ޔަހޫދީ އިޒްރޭލުން ފަލަސްތީންގެ ކުށެއް ނެތް މުސްލިމުން ޝަހީދު ކޮށް ހުސްކުރަމުން ދާ އިރު، އިޒްރޭލަށް ތާއީދު ކުރާ ކަމަށް އިންޑިއާއިން ބުނެފިއެވެ.

ހަނަގުރާމަ އާ ގުޅިގެން ހުޅަނގާއި އެމެރިކާ ހިމެނޭހެން އިޒްރޭލަށް ހިފެހެއްޓުމެއް ނެތި ތާއީދު ކުރަމުން ދަނިކޮށް އިންޑިއާއިން ވެސް އިޒްރޭލަށް ތާއީދު ކުރާކަން ހާމަ ކުރެއްވި އެގައުމުގެ ހާރިޖީ ވަޒީރު ސުބުރަމާނިޔަމް ޖަޔާ ޝަންކަރު އިޒްރޭލުގެ ހާރިޖީ ވަޒީރަށް ގުޅުއްވާ ދެއްކެވި ވާހަކައިގައެވެ.

އިޒްރޭލުން 'ހަމާސް އާ ދެކޮޅަށް ކަމަށް ބުނެ' ފަށާފައި ވާ ގަތުލުއާންމަށް އިންޑިއާއިން ތާއީދު ކުރާތީ އިޒްރޭލުން ވަނީ އިންޑިއާއަށް ހާއްސަ ޝުކުރެއް އަދާ ކޮށްފައެވެ.

އިޒްރޭލުގެ ހާރިޖީ ވަޒީރު އެލީ ކޯހެން ބުނީ، އިޒްރޭލުން ހަމާސް އާ ދެކޮޅަށް ކުރާ ހަނގުރާމަ އަށް އިންޑިއާއިން ތާއީދު ކުރުމުން ޝުކުރު އަދާ ކުރާ ކަމަށާއި ހަމާސް އަކީ އައިސިސް އަށް ވުނެ ނުބައި ރުޅިއަރާ ބައެއް ކަމަށެވެ. އަދި މި ހަނގުރާމަ އަކީ ޑިމޮކްރެޓިކް ދުނިޔެ [ހުޅަނގުން ގަބޫލު ކުރާ ޑިމޮކްރެޓިކް ގައުމުތައް] ގުޅިގެން ޓެރަރިސްޓުންނާ ދެކޮޅަށް ކުރާ ހަނގުރާމަ އެއް ކަމަށް ވެސް އޭނާ ބުނެއެވެ.

މި ކޯލްގައި ޖަޔާޝަންކަރު ވިދާޅުވީ، ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނަގުރާމައިގައި އިންޑިއާއިން ފުރިހަމައަށް ތާއީދު ކުރާ ހާލު، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކަށް ރިޔާއަތްކުރަން ވާނެ ކަމަށެވެ. އަދި 2 ސްޓޭޓް ސޮލިއުޝަން [2 ދައުލަތް އޮތުމަށް] ވެސް އިންޑިއާއިން ތާއީދު ކުރާކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ޝަންޖަރު ވިދާޅުވީ، ހަނގުރާމައިގެ މިހާރުގެ ހާލަތާ ގުޅޭގޮތުން އިޒްރޭލުން މައުލޫމާތު ދީފައި ވާ ކަމަށާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައަށް އިންޑިއާގެ ފުރިހަމަ ތާއީދު އޮތް ކަމަށެވެ. އަދި ހަނގުރާމައިގެ ހާލަތުގައި ވެސް އަދި މައިދާނުގައިވެސް އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

މިމޭރުމުން އިންޑިއާއިން ވާހަކަ ދައްކާފައި ވާ އިރު މިދިޔަ ހުކުރު ދުވަހު އިޓަލީގެ ރޯމްގައި އޮތް ޑިފެންސް ކޮމިޝަންގެ ވެރިންގެ ފެންވަރުގެ ބައްދަލުވުމުގައި ޝަންކަރު ވިދާޅުވެފައި ވަނީ، ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކާއި ދަތިތައް ހައްލު ކުރުމަށް މަޝްވަރާގެ ދިރު ހިޔާރު ކުރަން ޖެހޭ ކަމަށާއި ހަމަނުޖެހުމާއި ޓެރަރިޒަމްގެ އަމަލުތަކާ ދުރުވާން ޖެހޭ ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ، އޮކްޓޯބަރު 7، 2023 ގައި ހިނގާ ދިޔައީ ޓެރަރިޒަމްގެ ބޮޑު އަމަލެއް ކަމަށާއި ދެން ހިނގަމުން ދާ ކަންކަން ހިނގަމުން އެދަނީ އޭގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. އެއާއެކު މުޅި އެ ސަރަހައްދުގެ ހަމަޖެހުމާއި މަސްލަހަތު މުޅިން އެހެން މިސްރާބަކަށް ގޮސްފި ކަމަށާއި ހަމަނުޖެހުން މުޅިން ހައްލުވެގެން ނުދިޔަ ނަމަވެސް ގުޅިގެން ކުރެވޭ މަސައްކަތުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އަންނަން ވާނެ ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ، ނިއު ދިއްލީގެ ސްޑޭންޑަކީ، 2 ދައުލަތް ވަކިން ގާއިމު ކުރުން ކަމަށާއި އެކަން ކުރުމަށްޓަކައި ދޭތެރެ މެދުގެ ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.

"އެއްވެސް ސުވާލެއް ނެތް، ޓެރަރިޒަމާ ދެކޮޅަށް އަހަރެމެން އެންމެން ތެދުވާނެ، އެހެން ނަމަވެސް ފަލަސްތީންގެ ރައްޔިތުންނަށް ކުރިމަތިވެފައި ވާ މައްސަލަތަކަށް ވެސް ހައްލެއް ލިބެން ޖެހޭ، އެއީ 2 ދައުލަތް ވަކިން ގާއިމު ކުރުން"

އެހެން ކަމުން މަޝްވަރާގެ ތެރެއިން ހައްލު ހޯދުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.