ގާޒާގައި އެންމެ ބައިބޯ އެއް ރެފިއުޖީ ކޭމްޕް ކަމަށް ވާ ޖަބަލިއާ އަށް މިސައިލާ ބޮމުގެ ހަމަލާ ދީ އަވަށެއް އެއްކޮށް ބިމާ ހަމަކޮށްލި ތާ 24 ގަޑި އިރު ނުވަނީސް ދިން މިސައިލް ހަމަލާއެއްގައި ޝަހީދު ވި މީހުންގެ އަދަދި 195 އަށް އަރާ ކަމަށް ފަލަސްތީނުގެ އިދާރާތަކުން ބުނެއެވެ.
އަދި ފުނޑުފުނޑު ވެފައި ވާ އިމާރާތްތަކުގެ ދަށުގައި މަދުވެގެން 100 މީހަކު ވަޅުލެވިފައި ވާ ކަމަށާއި ޒަހަމް ވި މީހުންގެ އަދަދު 777 އަށް އަރާ ކަމަށް ބުނެފައި ވެއެވެ.
މި ހަމަލާ ވެސް ދިނީ ހަމާސްގެ ކޮމާންޑަރަކު މަރާލަން ކަމަށް އިޒްރޭލުން ބުނެފައި ވާ އިރު އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން ބުނެފައި ވަނީ، މިއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ބެލެވިދާނެ ކަމަށާއި އެއީ ހާލަތާ ނުބައްދަލު ހަމަލާއެއް ކަމަށެވެ.
ގައުމުތަކާއި އދ ގެ އިދާރާތަކަށް ފާޅުގައި ނުކުމެ އިޒްރޭލު ހުއްޓުވަން ނުކެރޭ އިރު، ޖަރީމާއަކަށް ވެދާނެ ކަމަށް، ކަންބޮޑުވާ ކަމަށް، ޝޮކެއް ލިބިގެން ދިޔަ ކަމަށް ފަދަ ބަސްތައް ބޭނުން ކުރާތާ 26 ދުވަސް ވީއެވެ.
އިޒްރޭލުގެ އުދުވާން ފެށިފަހުން މިހާތަނަށް ކުށެއް ނެތް މައުސޫމް ކުދިންގެ 3500 ކުދިން ވަނީ ޝަހީދު ކޮށްލާފައެވެ.
2007 އިން ފެށިގެން ހަމާސްގެ ކޮންޓްރޯލް އޮންނަ ގާޒާ އަކި 2.3 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެމުން އަންނަ ތަނެކެވެ. އެތަން [ގާޒާ] ޔަހޫދީން ބަންދު ކޮށްގެން ޖަލެއްގެ ގޮތުގައި ބަލަހައްޓަމުން އަންނަތާ 17 އަހަރު ވެއްޖެއެވެ.
އދ ގެ އިންސާނި ހައްގުތަކާ ބެހޭ އިދާރާގެ ޗީފް މާޓިން ގްރެފިތްސް ވިދާޅުވީ 'ދުނިޔެ ވަނީ އިޒްރެލުގެ އުދުވާން ހުއްޓުވުމުގައި ނުކުޅެދިފައި، ނުވަތަ ހުއްޓުވަން ބޭނުން ނުވެފައި، މިކަން މިހެން ދާން ދޫކޮށްލެވިގެން ނުވާނެ، މިއީ ބަދަލު ގެންނަން ޖެހޭ ވަގުތު' ކަމަށެވެ.
އިޒްރޭލުން ބުނަނީ ޖަބަލިއާ އަށް ހަމަލާ ދެނީ އަދި ދޭން ޖެހެނީ އެތާނގެ ދަށުން ހަމާސްގެ ޓަނަލްތައް ހަދާ ފިލާތިބެތީ ކަމަށާއި ފުރަތަމަ ދުވަހުގެ ހަމަލާގައި ހަމާސްގެ ކޮމާންޑަރު އިބްރާހިމް ބިއަރީ މަރާލެވިފައި ވާ ކަމަށެވެ. ނަަމަވެސް ހަމާސް އިން ބުނެފައި ވަނީ އެ ހަމަލާ ދިން އިރު ބިއަރީ އެ ކޭމްޕްގައި ނެތް ކަމަށާއި ނަމަވެސް ހަމާސް އިން އަސީރު ކޮށް އެ ކޭމްޕްގައި ފޮރުވައިގެން ގެންގުޅުނު މީހުންގެ ތެރެއިން 7 މީހަކު މަރުވެފައި ވާ ކަމަށެވެ.
އިޒްރޭލުގެ ހަމަލާތަކުގައި މަރުވީ ހަމާސްގެ ކިތައް މުޖާހިދުން ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ޖަބަލިއާ ކޭމްޕް މިހާރު ފެންނަނީ ބޮޑެތި ވަޅުގަނޑުތައް ހެދި ފުނޑުފުނޑު ވެގެން ވެއްޓިފައި ވާ އިމާރާތްތަކުގެ ގާކުނޑިން ފުރިފައި އޮތް ސަހަރާއެއް ފަދަ ގޮތަކަށެވެ.