ހުޅުމާލޭ ފޭސް 1 ގައި ސްކޫލް ބަހުގެ ހިދުމަތް ފޯރު ކޮށްދިނުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން ކުޑަ ކުއްޖަކު އެދިއްޖެއެވެ.
ރިޔާސީ އިންތިހާބަށް ފަހު ފުރަތަމަ ފަހަރަށް މުއިއްޒު ވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ އާންމުންނާ ބައްދަލު ކުރައްވާފައެވެ. އެކަމަށް ހާއްސަ ރަސްމިއްޔާތެއް އިއްޔެ ހަވީރު 4:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިއަށް ގެންގޮސްފައި ވާއިރު މުއިއްޒު ވަނީ އާންމުންނާ ބައްދަލު ކުރައްވާ ސަލާމް ކުރައްވާފައެވެ.
މި ހާއްސަ ރަސްމިއްޔާތުން ވެސް ފާހަގަ ވެގެން ދިޔަ އެއް ކަމަކީ ކުޑަ ކުއްޖަކު އޭނާ އެންމެ ބޭނުންވާ ކަންތައްތަކުގެ ވާހަކަ އެކުލެވޭ ތަސްވީރެއް ކުރަހާ އެ ތަސްވީރު މުއިއްޒުއާ ހިއްސާ ކުރުމުންނެވެ. އެ ކުޑަ ފިރިހެން ކުއްޖާގެ ސީދާ އުމުރު ނޭނގުނެއް ކަމަކު ބަލާ ބެލުމަށް އެއީ 6-7 އަހަރުގެ ކުއްޖެއް ކަމަށް ބެލެވެއެވެ.
އެ ކުއްޖާގެ ބެލެނިވެރިއާ އެކު މުއިއްޒުއާ ސަލާމް ކޮށްލުމަށްފަހު ދިއްކޮށްލީ ތަސްވީރެއް ކުރަހާފައިވާ ދެ ގަނޑެވެ. ދެ ގަނޑުގައި ވެސް ސްކޫލް ބަސް ކުރަހާ އޭގައި "ހުޅުމާލެ ސްކޫލް ބަސް" މިހެން ލިޔެފައި ވެއެވެ. އެ ތުއްތު ކުއްޖާގެ ކުރެހުމުން އަންގާދިން ކަމަކީ ސްކޫލް ބަހުގެ ހިދުމަތަށް އެ ކުއްޖާ ބޭނުންވެފައިވާ މިންވަރެވެ. ފުރިހަމަ ހިނިތުންވުމަކާއެކު މުއިއްޒު ވަނީ އެ ދެ ގަނޑު އާންމުންނަށް ދައްކަވާލައްވާފައެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައިވެސް މުއިއްޒުއަށް ވަނީ އެކި ކުޑަ ކުދިންގެ ޝުއޫރުތައް ގަނޑުގައި ކުރަހާ އެ ގަނޑުތައް އަރުވާފައެވެ. އެގޮތުން އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒު ރަށްރަށަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ތަޖުރިބާ ކުރެއްވި ހާއްސަ ކަންތައްތަކެއް މުއިއްޒު ވަނީ "ދަ ޕްރެސް" ގެ އިންޓަވިއުއެއްގައި ހިއްސާ ކުރައްވާފައެވެ.
އެ އިންޓަވިއުގައި މުއިއްޒު ވިދާޅުވީ ބ. ހިތާދުއަށް ވަޑައިން އެ ރަށުގެ ރައްޔިތުންނާ ސަލާމް ކުރައްވަނިކޮށް ފުރާވާރަށްދާ އުމުރުގެ ފިރިހެން ކުއްޖަކު ސަލާމް ކުރުމަށްފަހު ރައީސް އަކަށް ވުމަށް "ޓިޕްސް" އެއް ނެތްތޯ ސުވާލު ކޮށްފައިވާ ކަމަށެވެ. އަދި ޓިޕްސް އެބަހުރި ކަމަށް ވިދާޅުވެ އެ ކުއްޖާއަށް މުއިއްޒު ދެއްވި ތިން ޓިޕްސް އަކީ މައިންބަފައިންގެ ބަސް އަހާ، ރަނގަޅަށް ކިޔެވުމުގެ އިތުރުން ގަވާއިދުން ނަމާދު ކުރުމަށެވެ. އެއީ ވަރަށް ހާއްސަ ވަގުތުކޮޅެއް ކަމަށް މުއިއްޒު ވަނީ އިންޓަވިއުގައި ފާހަގަ ކުރައްވާފައެވެ.
އަދި ހަމައެހެންމެ ކުޑަކުދިންގެ ފަރާތުން އެންމެ ގިނައިން އެދޭ ކަމަކީ ޕާކެއް އަޅާދިނުމަށް އެދި އެދޭ އެދުން ކަމަށްވެސް މުއިއްޒު އެ އިންޓަވިއުގައި ހިއްސާ ކުރައްވާފައި ވެއެވެ. ފެށުނީއްސުރެވެސް ތުއްތު ކުދިންނާ މެދު މުއިއްޒު ބަހައްޓަވާ ގާތް ކަމަށް އާންމުން ވެސް ދަނީ ތައުރީފު ކުރަމުންނެވެ.
އިއްޔެ ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައި މުއިއްޒުގެ އިތުރުން އިންތިހާބީ ނައިބު އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަފު ލަތީފް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.