އިންތިގާލީ މަރުޙަލާގައި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ކުރަމުން އަންނަ އިތުރު އެއްވެސް ކަމެއް ހުއްޓުވައިފިނަމަ އޭސީސީގެ މެންބަރުންނަށް ފިޔަވަޅުއަޅުއްވާނެ ކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އިންޒާރު ދެއްވި ކަމަށް ބުނާ ވާހަކަތައް އެ ކޮމިޝަނުން ދޮގުކޮށްފިއެވެ.
އެ ކޮމިޝަނުން މި ވާހަކަތައް ދޮގުކޮށްފައި ވަނީ ރޮޒެއިނާ އޭސީސީ އަށް ގުޅުއްވާ އެ ކޮމިޝަންގެ މެންބަރުންނަށް އިންޒާރު ދެއްވާފައިވާ ކަމަށް 'ދިޔަރެސް' ނޫހުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ. އެ ނޫހުން ރިޕޯޓު ކޮށްފައިވަނީ އެ ކޮމިޝަންގެ މެންބަރުންނަށް ރޮޒެއިނާ ގުޅުއްވާ މަޝްރޫއުތައް ހުއްޓުވަމުން ދާތީ އެކަމާ ނުރުހުން ފާޅުކުރައްވާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ އަޣުލަބިއްޔަތު އަދިވެސް އޮތީ އެމްޑީޕީގެ އަތުގައި ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައިވާ ކަމަށްވެސް އެ ނޫހުން ވަނީ ރިޕޯޓު ކޮށްފައެވެ.
އެކަން ދޮގުކޮށް އޭސީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަންގެ އެއްވެސް ކަމަކާ ގުޅިގެން ރައްޔިތުން މަޖިލީހުގެ އެއްވެސް މެންބަރަކުވެސް، ސަރުކާރުގެ އިސް ވަޒީރެއްގެ އިތުރުން އެއްވެސް އެހެން ފަރާތަކުންވެސް އެ ކޮމިޝަނުގެ މެންބަރަކަށް ގުޅުައްވާ އިންޒާރުދެއްވާ ނުވަތަ ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް އިރުޝާދު ދެއްވާފައި ނުވާ ކަމަށެވެ.
އަދި އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކާ މެދު އެފަދަ ހަގީގަތެއް ނެތް އަދި ކުރަމުންދާ މަސައްކަތްތަކާ މެދު އިތުރުބާރު ގެއްލޭ ފަދަ ގޮތަކަށް ހަބަރު ނުފެތުރުމަށް އެ ކޮމިޝަނުން ވަނީ ނަސޭހަތްތެރި ވެފައެވެ. އަދި ހަމައެހެންމެ އެ ކޮމިޝަނުގައި މަސައްކަތް ކުރައްވަމުންދާ ހުރިހާ މެންބަރުންނަކީވެސް ވަކި ފަރާތަކަށް ބުރަވެ މަސައްކަތް ކުރަމުންދާ މެންބަރުންތަކެއް ނޫން ކަމަށް އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުންވެސް ވަކި ފަރާތެއްގެ ރުހުން ހޯދުމަށް އެ ކޮމިޝަނުން މަސައްކަތް ކޮށްފައި ނުވާނެ ކަމަށާއި ކުރިއަށް އޮތްތާގައި ވެސް އެފަދަ އަމަލެއް ނުހިންގާނެ ކަމުގެ ޔަގީންކަން އެ ކޮމިޝަނުން ވަނީ ދީފައެވެ. އަދި ކޮމިޝަނުން ނިންމާ ހުރިހާ ނިންމުންތަކަަކީ ގާނޫނާއި ގަވާއިދުގެ މަތިން ނިންމާ ނިންމުންތަކެއް ކަން އޭސީސީން ފާހަގަ ކޮށްފައި ވެއެވެ.