މި އަހަރު ޑިސެމްބަރު އުމްރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ 2 މީހަކު ހޯދުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް އިން އިއުލާން ކޮށްފިއެވެ.

ހައްޖު ކޯޕަރޭޝަން ލިމިޓެޑްއިން ކޮށްފައިވާ އިއުލާނުގައި ބުނީ އުމްރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދިނުމަށް، އަސާސީ ތައުލީމު ހާސިލްކޮށްފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ސިއްހަތު ރަނގަޅު 2 ފިރިހެނަކު ބޭނުންވާކަމަށެވެ. މި މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ނޮވެމްބަރު 09 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން އެ ކޯޕަރޭޝަން އިން ބުނީ އެ މަގާމަށް ހޮވޭ ފަރާތުގެ މަސްއޫލިއްޔަތުގެ ތެރޭގައި، ކެއުމުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުމާއި، މެސް ރޫމާއި ހަވާލުވެ ހުންނަ ފަރާތުގެ އިރުޝާދުގެ ދަށުން މެސްރޫމްގެ މަސައްކަތްކުރުން ހިމެނެއެވެ. އަދި ބާޒާރުން ގަންނަންޖެހޭ ތަކެތި ހޮޓަލަށް ގެނައުމާއި އުމްރާވެރިންނަށް ދިމާވާ އެކިއެކި ކަންކަން، ކުންފުނީގެ އިސް މުވައްޒަފުންގެ އިރުޝާދުގެ ދަށުން ހައްލުކުރުން ހިމެނެއެވެ.

މީގެ އިތުރުން މި މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ހައްޖު ކޯޕަރޭޝަނުން ބުނީ މި މަގާމައް މީހުން ހޮވުމުގައި އަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުއާމަލާތްކުރަން އެނގޭ، ހައްޖު އަދި އުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށެވެ. އަދި ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެ ނަމަ އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުސަތު ދެވޭނެކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.