ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް މިއަދު ބާއްވުމަށް އާބަންކޯއިން ނިންމާފައިވާ ފަންޑް ރައިސިން އިވެންޓް ފަސްކޮށްފިއެވެ.

އާބަންކޯއިން ބުނީ މިއަދު ސެންޓްރަލް ޕާކްގައި ބޭއްވުމަށް ހަމަަޖެހިފައިވާ "ވީ ސްޓޭންޑް ވިތު ފަލަސްތީން" އިވެންޓް މޫސުން ތަން ނުދިނުމުގެ ސަބަބުން ފަސްކުރެވިފައިވާ ވާހަކަ ކަމަށެވެ. އަދި މި އިވެންޓް ބާއްވާނެ ދުވަހެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށެވެ.

މި އިވެންޓްގައި ފުޑް ސްޓޯލް، ޖަމްބަލް ސޭލް އަދި ކުޑަކުދިންނަށް ހާއްސަ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ. އަދި މި ހަރަކާތްތައް މެދުވެރިކޮށް ލިބޭ ހުރިހާ ފައިސާއެއް ދިނުމަށް ހަމަޖެހިފައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ވަނީ މި އިވެންޓްގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމުގައި ހިއްސާވުމަށް އެދިފައެވެ. މިދިޔަ ހަފްތާ ބަންދުގައި ވެސް އާބަންކޯއިން ވަނީ ފަލަސްތީނަށް އެހީވުމަށްޓަކައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ ބަޔަކު 9،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި 32،000އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.