ހުޅުމާލެ އާއި މާލެއާ ދެމެދު އޮންނަ ސިނަމާލެ ބްރިޖުގެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެތަނުން ނަގައި ބަދަލުކުރާނަމަ 170 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭނެ ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާލެ އާއި ހުޅުމާލެއާ ދެމެދު އޮންނަ ސިނަމާލެ ބްރިޖުގެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެ ތަނުން ނަގައި އެހެން ތަނަކަށް ބަދަލުކުރައްވާނެ ކަމަށް ވައުދު ވެވަޑައިގެންފައެވެ.

އެކަމާ ގުޅިގެން އެންވާރަމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިމި މާލެ ސިޓީގެ ކަރަންޓު ވިއުގައާ ގުޅުވާލަން ތައްޔާރުވެފައިވާ މި ދަނޑިވަޅުގައި، މި މަޝްރޫއުގެ ދަށުން ލިންކް ރޯޑުގައި އިންސްޓޯލްކޮށްފައިވާ ޕެނަލްތައް ނަގާނެކަމަށް ބުނުމަކީ، އޭގެ ސަބަބުން ދައުލަތައް މާލީ ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމެއް ކަމަށެވެ.

އެގޮތުން، ސޯލާ ޕެނަލްތައް އެތަނުން ނަގައި އެހެން ރަށަކަށް ބަދަލުކުރާނަމަ ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ ދައުލަތުން ހަރަދު ކުރަންޖެހޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށާއި އަދި ބަދަލުކުރާ ރަށްރަށުގެ ކަރަންޓު ދިނުމުގެ ނިޒާމުގެ ހާލަތު ހުރިގޮތުން ނެޓްވޯކް އަޕްގްރޭޑް ކުރުމަށާއި ބެޓެރި ސްޓޯރޭޖް ގާއިމުކުރުމަށް އިތުރު ބޮޑު ހަރަދެއް ކުރަންޖެހޭނެ ކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެއެވެ.

އެބަޔާނުގައި އިތުރަށް ބުނީ، މި ފަދަ ނިންމުންތަކަކީ، ރާއްޖޭގެ އިންވެސްޓްކުރަން ބޭރުގެ ފަރާތްތަކުން ޖެހިލުންވެ ވަާލްޑް ބޭންކް ފަދަ ރާއްޖެއަށް އެކި ރޮނގުރޮނގުން އެހީ ތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ރާއްޖެއާމެދު ދެކޭގޮތް ބަދަލުވެގެންދާނެ ކަމެއް ކަމަށާއި އަދި އެ ފަރާތްތަކުން ފޯރުކޮށްދެމުންދާ އަދި ފޯރުކޮށްދިނުމަށް ރާވާފައިވާ އެހީތަކާމެދެ ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރުކުރުވާނެ ކަމެއް ކަމަށެވެ.

​ލިންކް ރޯޑުގެ މޫދާވީ ފަޅީގައި ސޯލާ ޕެނަލް ހަރުކޮށްފައި ވަނީ، ހިޔާ ލިބޭގޮތަށް އޭގެ ދަށް ސަރުކާރުން ކަނޑައަޅާ އުސޭލެއްގެ ދަށުން އެކި އެކި އިޖްތިމާއީ ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ކަމަށާއި ސޯލާ ސްޓްރަކްޗތައް ފެހިކޮށް ރީތި ލޭންޑް މާރކެއްގެ ގޮތުގައި އެ ސަރަހައްދު ހެދުމަށް ޕްލޭންތައް ކޮށްފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ. ކަރަންޓު އުފެއްދުމަށް ސަބްބިޑީގެ ގޮތުގައި ކުރާ ހޭދަކުޑަކުރުމަށާއި، ކަރަންޓު އުފެއްދުމަށް ރާއްޖެއިން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދާ ކަރަންޓުގެ އަގު ހެޔޮކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މިގޮތުން، މުޅިރާއްޖޭގައި އިރުގެ އަލި ބޭނުންކޮށްގެން ކަރަންޓު އުފައްދާ މިންވަރު 2018 ވަނަ އަހަރު ނިމުނިއިރު ހުރި 16.5 މެގަވޮޓު މިހާރު ވަނީ 53.3 މެގަވޮޓަށް އިތުރުކުރެވިފައިވާ ކަމަށާއި އަދި މިހާރު ވެސް މަލްޓިލެޓްރަލް ޑިވެލޮޕްމަންޓް ބޭންކް ތަކާ ގުޅިގެން އިއާދަކުރަނިވި ހަކަތައިގެ ތަފާތު އެކި މަޝްރޫއުތައް ހިންގަމުންދާ ކަމަށެވެ.

އެކި މަރުހަލާތަކުގައި ކުރިއަށްދާ އިއާދަކުރަނވި ހަކަތައިގެ މަޝްރޫއުތައް ނިމުމުން އިތުރު 67.8 މެގަވޮޓު ގެ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުކުރެވޭނެ ކަމަށާއި މި މަސައްކަތްތައް ނިމުމުން އިއާދަކުރަނިވި ހަކަތައިގެ ގާބިލުކުން ޖުމްލަ 121 މެގަވޮޓަށް އިތުރުކުރެވި ތެލަށް ކުރާ ހޭދައިން އަހަރަކު 1 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއް ސަލާމަތް ކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން މިހެން ބުނެފައިވާއިރު ހުޅުމާލެ ސެންޓަރަލް ޕާކުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މުއިއްޒު ވިދާޅުވީ، އިޔާދަކުރަނިވި ހަކަތައަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި މުއިއްޒުގެ ސިޔާސަތުގައި ވެސް އެއީ ވަރަށް މުހިއްމު ކަމެއް ދެއްވާނެ ކަމެއް ކަމަށެވެ. ކޮންމެ ކަމެއް ކުރުމުގައި ވެސް އެންމެ ރަނގަޅު ގޮތް އޮންނާނެ ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ ސޯލާ ޕެނަލް ހަރުކުރުމުގައި ވެސް އެއަށް ވުރެ ރަނގަޅު ގޮތެއް އޮންނާނެ ކަމަށެވެ.

އެގޮތުން މިހާރު އެ ހައިވޭގެ ދިގު މަގުގައި ޖަހާފައިވާ ސޯލާ ޕެނަލްތައް ނަގަން ގަސްތު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެ ސޯލާ ޕެންލްތައް ރާއްޖޭގެ ކުޑަ އަދި މެދު ސައިޒުގެ އެއް ރަށް ނުވަތަ ދެ ރަށަކަށް ބަދަލުކޮށް އެއްކޮށް ސޯލާ ޕަވާއިން ހިންގޭ ގޮތަށް ބަދަލު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެކަން ކުރައްވާނީ އެ ޕްރޮޖެކްޓަށް ފަންޑު ކުރި ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ހައިވޭގައި ޖަހާފައިވާ ސޯލާ ޕެނަލްގެ ޕްރޮޖެކްޓަކީ ވޯލްޑް ބޭންކާއި އެންވާރަމަންޓު މިނިސްޓްރީ ގުޅިގެން ހިންގާ އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ފަސް މެގަވޮޓުގެ ސޯލާ ޕީވީގެ ތެރޭގައި ހިމެނޭ 1000 ޔުނިޓުގެ ތެރެއިން ބައެއް ކަނޑައަޅާފައި ވަނީ ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓުތަކުގެ ފުރާޅުގައި ހަރު ކުރުމަށެވެ. އަދި މި މަޝްރޫއުގައި ހިމެނޭ ސޯލާ ޕީވީގެ ބޮޑު ބައެއް ގާއިމު ކުރަނީ ހުޅުލެ–ހުޅުމާލެ ލިންކް ރޯޑުގައެވެ.

ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ބައެއްގެ ގޮތުގައި، ލިންކު ރޯޑުގައި އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރަން ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑާ ހަވާލުކުރީ 2020 އަހަރުގެ ނޮވެމްބަރު މަހުގައެވެ. އަދި މި މަސައްކަތް މި އަހަރު އޮގަސްޓްގައި ނިންމާލެވޭނެ ކަމަށް މީގެ ކުރިން އެންވާރަމަންޓް މިނިސްޓްރީން ބުނެފައި ވީ ނަމަވެސް އަދިވެސް މި މަސައްކަތް ވަނީ ނުނިމިއެވެ.