ށ.މާއުނގޫދޫ ބަނަދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތުގެ 97 ޕަސެންޓް ނިމިފައި ވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. އަދި އައު ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް 51 ޕަސެންޓް ފުރިހަމަކުރެވިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ސައިޓުގައި އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްކަމަށެވެ.

ށަ.މާއުނގޫދޫ ބަނަދަރުގެ މަޝްރޫއުގެ ދަށުން، 59,013 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 3,245 ކިއުބިކް މީޓަރުގެ ސަަރަޙައްދެއްގެ ނެރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1509 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 56.79 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.