ގާޒާއިން ތެޔޮ ހުސްވެ، ސިއްހީ އެހީތެރިކަން ފޯރު ކޮށްދެވޭނެ ގޮތެއް ނެތް ކަމަށް ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ދިވެހި ޖަމިއްޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފިއެވެ.

މި މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ މުޖާހިދުން ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން އިޒްރޭލުން ހަނގުރާމަ އިއުލާންކޮށް ގާޒާއަށް ދޭން ފެށި ހަމަލާތަކުގައި އިޒްރޭލުން ވަނީ ފަލަސްތީނުގެ ގާޒާއަށް ދެމުން އައި ކާބޯތަކެއްޗާއި ބޭހާއި ފެނާއި ތެޔޮ ފޯރުކޮށްދިނުން ހުއްޓާލާފައެވެ. އަދި ފަލަސްތީނަށް ދަތި ކުރުމުގެ ފިޔަވަޅެއްގެ ގޮތުން އެއްވެސް އިންސާނީ އެހީއެއް ވެއްދުމަށް މީގެ ކުރިން އިޒްރޭލުން ވަނީ ދެކޮޅު ހަދާފައެވެ.

ނަމަވެސް މި މަހުގެ 21 ވަނަ ދުވަހު އިޒްރޭލުން ގޮތް ދޫކޮށް އިންސާނީ އެހީއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ވެއްދުމުގެ ހުއްދަ ވަނީ ދީފައެވެ. ނަމަވެސް ކަރަންޓަށް ބޭނުން ކުރާ ތެޔޮ ވެއްދުމުގެ ހުއްދައެއް ޔަހޫދީން ނުދެއެވެ. އެއާއެކު ހޮސްޕިޓަލްތައް ހިންގުމަށް ބޭނުންވާ ތެލުގެ އިތުރުން އެމްބިއުލާންސް ފަދަ ޒަރޫރީ އުޅަނދުތައް ދުއްވުމަށް ބޭނުންވާ ތެޔޮ ވެސް ވަނީ ހުސްވުމާ ގާތަށް ގޮސްފައެވެ.

އައިއޭސީން ބުނީ އެހީތެރިކަމަށް އެދި އެތައް ކޯލެއް ލިބެމުންދިޔަ ނަމަވެސް އެމްބިއުލާންސް ދުއްވުމަށް ބޭނުންވާ ތެޔޮ ހުސްވެ، ސިއްހީ އެހީތެރިކަން ފޯރު ކޮށްދިނުން ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސިއްހީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބިރުވެސް ކުރިމަތިވެފައިވާ ކަމަށް އައިއޭސީން ވަނީ ބުނެފައެވެ.

އަދި މިވަގުތަށް ބަލާއިރު ސިއްހީ އެހީތެރިކަން ފޯރުކޮށް ދެވެނީ އެންމެ 3 ޕަސެންޓަށް ކަމަށާއި އެގޮތުން މިވަގުތު އިސްކަން ދެނީ ހަނގުރާމައިގެ ނުރައްކާތެރިކަން އެންމެ ބޮޑަށް ކުރިމަތިވާ ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ތިއަރީއާ އެއްގޮތަށް އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ. ފާއިތުވި 48 ގަޑިއިރު ތެރޭ ޔަހޫދީން ވަނީ ގާޒާއަށް ވަރުގަދަ ހަމަލާތަކެއް އަމާޒު ކޮށްފައެވެ. އަދި މިވަގުތުތަކުގައި މުވާސަލާތީ ގުޅުންތަށް ކަނޑާލާ މުޅި ދުނިޔެއާ ގާޒާގެ ގުޅުން ކަނޑާލުމަށްފަހު މިއަދު ވަނީ މުއާސަލާތީ ގުޅުން އަލުން އިއާދަ ކޮށްފައެވެ.

އިންސާނީ ނަސްލެއް ނެތިކޮށްލުމުގެ ރޫހެއްގައި ޔަހޫދީ އިޒްރޭލުން ތިބި އިރު، މިހާތަނަށް 8000 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި އޭގެ ތެރޭގައި ގިނައީ ކުޑަ ކުދިންނާއި އަންހެނުންނެވެ.