އައްޑޫ ސިޓީގައި ފަލަސްތީނުގެ ގާޒާގެ މުސްލިމުންނަށް އެހީވުމަށް ގިނަ ހަރަކާތްތަކެއް ހިންގާފައި ވާއިރު މި ހަރަކާތްތަކުން ލިބުނު ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާ ހަވާލު ކޮށްފިއެވެ.

މި ގޮތުން އައްޑޫ ސިޓީ ހިތަދޫ މައިލޯ ސިޓީ ސްޕޯޓްސް އިން ހިންގި ހަރަކާތުން ލިބުނު 40،000 ރުފިޔާ އައިއޭސީ އާ ހަވާލު ކޮށްފައި ވާއިރު މައިލޯ ސްޕޯޓްސް އިން ބުނީ މި ފައިސާ އަކީ އިޒްރޭލުގެ އަސްކަރިއްޔާ އިން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށްޓަކައި، އެ ކްލަބް ގެ މެމްބަރުންނާއި ހެޔޮ އެދޭ ފަރާތް ތަކުން ދިން އެހީތެރިކަމެއް ކަމަށެވެ.

މީދޫގައި ގާޒާއަށް އެހީވުމަށް ކުރިއަށް ގެންދިޔަ ހަރަކާތް / ފޮޓޯ: ލުބްނާ މަޖީދު

މީގެ އިތުރުން އައްޑޫ ސިޓީ މިދޫ އަވަށު އޮފީހާއި، މުލިމަތި ޖަމިއްޔާ، ސްކީމް އަދި އައިއޭސީ މޯލްޑިވްސް އަދި އެ ސިޓީގެ ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން ދެ ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުން ލިބުނު ފައިސާވެސް އައިއޭސީ އާ ވަނީ ހަވާލު ކޮށްފައެވެ. އެގޮތުން 78،314.65 ރުފިޔާ ވަނީ އައިއޭސީ އާ ހަވާލުކޮށްފައެވެ.

މި ހަރަކާތް އިންތިޒާމުކުރި ފަރާތުން ބުނީ ގާޒާއަށް އެހީވުމަށް ފުރަތަމަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތުން ލިބުނީ 34،000 ރުފިޔާ ކަމަށެވެ. އަދި މިދިޔަ ހުކުރު ދުވަހު ބޭއްވި ހަރަކާތުން 44،314.65 ރުފިޔާ ލިބިފައިވާ ކަމަށެވެ.

ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އައްޑޫ ސިޓީ މަރަދޫ އާއި ފޭދޫގައިވެސް ވަނީ ހަރަކާތްތަކެއް ބާއްވާފައެވެ.