އިޒްރޭލުން ގާޒާ ފުނޑުނޑު ކުރަމުން ދާ އިރު މިހަރު މެދުއިރުމައްޗަށް ކުރައްވާ ދަތުރުގައު އުޅުއްވާ އެމެރިކާގެ ހާރިޖީ ވަޒީރާ ބައްދަލު ކުރައްވައި, ގާޒާ ހިމެނޭހެން ފަލަސްތީނުގެ ވެރިކަން ފުޅާކުރަން އެއްބަސް ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ, އިޒްރޭލާއި ހަމާށްގެ ހަމަނުޖެހުމަށް ސުލްހަވެރި ސިޔާސީ ހަމަޖެހުމެއް ގެނެވިއްޖެ ނަމަ, ހުޅަނގު އައްސޭރިއާއި އިރުމަތީ ޖަރުސޫލަމާއި ގާޒާ ހިމެނޭހެން ފަލަސްތީންގެ ވެރިކަން ދަމަހައްޓަން ތައްޔާރު ކަމަށެވެ.
މިހާރު އިޒްރޭލުން ހަމަލާ ދެމުން ގެންދާ ގާޒާ އަކީ, ފަލަސްތީނު ސަރުކާރުގެ ކޮންޓްރޯލް އޮންނަ ތަނެއް ނޫނެވެ. މީގެ ކުރިން އޮތް އާންމު އިންތިހާބުގައި ހަމާސްގެ ޕޮލިޓިކަލް ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާ ވާދަ ކުރައްވައި ކާމިޔާބު ކުރެއްވި ނަމަވެސް ހުޅަނގުގެ ޕްރެޝަރާއެކު އިސްތިއުފާ ދެއްވަން މަޖުބޫރުވެ ވަޑައިގެން ގާޒާގެ ކޮންޓްރޯލް ނަންގަވާ އެތަން ފަލަސްތީނުގެ ސަރުކާރާ ވަކިކޮށްލިއެވެ. 2007 އިން ފެށިގެން ގާޒާގެ ވެރިކަން ހިންގަނީ ހަމާސް އިންނެވެ.
އިޒްރޭލުން މިހާރު ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގެ އަމާޒަކީ ހަމާސް ނެތިކޮށްލުން ކަމަށް ބުނެފައި ވާ އިރު, ހަނގުރާމަ އަށް ފަހު ދެން ގާޒާއާ ހަވާލުވާނެ ބަޔަކާމެދު ކުރަމުން ދާ ސުވާލުގައި އިޒްރޭލުންވެސް އަދި އެމެރިކާއިން ވެސް ގާޒާގެ ބާރުތައް ފަލަސްތީން ސަރުކާރާ ހަވާލުކުރަން އެއްބަސް ވެއެވެ. މަހުމޫދު އައްބާސް އަކީ އަރަބި އެހެން ބައެއް ގައުމުތަކުގައި އޮތް ސަރުކާރުތައް ފަދައިން އެމެރިކާ އާއި އިޒްރޭލަށް މައިތިރި ކުރެވޭ ބޭފުޅެކެވެ.
އެމެރިކާ އާއި ޔޫރަޕުން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައި ވާ ހަމާސް އަކީ މަހްމޫދު އައްބާސް ތަމްސީލު ކުރައްވާ ފަތަހް މޫވްމަންޓާ ދެކޮޅު ބައެކެވެ.
2007 ގެ ކުރިން ގާޒާގައި ފަތަހްގެ ކޮންޓްރޯލް އޮތް އިރު އިޒްރޭލުން ގާޒާ ދޫކޮށްލިއެވެ. ނަމަވެސް ހަމާސް އިން ކޮންޓްރޯލް ނެގުމާއެކު ގާޒާ ވަކިކޮށްލައި ފެންސް ޖަހާ ގެންދިޔައީ ގާޒާގެ ރައްޔިތުންނަށް ލާއިންސާނީ އަދަބުތައް ދެމުންނެވެ.
ހަމާސް ނައްތާލުމުގެ ނަމުގައި ކެނޑި ނޭޅި އިޒްރޭލުން ގާޒާއަށް މިހާރު ހަމަލަ ދެމުން ގެންދާ އިރު, ޝަހީދުވި މީހުންގެ އަދަދު 10,000 ފަހަނަ އަޅަނީއެވެ. ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ.
ހަނގުރާމަ ހުއްޓާލަން ގޮވާލައި އަޑުތަކަށް ބީރު ކަންފަތެއް ދީ ޔަހޫދީ ބޮޑުވަޒީރު ގެންދަނީ ހަނގުރާމައިގައި ބޭނުން ކުރުން މަނާ ހަތިޔާރާއި ބަރު ހަތިޔާރާއެކު ގާޒާގެ އެތެރެއަށް ވަންނަމުންނެވެ. އެތަން މިތަނަށް ބޮމާއި މިސައިލާއި ޑްރޯން ހަމަލާ ދެމުން ގެންދާ އިރު, ކާބޯތަކެއްޗާއި, ބޯފެނާއި, ބޭހާއި އަންނައުނާއި ކަރަންޓުގެ އަލިކަމުން ގާޒާގެ ރައްޔިތުން މަހުރޫމު ކޮށް ވަނީ ބަނޑަށް ޖައްސާފައެވެ.
މިއަދު އޮތް ބައްދަލުވުމުގައި ބްލިންކަން, އައްބާސް އަށް ދަންނަވާފައި ވަނީ ގާޒާގެ މުސްތަގުބަލާ ގުޅޭ ގޮތުން ޕީއޭ (ޕަލަސްޓައިން އޮތޯރިޓީ) އަށް މުހިންމު ދައުރެއް އަދާ ކުރެވިދާނެ ކަމަށެވެ.
ގަޑިއެއް ހާއިރަށް ދެމިގެން ދިޔަ އެ ބައްދަލު ވުމުގެ މައިގަނޑު ބޭނުމަކީ ގާޒާގެ މުސްތަގުބަލާ މެދު ވާހަކަ ދެއްކުން ނޫން ކަމަށް ވިޔަސް ބައްދަލުވުމުގައި ދެކެވުނު އެހެން ވާހަކަތަކުގެ ތަފްސީލެއް އެމެރިކާއިން ވެސް ހާމައެއް ނުކުރެއެވެ.
އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ހުއްޓާލަން އައްބާސް ވެސް ގޮވާލައްވާފައި ނުވާ އިރު, އެމެރިކާއިން ވެސް އެ ކަމަށް ގެންދަނީ ދެކޮޅު ހަދަމުންނެވެ.