އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް އިތުރު 1000 މީހުންނަށް ދައުވަތު ދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާ ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބީ ރައީސް ހުވާ ކުރައްވާ ރަސްމިއްޔާތަށް ބޭރު ގައުމުތަކުގެ ވެރިންނާއި އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާނެހެން 3500 މީހުންނަށް ދައުވަތު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.
ނަމަވެސް ސިލްސިލާކޮށް ބާއްވަމުން އަންނަ ނިއުސް ކޮންފަރެންސް ތަކުގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިރުޒުލް ވިދާޅުވީ އެ އަދަދަށް ވުރެ އިތުރަށް 1000 އާންމު މީހުންނަށް ފުރުސަތު ހުޅުވާލާ، އެ ރަސްމިއްޔާތުގައި ބައިވެރިވެވޭނެ މަގު ފަހު ކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ގާނޫނުއަސާސީގެ 114 ވަނަ މާއްދާގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ގައި ނަމަވެސް ހުވާ ކުރެއްވުމުގެ ދަރުބާރު ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދަން އެދިވަޑައިގެންނެވީ ހުދު މުއިއްޒުއެވެ.
އިންތިހާބީ ރައީސް ޑރ. މުއިއްޒު އަދި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައެވެ. އެ ރަސްމިއްޔާތު ބައިވެރިވުމުގެ ފުރުސަތު ރާއްޖެއިން ބޭރުގެ ހުރިހާ މީޑިއާތަކަށް ވެސް ވަނީ ހުޅުވާލާފައެވެ.
ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކު މުއިއްޒު ވެގެންދާނީ ދިވެހި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސަށެވެ. ފުރަތަމަ ޖުމްހޫރިއްޔާ އާއެކު ގުނާނަމަ އަށްވަނަ ރައީސުލްޖުމްހޫރިއްޔާއެވެ.