ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ 'ރީޖަނަލް ކޮމެޓީ' ގެ 76 ވަނަ ބައްދަލުވުން މިއަދު، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ފަށައިފިއެވެ.
މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ މި ބައްދަލުވުމުގައި ރާއްޖެއިން ވަނީ ބައިވެރިވެފައެވެ. ރާއްޖެއިން ބައިވެރިވި ވަފުދުގެ އެންމެ އިސްކޮށް ހުންނެވީ ހެލްތް މިނިސްޓަރު އަހްމަދު ނަސީމެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރީޖަނަލް ކޮމިޓީގެ ބައްދަލުވުމަކީ މި ސަރަހައްދުގެ 11 ގައުމެއްގެ ސިއްހަތާ ބެހޭ ވަޒީރުންނާ، ސިއްހީ ދާއިރާގައި އިސްކޮށް އުޅުއްވާ ފަންނީ މީހުން ހިމެނޭ ގޮތަށް ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މި ސަރަހައްދުގެ ރައްޔިތުންގެ ސިއްހަތާ ގުޅޭ މުހިއްމު ކަންކަން ކަނޑައެޅުމާ، މި ސަރަހައްދުގެ ސިއްހަތާ ގުޅޭ ކަންކަން ކުރިއެރުވުމަށް މަޝްވަރާކުރާނެއެވެ. މީގެ އިތުރުން މި ބައްދަލުވުމަކީ މި ސަރަހައްދުގެ ސިއްހަތާ ގުޅޭ މުހިއްމު ނިންމުންތައް ނިންމާ އެންމެ މުހިއްމު 'ގަވާނަންސް' ބައްދަލުވުމެވެ.
މިއަހަރުގެ ބައްދަލުވުމުގައި ހިމެނޭ މުހިއްމު ކަންތައްތަކުގެ ތެރޭގައި ކުރިއަށް އޮތް ފަސް އަހަރަށް މި ރީޖަނަލް ޑަރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ވަނީ ނިންމާފައެވެ. ރީޖަނަލް ކޮމިޓީގައި މި ސަރަހައްދުގެ ގައުމުތަކުގައި ޔުނިވާސަލް ހެލްތު ކަވަރޭޖް ހާސިލްކުރުމުގައި މައި އަސާސް ކަމުގައިވާ ސިއްހަތު ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަހުގެ 31 ވަނަ ދުވަހު މި ސަރަހައްދުގެ ސިއްހީ ދާއިރާގެ އިސްވެރިންނަށް ހާއްސަ 'ރައުންޑް ޓޭބަލް' ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކަމަށް ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރުމަށް ' ދެއްލީ ޑިކްލަރޭޝަން އޮން ސްޓްރެންތަނިން ޕަރައިމަރީ ހެލްތް ކެއާ އޭޒް އަ ކީ އެލިމެންޓް ޓުވާޑްސް އެޗީވިން ޔުނިވާސަލަ ހެލްތް ކަވަރޭޖް' ގެ ނަމުގައި ގަރާރެއް ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި މި ސަރަހައްދަށް ހާއްސަ ސިއްހީ މައްސަލަތަކާ ގުޅޭގޮތުން ގައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން ޓީބީ ނައްތާލުމުގައި ގައުމުތަކުގެ މެދުގައި ކުރެވުނު މަސައްކަތްތަކާ، އާއްމު ސިއްހަތު ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސްކޫލުތަނުގެ ސިއްހަތު ކުރިއެރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކާ ގުޅޭ ގޮތުންނާ މި ސަރަހައްދުގެ ހެލްތް އެމެޖެންސީ ފަންޑު ފުޅާކުރުމަށް ގައުމުތަކުގެ މެދުގައި ކުރެވިދާނެ ކަންތައްތަކާ ގުޅޭ މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިތުރަށް މި ބައްދަލުވުމުގައި 2024 އަދި 2025 ވަނަ އަަހަރަށް ކަނޑައަޅާ ޕްރޮގްރާމް ބަޖެޓާ، ސަސްޓެއިނަބަލް ފިނޭންސިން އަދި 14 ވަނަ ޖެނެރަލް ޕްރޮގްރާމް އޮފް ވޯކް އާއި ގުޅޭ މަޝްވަރާތައް ކުރެވިގެން ދާނެއެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކުރިއަށް ރޭވިފައިވާ ވޯޅްޑް ހެލްތް އެސެމްބްލީ އާއި ޕްރޮގްރާމް ބަޖެޓާ އަދި އެޑްމިނިސްޓްރޭޓިވް ކޮމިޓީ އާއި އެގްޒެކްޓިވް ބޯޑުގެ ކަންކަމާ ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ. އަދި މި ބައްދަލުވުމަށް މި ސަރަހައްދުގެ ގައުމުތަކުން ހުށަހަޅާނެ ދާއިރާތައް ކަނޑައެޅޭނެވެ.
މިއަހަރުގެ ބައްދަލުވުމުގައި ހަވާސާގައި ރާއްޖެގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ދޭދޭ ގައުމުތަކާއެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި ީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާ އާއްމު ސިއްހަތުގެ ރައްކާތެރިކުރުމުގެ މަސައްކަތާ އަދި ސިއްހީ ދާއިރާ ކުރިއެރުމަށް އެހީތެރިކަން ހޯދުމަށް މަޝްވަރާކުރާނެއެވެ.