ގާނޫނު އަސާސީން ޕްރޮސެކިއުޓާ ޖެނެރަލަށް ލިބިވަޑައިގަންނަވާ ބާރުގެ ބޭނުން ކުރައްވަނީ އެންމެ ހެޔޮ ގޮތުގައި ނޫންކަމަށާ، ޝަރީއަތް ނިމެންދެން ޖަލު ބަންދަށް ހުކުމް ކުރުމަށް ޕީޖީ އެދިވަޑައިގަތުމަކީ ލާ އިންސާނީ އަމަލެއް ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމް އިން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ފައްޓަވަމުން އެ މަނިކުފާނު ވަނީ ސަޕޯޓަރުންނަށް ވަރަށް 'ޖަޒުބާތީ' މެސެޖެއް ދެއްވާފައެވެ. އެ ގޮތުން ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނު ޖަލުގައި ތަހައްމަލް ކުރެއްވި، ތަހައްމަލު ކުރެއްވުން އެއްވެސް ސިޔާސީ ލީޑަރަކަށް އިހްސާސް ނުކުރެއްވޭނެ ކަމަށެވެ. އެހެންކަމުން އެ މަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާއެއްގައި އެއްވެސް ބޭފުޅަކު އެ މަނިކުފާނަށް ތަހައްމަލު ކުރެއްވުނު ހިތްދަތިކަން އިހްސާސް ކުރެވޭ ވާހަކަ ވިދާޅު ނުވުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފައެވެ. އެހެންނަމަވެސް އެމަނިކުފާނަށް ތާއިދު ކުރާ ފަރާތްތަކުން އެ ހިތްދަތިކަމުގައި ބައިވެރިވެ ވަޑައިގަންނަވާ ވާހަކަ ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ރާއްޖޭގެ އަދުލު އިންސާފުގެ ކަންކަން ބޮއްސުންލާފައިވާ މިންވަރު ހާމަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރު ދިވެހިރާއްޖޭގެ ރައްޔިތުން ގަބޫލު ކުރަން ޖެހޭ ކަމަކީ ތަރައްގީ އާ އެކު އެތައް ކަމެއް ވެގެން ދާއިރުވެސް ރާއްޖެއަށް ވަރަށް މުހިއްމު އެއްކަކަމެއް މަދުވާ ކަމެވެ. އެ ގޮތުން އަދުލު އިންސާފުގެ ދާއިރާއަކީ އިތުބާރު ހޯދަންޖެހޭ ދާއިރާއެއްކަން ހުރިހާ ރައްޔިތުންނަށްވެސް ގަބޫލު ކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މައްސަލަތައް ދިގުލައިގެން ދިއުމާއި މައްސަލަތައް ނުނިމި ދިއުމަކީ ބޮޑު މައްސަލައެއްކަން ފާހަގަ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެއީ އަދުލު އިންސާފު ގެއްލިގެންދާ ކަަމެއް ކަމުގައެވެ. މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ފަނޑިޔާރު ގެއާ ހަމައަށް މައްސަލަ ދިއުމުން އެންމެ އަދުލުވެރި އިންސާފު ލިބުނީ ނޫން ކަމަށެވެ. ތުހުމަތުކޮށް، ފުލުހުންގެ ތަހުގީގަށް ފަހު ޕޖީއިން ފަނޑިޔާރުގޭގައި އެދެނީ ޝަރީއަތް ނިމެން ދެން ޖަލަށް ލުމަށް ކަން ފާހަގަ ކުރައްވަމުން ރައީސް ޔާމީން ވަނީ މިޔަަށްވުރެ ބޮޑު އަނިޔާއެއް ދެވޭނެތޯ ސުވާލު ކުރައްވާފައެވެ.

" ޝަރީއަތް ނިމެންދެން މީހަކު ޖަލަށް ލީމަ ކީއްތޯ މިވަނީ؟ ކާކުތޯ އެމީހެއްގެ ޝަރިއަތް ނިންމަން އުޅެނީ؟ ތަހުގީގު ނުނިމިގެން މިއުޅެނީ. އޭނަ އަމިއްލައަށް އޭނަގެ ތަހުގީގުކުރެވޭތޯ؟ ޝަރިއަތް ނިންމޭތޯ؟ ކޮންބައެއްތޯ މިކަމާ ހަވާލުވެ ތިބީ؟ މިކަމާ ހަވާލުވެ ތިބީ ގާނޫނު ނަގަހައްޓަން ﷲ ގަންދީ ހުވާކޮށްގެން ތިބި ފަރާތްތައް އެމީހުންގެ ޒިންމާއެއް މައްސަލަތައް އަވަހަށް ނިންމުމަކީ" ރައީސް ޔާމީން ވިދާޅުވިއެވެ.

މިކަންކަން ބަދަލުވާން ޖެހޭކަން ފާހަގަ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް/ ޕީއެންސީ އަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް ބޮޑު އަގުލަބިއްޔަތެއް ލިބިއްޖެނަމަ، ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ މިފަދަ ކަންތައްތައް ކުރައްވާނެ ކަމަށާ، އުނިކޮށް ހުރި ކަންތައްތައް އިސްލާހު ކުރައްވާނެ ކަަމަށެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދެވި ރައީސް ޔާމީން މި މަހުގެ 1 ވަނަ ދުވަހު ވަނީ ގޭ ބަންދަށް ބަދަލު ކޮށްފައެވެ. އެއަށް ފަހު ކަރެކްޝަނަށް އެންގެވުމަށް ފަހު އެކިއެކި ކަންކަމުގައި ބޭރަށް ނިކުމެވަޑައިގެންނެވޭ ގޮތަށް އެމަނިކުފާނަށް ވަނީ ލުއިތަކެއް ދީފައެވެ.