާ މައްސަލަގައި ދުނިޔެ ފާޑުކިޔަމުން ދާ އިރު އިޒްރޭލުން ބުނަމުން ދަނީ، ހަމާސްގެ ޓަނަލްތައް އޮޕަރޭޓް ކުރަން ބޭނުން ކުރަނީ އެތަނަތަން ކަމަށާއި އާންމު ރައްޔިތުން އައްޑަނައަކަށް ހަދައިގެން އެމީހުނަށް [އިޒްރޭލު ސިފައިންނަށް] ހަމަލާ ދެމުން ގެންދާ ކަމަށެވެ.

ނަމަވެސް ހޮސްޕިޓަލްތަކާއި ސްކޫލުތަކުގެ މަސައްކަތް ކުރާ ބޭރުގެ އޮފިޝަލުން ބުނެފައި ވަނީ، އެތަންތަނުގައި އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި އިޒްރޭލުން ދޮގު ހަދާ އޮޅުވާލަނީ ކަމަށެވެ.

ގާޒާގައި ހުންނަ ޝައިހު ހަމަދު ހޮސްޕިޓަލް ކައިރީ ޓަނަލް ހުރިތަން ކަމަށް ބުނެ ޔަހުދީން އާންމު ކުރި ފޮޓޯ

އަދި ހަމާސް އިން ވެސް ވަނީ އިޒްރޭލުގެ އެވާހަކަތައް ދޮގުކޮށް، އެއީ އާންމުންނަށް ހަމަލާ ދޭން އިޒްރޭލުން ހަދަހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށް ބުނެފައެވެ.

ރޭގެ ހަމަލާތަކާއެކު ޝަހީދު ވި މީހުންގެ އަދަދު މިހާރު ވަނީ 9922 އަށް އަރާފައެވެ.

އިއްޔެ އިން ފެށިގެން މުޅި ގާޒާއިން އިންޓަނެޓު ކަނޑާލާފައި ވުމުން، އެންމެ ސާފު ހަބަރުތައް އަދި ނުލިބޭ އިރު، ސެޓެލައިތް އިމޭޖު ފޯރުކޮށް ދޭ ކުންފުނިތަކުން ވެސް ވަނީ، ލައިވް އިމޭޖު، އަދި ހައި ރިޒޮލިއުޝަން އިމޭޖް ފޯރުކޮށް ދިނުން ހުއްޓާލާފައެވެ. އެ ކުންފުނިތަކުން އެކަން އެގޮތަށް ކުރި ސަބަބު ހާމަ ނުކުރި ނަމަވެސް އެމެރިކާގެ ނޫސްތަނުން ބުނީ، ހައި ރިޒޮލިއުޝަން އިމޭޖްތަކުގައި އިޒްރޭލުގެ އަސްކަރިއްޔާގެ ޓޭންކަރުތަކާއި ސިފައިން ތިބޭ ތަންތަން ފާހަގަ ވާތީ، އެމެރިކާ ސަރުކާރުން ކަންބޮޑުވުން ފާޅު ކޮށްފައި ވާ ކަމަަށެވެ. އެހެން ކަމުން މި ފިޔަވަޅަކީ އެމެރިކާ ސަރުކާރުގެ އެންގުމަށް އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.