އިންޑިއާގައި މޫލާފައި އޮތް ކޮރަޕްޝަނާ ދެކޮޅަށް މަޝްރޫހު މަހާތުމާ ގާނދީ، އަންނާ ހަޒާރޭ ފަދަ ބޭފުޅުން ގެންގުޅުއްވި ފިލޯސަފީ އާ އެކު ދިއްލީގެ ޗީފް މިނިސްޓަރުކަން ހޯއްދެވި އަރްވިންދް ކެރިރްވާލް އަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށް ސުވާލު ކޮށްފިއެވެ.
ރާ ވިއްކުމާ ގުޅޭ ގޮތުން ކުރިން އަމަލު ކުރަމުން އައި އެހެން ނަމަވެސް މިހާރު އަމަލު ކުރަމުން ނުދާ ޕޮލިސީ އަކާ ގުޅޭ ފައިސާގެ ހިޔާނާތުގެ މައްސަލައެއްގައި އިންޑިއާގެ ފައިނޭންޝަލް ކްރައިމްސް ނުވަތަ އެންފޯސްމަންޓް ޑައިރެކްޓޮރޭޓު (އީޑީ) އިން ތުހުމަތު ތަކެއް ކޮށް ދަނީ ސުވާލު ކުރަމުންނެވެ.
ތުހުމަތަކީ ނާޒާއިރު މަންފާތަކެއް ހޯދުމުގެ ތުހުމަތެވެ. އެ ތުހުމަތުތަކުގައި ކެޖިރްވާލް ނިސްބަތްވެ ވަޑައިގަންނަވާ އާމް އާދަމީ ޕާޓީ (އޭއޭޕީ) ގެ އެހެން އިސް ދެވެރިން ކަމަށް ވާ މަނީޝް ސިސޯޑާ އާއި ސަންޖޭ ސިންގް ވަނީ ހައްޔަރުވެސް ކޮށްފައެވެ.
ކެޖިރްވާލް އަކީ، އިންޑިއާގައި ވެރިކަން ކުރާ ބީޖެޕީގެ ކޮރަޕްޝަންގެ ވާހަކަތައް ފެންމަތި ކުރައްވައި، އާންމުންގެ ބޮޑު މަގުބޫލު ކަމަކާއެކު ސިޔާސީ މައިދާނުން ޖާގަ ހޯއްދަވާ ދިއްލީގައި އިތް ޒަމާންވީ ބީޖެޕީގެ ބާރު ފުރަތަމަ ފަހަރަށް ދުއްވާލި ޕާޓީއެވެ.
އޭނާގެ މަގުބޫލުކަން އިންޑިއާގައި ބޮޑުވަމުން އަންނަ އިރު، އަންނަ އަހަރު އޮންނަ އާންމު އިންތިހާބުގައި ވެސް ވާދަކުރައްވާނެ ކަން ވަނީ އިއުލާން ކުރައްވާފައެވެ. އިންޑިއާގައި މިވަގުތު ހުންނެވި އެންމެ މަގުބޫލު 3 ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނެނީ 3 ވަނަ އަށެވެ. އެއްވަނައިގައި މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އޮތް އިރު ދެވަނައިގައި އޮތީ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހޫލް ގާނދީއެވެ.
ކޮރަޕްޝަންގެ ތުހުމަތުތަކުގައި ކެޖިރްވާލް އާ ސުވާލު ކޮށް ހައްޔަރުކޮށް، އޭނާގެ ޕާޓީގެ އިސް އޮފިޝަލުން ބުނީ، އޭނާ ޖަލަށް ލައިފި ނަމަ އިންތިހާބުގައި ވާދަ ކުރާނި ޖަލުން ކަމަށެވެ. އަދި އެ ޕާޓީގެ މައްޗަށް ކުރަނީ ސިޔާސީ ތުހުމަތުތަކެއް ކަމަށާއި ބޭނުމަކީ ކުރިއަށް އޮތް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ބަންދު ކުރުން ކަމަށެވެ.
ނަމަވެސް ބީޖޭޕީން ބުނެފައިވަނީ އާމް އާދަމި ޕާޓީން ކޮރަޕްޝަނަށް ފަހިވާ ކަންކަމުގައި ބައިވެރިވާ ކަމަށާއި ކަންކަން ކުރަމުން ގެންދަނީ އެމަގަށް ކަމަށެވެ.
ކެޖިރްވާލް އަށް ތުހުމަތު ކުރާ ލިކާ ޕޮލިސީ އަކީ އޭނާގެ ޗީފް މިނިސްޓަރު ކަމުގައި 2021 ގައި އަމަލު ކުރަން ފަށައި އަހަރެއް ނުވަނީސް އުވާލި ޕޮލިސީއެކެވެ. އެކަން އޭނާ އެގޮތަށް ކުރެއްވީ ނާޒާއިރު މަންފާތަކެއް ހޯއްދެވުމަށް ކަމަށް ކުރާ ތުހުމަތުތަކުގައި ހިމެނެއެވެ.