އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގެ އިންތިޒާމުތައް ހަމަޖައްސަން ގާތްގަނޑަކަށް 23 މިލިއަން ރުފިޔާ އަށް ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކާ ހަވާލުކޮށްފިއެވެ.

މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މި ފެށޭ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ، މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ މަސައްކަތްތައް ކުރުމަށް 22.9 މިލިއަން ރުފިޔާ އަށް ސިވެކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މުޅި ރަސްމިއްޔާތުގެ ހުރިހާ މަސައްކަތެއް ވެސް ކުރާނީ ސިވެކުންނެވެ.

ރަސްމިއްޔާތަށް ތަން ތައްޔާރުކުރުމަށްޓަކައި ޖުމްހޫރީ މައިދާނުގައި މިހާރު ވަނީ މަސައްކަތް ފަށައިފައެވެ. އެގޮތުން އެ ސަރަހައްދު ވަށައި ފެންސް ޖަހައި، ހުދު ކުލައިގެ ބޮޑު ޓެންޓެއް ވެސް ވަނީ ހަރުކޮށްފައެވެ.

މަޖިލީހުގެ އިދާރާ އިން މިދިޔަ ބުރާސްފަތި ދުވަހު ބުނީ، މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް 3،500 މީހުންނަށް ދައުވަތު ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ރަސްމިއްޔާތަށް ދައުވަތު ދެވޭ ފަރާތްތަކުގެ ތެރޭގައި ބޭރު އެކި ގައުމުތަކުގެ އިސް ބޭފުޅުން ހިމެނެއެވެ.