ބޮމުގެ ހަމަލާތަކަށް ފަހު ދިގު މުއްދަތަކަށް ހަނގުރާމަ ދިގުލައިގެން ދިޔުމުގެ ފުރުސަތު އެބައޮތެވެ. ގާޒާ އިން ފަލަސްތީނު މީހުން ބޭރުކުރުމަށް އިޒްރޭލުން މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު ޑިޕްލޮމަސީ އަށް އަދިވެސް ޖާގަ އެބައޮތެވެ.

މުހައްމަދު އަބޫ ލޫލީ ނަމަކަށް ކިޔާ ފިރިހެން ކުއްޖާ މުޅި ގައިގައި އަލިފާނުގެ ދެލިތައް ހުރި އިރު، މޫނު މަތިން ފެންނަނީ ބިރުވެރިކަމުގެ އިހުސާސް ތަކެވެ. އިޒްރޭލުން ދިން ވައިގެ ހަމަލާއަކުން ސަލާމަތްވި އެ ކުއްޖާ ގައިގައި ޑޮކްޓަރަކު ބައްދާލުމުން އޭނާގެ އިހުސާސްތައް ފަޅައިގެން ދިޔައެވެ.

އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި އަލްޖަޒީރާގެ ތަޖުރިބާކާރު ނޫސްވެރިޔާ ވައިލް ދަހްދޫހު އަށް އޭނާގެ އާއިލާ ޝަހީދުވި ކަމުގެ ހަބަރު ލިބުނީ އޮންއެއާގައި ލައިވް ކުރުމުގެ މަސައްކަތުގައި ހުއްޓައެވެ. އިޒްރޭލުގެ ހަމަލާއެއްގެ ސަބަބުން އޭނާގެ އަންހެނުންނާއި ދަރިފުޅާއި ކާފަ ދަރިފުޅު ހިމެނޭ ގޮތަށް އޭނާގެ އާއިލާ ވަނީ މި ދުނިޔެއާ އަލްވަދާއު ކިޔާފައެވެ.

މުޅި ގާޒާގައި ޑޮކްޓަރުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ އިރު، ފަރުވާއަށް ހޮސްޕިޓަލަށް ގެންދާ މީހުންގެ ތެރޭގައި އެމީހުންގެ އާއިލާ މީހުން ފެނުމުން ހައިރާންކަން ލިބި ހޭނެތޭ ހިސާބަށް ވެސް ދެއެވެ.

އަދި އިޒްރޭލުގެ ނުރައްކާތެރި ބޮމުގެ ހަމަލާތަކުން ސަލާތްވާ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދޭ ޓެންޓްތައް އެ ސަރަހައްދުގެ ދެކުނު ފަރާތުގައި ވާއިރު، ފަލަސްތީނުން ބުނަމުން ދަނީ އެ މަންޒަރަކީ ބިރުވެރި މަންޒަރެއް ކަމަށާއި އެއީ 1948 ވަނަ އަހަރު އިޒްރޭލު އުފެދުނު ދުވަސްވަރު އެތައް ބަޔަކު ގެދޮރު ދޫކޮށް ދާން މަޖުބޫރުވި ނަކްބާގެ ހަނދާން އާކޮށްދޭ މަންޒަރެއް ކަމަށެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން އިޒްރޭލަށް ހަމަލާ ދިނުމާ ގުޅިގެން އެމެރިކާގެ މަދަދާ އެކު އިޒްރޭލުން ރައްދުގައި ދެމުން އަންނަ ވަރުގަދަ ހަމަލާތަކަށް ހަތަރު ހަފުތާ ވަމުން ދާއިރު، އިޒްރޭލުގެ ހަމަލާތަކުގައި އެތައް މިލިއަން މީހުން ވަނީ ގެދޮރު ގެއްލިފައެވެ.

ގާޒާގައި ޝަހީދު ވި މީހުންގެ އަދަދު 8000 އަށް ވުރެ މައްޗަށް އަރާފައި ވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.

އެކަމަކު މިކަން ހައްލުވާނެ ހަމައެކަނި ގޮތަކީ ހަނގުރާމަ ހެއްޔެވެ؟ ނޫނީ އެނޫން ގޮތެއް އެބައޮތް ހެއްޔެވެ؟

ހަނގުރާމަ ދިގު މުއްދަތަކަށް ދެމިގެން ދިޔުމުގެ ފުރުސަތު އަދިވެސް ވަރަށް ބޮޑަށް އެބަ އޮތެވެ. ޑިޕްލޮމަސީގެ ޒަރިއްޔާއިން ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް މެދުވެރިވުމަކީވެސް ފުރުސަތު އޮތް ކަމެއް ނަމަވެސް، އެކަމުގައި ހުޅަނގުގެ ބާރުތަކުގެ އިސްތިއުމާރުގެ މައްޗަށް ބިނާވެފައިވާ ގިނަ ކަނޑިތަކެއް އެކުލެވިގެން ވެއެވެ. ތިންވަނަ އަދި އެންމެ ހަރުކަށި މަންޒަރަކީ ގާޒާ އަލުން ހިފުން ނުވަތަ ފަލަސްތީނުގެ ރައްޔިތުން އެ ސަރަހައްދުން މުޅިން ބޭރުކޮށްލުމެވެ.

އަލްޖަޒީރާގެ ނޫސްވެރިޔާ ވައިލް ދަހުދުހު އިޒްރޭލުގެ ހަމަލާއެއްގައި ޝަހީދުވި އޭނާގެ އާއިލާގެ މީހުންގެ ޖަނާޒާގައި

"އެންމެ ބޮޑު ލޭއޮހޮރުވުން ހިނގާފާނެ ހަނގުރާމަ"

އެ ހަނގުރާމަތައް ވާނީ ސްޓާލިންގްރާޑް، ގްރޮޒްނީ ނުވަތަ މަރިޔޫޕޯލްގެ ހަނގުރާމަތައް ފަދައިންނެވެ.

ސްޓްރެޓެޖިކް އެނަލިސްޓެއް އަދި ކޮންސަލްޓަންޓެއް ކަމަށްވާ ޒޯރަން ކުސޯވަޗް ވިދާޅުވި ގޮތުގައި 1940 ގެ އަހަރުތަކުގެ ސޯވިއެޓް ޔޫނިއަން، 1990 ގެ އަހަރުތަކުގެ ޗެޗްނިއާ އަދި މިދިޔަ އަހަރު ޔޫކްރެއިންގައި ހިނގި ނުރައްކާތެރި، ހަނގުރާމައަކީ، ގާޒާއަށް އެއްގަމު މަގުން އަރައިގަތުމަކީ ކިހާ ވަރެއްގެ ކަމެއްކަން ދައްކުވައިދޭ އެންމެ ގާތް މިސާލެވެ.

އެ ސިނާރިއޯގެ މާނައަކީ ދިގު ދެމިގެންދާ ހަނގުރާމައެކެވެ. ބައެއް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މިއީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭނުން ވާ ގޮތެވެ.

ދިގު މުއްދަތަކަށް ހިނގަމުންދާ ހަމަނުޖެހުންތަކަށް ނަތަންޔާހޫގެ އެދުމަކީ އެތައް އަހަރެއް ވަންދެން ހިނގަމުންދާ ކޮރަޕްޝަންގެ މައްސަލަތަކާއި އިޒްރޭލުގެ ޝަރުއީ ނިޒާމު ބަދަލުކުރުމާ ދެކޮޅަށް ކޮންމެ ހަފުތާއަކު ކުރަމުންދާ މުޒާހަރާތަކުން އޭނާ ރެކި ސަމާލުކަން އަނބުރާލުން ކަމަށް ލަންޑަންގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒް (އެސްއޯއޭއެސް) ގެ ޕްރޮފެސަރު އަދި 'އޭން އާމީ ލައިކް ނޯ އަދާ: ހައު ދަ އިޒްރޭލް ޑިފެންސް ފޯސަސް މޭޑް އަ ނޭޝަން' ގެ ލިޔުންތެރިޔާ ހައިމް ބްރެޝީތު ވިދާޅުވިއެވެ.

"އޭނާ ބޭނުންވަނީ ވަރަށް ދިގު މުއްދަތައް ހަނގުރާމަ ކުރިއަށް ގެންދަން. އޭރުން އޭނަ ޖަލަށް ދިޔުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ބަލަނީ. ދިގު ހަނގުރާމައަކަށް ފަހު އޭނާ ޖަލަށް ލުމުގެ ހަކަތަ ހުންނާނީ ކާކު ގައިގަ؟" ބްރެޝީތު ވިދާޅުވީ ނަތަންޔާހޫ ވެސް ބޭނުންވަނީ ހަމާސް ހަލާކުކޮށްލައި ހީރޯގެ ގޮތުގައި މޮޅުވާން ކަމަށެވެ.

"އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުގެ ހަމަލާގައި ހަމާސް އިން މަރާލި މީހުންނާ މެދު އޭނާ ކަންބޮޑެއް ނުވޭ. އަދި ހަނގުރާމައިގެ ގައިދީންނާ މެދު އޭނާ ކަންބޮޑެއް ނުވޭ."
ބްރެޝީތު

ނަމަވެސް ގާޒާއަށް މުޅިން އެއްގަމު މަގުން އަރައިގަތުމުގެ ސަބަބުން ދިގު ދެމިގެންދާ ހަނގުރާމައަކީ އާބަން ހަނގުރާމައާ އެއްފަދަ ހަނގުރާމައެއް ކަމަށް ކުސޯވަކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގާޒާގެ އާބަން ހަނގުރާމައަކީ އާންމުންގެ ފުރާނައަށް ބަލާއިރު ވަރަށް ނުރައްކާތެރި ހަނގުރާމައެއް ކަމަށެވެ.

ކުސޯވަކް ވިދާޅުވީ މިފަދަ އެއްގަމު ހަމަލާއެއް ކުރިއަށް ގެންދާނީ ރޭގަނޑުގެ ވަގުތުތަކުގައި ކަމަށާއި އެއީ ރޭގަނޑުގެ ހަމަލާތަކުގައި އިޒްރޭލު ސިފައިންނަށް ފައިދާ އޮތުމުން ކަމަށެވެ.

ނަމަވެސް ގާޒާގެ ދިފާއުގައި ހަމާސް އަށް އެތެރޭގަޔާއި ބޭރުގެ ޓަނަލްތަކުގެ ނެޓްވޯކުގެ މައުލޫމާތުތައް މާ ރަނގަޅަށް އެނގޭ އިރު، އިޒްރޭލުން އެތަންތަނަށް ހަމަލާދޭން މަސައްކަތް ކޮށްފިނަމަ މައިންތައް ވަޅުލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދިވެސް އިޒްރޭލުގައި މި ޓަނަލްތަކަށް ވަދެވިދާނެ ރޮބޮޓް ފަދަ ޒަމާނީ ޓެކްނޮލޮޖީތައް އެބަހުރި ކަމަށާއި އެއީ ހަމައެކަނި ހަމާސް އައުޓްޕޯސްޓް ތަކެއް ނޫން ކަމަށާއި ބައެއް ކާބޯތަކެއްޗާއި އެހެނިހެން މުހިންމު ސާމާނުތައް ބްލޮކްކޮށްފައިވާ ސަރަހައްދަށް ވަންނަ ގޮތް ވެސް ކުސޯވަކް ވިދާޅުވިއެވެ.

އެސްއޯއޭއެސްގެ ސެންޓާ ފޯ ފަލަސްތީން ސްޓަޑީޒްގެ ލެކްޗަރާ ލޮރެލީ ހާން ހެރޭރާ ވިދާޅުވި ގޮތުގައި އިޒްރޭލުން މީގެ ކުރިން ގާޒާއަށް ދިން ހަމަލާތަކާއި ފަލަސްތީނާ ދެކޮޅަށް އަސްކަރީ ގޮތުން ނާޖާއިޒު ގޮތުގައި ބޭނުންކުރި މިންވަރާ އަޅާ ބަލާއިރު، މި ހަމަނުޖެހުންތަކުގެ މިންގަނޑު މިހާރުވެސް ތަފާތެވެ.

ހަމާސްގެ ހަމަލާއަށް ރައްދު ދިނުމަކީ އިޒްރޭލުގެ ކިބައިން ބަދަލު ހިފުމުގެ ހަގީގީ އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ހަގީގަތުގައި ވެސް ގާޒާއަށް ކާޕެޓް ބޮން އެޅުމުގެ މައްޗަށް ބިނާކޮށް ދިން ހަމަލާއެއް."
ހެރޭރާ

ފަލަސްތީނުގެ ތާރީހީ އިލްމުވެރިޔާ އަދި ޕްރިންސްޓަން ޔުނިވާސިޓީގެ ޑޮކްޓަރުކަން ކުރައްވާފައިވާ ޒަކަރީ ފޮސްޓާ ވިދާޅުވީ މީގެ ކުރިން 2008 ވަނަ އަހަރާއި 2014 ވަނަ އަހަރު ގާޒާއަށް ދިން ނުރައްކާތެރި ހަމަލާތަކާ އަޅާބަލާއިރު ފަލަސްތީނާ ދެކޮޅަށް މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގެ މިންވަރަކީ ހައިރާން ކުރުވަނިވި މިންވަރެއް ކަމަށެވެ.

2008 ވަނަ އަހަރު 22 ދުވަހުގެ ތެރޭގައި ފަލަސްތީނުގެ 1،385 މީހުން ޝަހީދު ވެފައި ވާއިރު، 2014 ވަނަ އަހަރު އިޒްރޭލުން ދިން 50 ދުވަހުގެ ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ 2،251 މީހުން ޝަހީދު ވެފައިވާ ކަމަށް އދ. ގެ އޮފީސް ފޮ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް އިން ބުނެއެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހަށް ފަހު ފަސް ދުވަހުގެ ތެރޭގައި އިޒްރޭލުން ވަނީ އާބާދީ ބޮޑު ސަރަހައްދަށް 6،000 އަށް ވުރެ ގިނަ ބޮން އަޅާފައެވެ. ގާޒާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް 20 ދުވަސް ވެފައި ވާއިރު، ގާޒާގައި މަރުވި މީހުންގެ އަދަދު، ކުރީޒަމާނަށް ވުރެ އެތައް ގުނައެއް އިތުރުކަން ފާހަގަ ކޮށްލެވެއެވެ.

މީގެ ކުރިން އިޒްރޭލުން ހަމަލާތައް އަމާޒުކުރީ ވަކިވަކި އިމާރާތްތަކަށް ކަމަށާއި، ނަމަވެސް މިހާރު އިޒްރޭލުން ދަނީ މުޅި މަގުތަކާއި އަވަށްތައް ބިންމައްޗަށް އެއްވަރު ކުރަމުން ކަމަށް ފޮސްޓާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ހަމަލާތަކުަގއި ސިފައިްންނާއި މަދަނީ މީހުންގެ މެދުގައި ތަފާތު ކުރުމަށް ވެސް އެއްވެސް މަސައްކަތެއް އިޒްރޭލުން ނުކުރެއެވެ.

މި ހަމަނުޖެހުންތަކުގައި ގާޒާ ދެމިއޮތްހާ ހިނދަކު ކާބޯތަކެއްޗާއި ފެނާއި ކަރަންޓު ކެނޑުމުގެ ސަބަބުން ގާޒާ މުޅިން ވަށާލުމަކީވެސް އަސާސީ ގޮތުން އާ ކަމެއް ކަމަށް ފޮސްޓާ ވިދާޅުވިއެވެ.

އަދި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ހާދިސާއަށް ފަހު އިޒްރޭލުގެ ސިޔާސީ ފަރާތްތަކާއި ޕަންޑިތުންގެ ރެކޯޑް ވެސް ތާރީހީ އިލްމުވެރިޔާ ގެންދަވަނީ ބަލަހައްޓަވަމުންނެވެ.

އިޒްރޭލުން ގާޒާ ސިޓީއަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން ހަލާކުވެފައިވާ ސަރަޙައްދެއްގެ ކުނިތަކެއްގެ ތެރެއިން ފެނުނު ޒަހަމްވެފައިވާ ތުއްތު ކުއްޖަކު ފަލަސްތީނުގެ ފިރިހެނަކު އުފުލަނީ

ޑިޕްލޮމަސީ: މިހާރު ނޫނީ އިތުރު 5،000 މީހުން މަރުވީމަތަ؟

ފޮސްޓާ ވިދާޅުވީ ދިގު ދެމިގެންދާ ހަނގުރާމައެއްގެ ސަބަބުން އިޒްރޭލުގެ އަސްކަރިއްޔާ އަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށާއި ލުބުނާނުގެ ދެކުނުގައި ހިޒްބުއްލޯ އާ އެކު ހިނގަމުންދާ ހަނގުރާމައިގެ ފުރުސަތު މިއަށްވުރެ ސީރިއަސް ގޮތެއްގައި ފުޅާވެގެން ދާނެ ކަމަށާއި، އެކަމުން އިޒްރޭލު ސަލާމަތްވާން ބޭނުން ވާނެ ކަމަށެވެ.

މީގެ އިތުރުން ހަމާސް އިން އިޒްރޭލަށް "ބޫބީ ޓްރެޕްޑް" ޓަނަލްތައް ބޭނުން ކޮށްގެން ގެރިއްލާ ހަނގުރާމައިގައި ބައިވެރިވާން ތައްޔާރަށް ތިބޭނެ ކަމަށް ފޮސްޓާ ވިދާޅުވިއެވެ.

އެހެންކަމުން ޑިޕްލޮމެޓިކް ހައްލަކީ ހަމަނުޖެހުންތައް ހުއްޓުވޭނެ ހަމައެކަނި ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަހަރެން ދެކޭ ގޮތުގައި އެއީ ހަމައެކަނި ހައްލެއް އަންނާނެ ގޮތް. ސުވާލަކީ ޑިޕްލޮމެޓިކް ހައްލެއް މިހާރު އަންނާނެ ހެއްޔެވެ؟ ނޫނީ އިތުރު 500 ނުވަތަ 5000 މީހުން މަރުވީމަތޯ އަންނާނީ؟"
ފޮސްޓާ

ދެ ފަރާތުން ވެސް މަޝްވަރާގެ މޭޒުދޮށަށް އައުމަށްޓަކައި ކޮންމެ ފަރާތަކުން ވެސް ގުރުބާނީތަކެއް ވާން ޖެހޭނެ ކަމަށް ފޮސްޓާ ވިދާޅުވިއެވެ.

އިޒްރޭލުން އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން ހައްޔަރުކުރި މީހުން ދޫކޮށްލުމަށާއި ހަމާސްގެ ރޮކެޓް ހަމަލާތައް ހުއްޓާލުމަށް ގޮވާލާނެ ކަމަށް ބެލެވޭ އިރު، ހަމާސް އިން ގޮވާލާނީ ގާޒާއަށް އަޅާފައިވާ ހުރަސްތައް ލުއިކޮށް، މަދަނީ ސަރަހައްދު ތަކަށް ބޮން އެޅުން ހުއްޓާލުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު ޑިޕްލޮމަސީގެ މަގު ފެންނަނީ ދިގުކޮށެވެ.

ފަހަކަށް އައިސް އަރަބި ގައުމުތަކުން އިޒްރޭލުން ހިންގާ އަމަލުތައް ކުށްވެރި ކުރުން ހުއްޓުވިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ޑިޕްލޮމެޓިކް ހައްލަކަށް ހުރަސް އެޅި، މުޅި ސަރަހައްދުގައި މައްސަލަ އިތުރަށް ހޫނުވުމުގެ ފުރުސަތު އެބައޮތް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ހެރޭރާ ވިދާޅުވީ ފަލަސްތީނާ އެއްކޮޅަށް ބަސް ނުބުނާ އަރަބި ލީޑަރުން ޖަވާބުދާރީ ވާން ޖެހޭ ކަމަށެވެ.

ބައިނަލްއަގްވާމީ މައިދާނުގައި ވެސް މަދު ކާމިޔާބީއެއް ލިބިފައި ވާއިރު، ވީޓޯ ކުރުމުގެ ސަބަބުން އދ.ގެ ސަލާމަތީ މަޖިލީހުން ހަނގުރާމަ ހުއްޓާލުމަށް ގަރާރުތައް ފާސް ނުކުރެވެއެވެ.

ބްރެޝީތު ވިދާޅުވީ މި ހަނގުރާމައަކީ ފައިދާ ލިބޭ ހަނގުރާމައެއްގެ ގޮތުގައި، އަދި އިތުރު ހަތިޔާރު ވިއްކުމުގެ ފުރުސަތެއްގެ ގޮތުގައި އެމެރިކާ އިން ދެކޭ ކަމަށް ބެލެވޭކަމަށެވެ.

"ބައިޑަން އަކީ އަސްކަރީ ހަމަލާތައް ފިޔަވައި އެހެން ހައްލެއް، މަޝްވަރާ ކުރަން ދެކޮޅު ސިޔާސީ ބޭފުޅެއް. ސުލްހަވެރި ހައްލެއް ހޯދަން ބޭނުންވާ ބާރުތަކަކީ އދ. ގައި އެކަށީގެންވާ ބާރުތައް ނެތް ހުރިހާ ގައުމެއް." ބްރެޝީތު ވިދާޅުވި އެވެ.

ހުޅަނގުގެ ލީޑަރުން ވަނީ އިޒްރޭލަށް ޒިޔާރަތް ކުރައްވައި އެ ގައުމު ދިފާއުވުމުގެ ހައްގަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.

މީހުންނާ ނުލައި ބިމެއް ލިބުމަކީ ނާދިރު ކަމެއް

އިޒްރޭލުން އެ ސަރަހައްދު ހިފުމުން، ނުވަތަ އެތަނުގައި ތިބި ފަލަސްތީނުގެ އެންމެން ބޭރުކޮށްލުމުން ގާޒާގެ މުޅި މަންޒަރު ބަދަލުވާނެއެވެ.

"އިޒްރޭލުން ގާޒާގެ ސަރަހައްދު ހިފުމުގެ މަސްލަހަތު، 1940 ގެ އަހަރުތަކުން ފެށިގެން އިޒްރޭލުގެ މަގުސަދުތަކުގެ ތެރޭގައި، އެމީހުންގެ ދައުލަތް އުފެދުނީއްސުރެ އޮވޭ. އެއީ އެންމެ މަދު ފަލަސްތީނުގެ ރައްޔިތުންނާއެކު އެންމެ ގިނަ އަދަދެއްގެ ބިން އޮތުން." ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ މަސައްކަތް ފުރިހަމަކުރުމަކީ އިޒްރޭލުގެ މިޝަންގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ހެރޭރާ ވިދާޅުވިއެވެ.

މީގެ އިތުރުން، ގާޒާގެ ރައްޔިތުން މިސްރާއި އުރުދުން އަށް ދާން އިޒްރޭލުން އެނގުމާއި ދެކުނުގެ ސަރަހައްދާއި ކްރޮސިންއަށް ބޮން އެޅުމުގެ މަސައްކަތް ކުރަމުން ދާއިރު، ހަގީގަތުގައި ވެސް ފަލަސްތީނުން އަނެއްކާވެސް ބޭރުކޮށް، ބިމުގެ ބޮޑު ބައެއް ހިފުމަށް އެދޭ ކަމުގެ ވާހަކަ ދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ފަލަސްތީނުން ވަނީ ފަލަސްތީނު މީހުން ހުސްކުރުމުގެ ވިސްނުމަށް ދެކޮޅު ހަދާފައެވެ. އަދި ދެކުނު ދޫކޮށް ދިޔަ އާއިލާތައްވެސް ގާޒާގެ އުތުރުގެ ސަރަހައްދުތަކުގައި ތިބި އެމީހުންގެ ގެތަކަށް އެނބުރި ގޮސް، އެމީހުންގެ ގޭގައި ތިބެ މަރުވުން ވެސް މާ ރަނގަޅު ކަމަށް ދެކި ބައެއް މީހުން އަނބުރާ ގޮސްފައި ވެސް ވެއެވެ.

އިންސްޓިޓިއުޓް ފޯ ފަލަސްތީން ސްޓަޑީޒްގެ އަރަބި ބަހުގެ ޖާނަލްގެ އެޑިޓޯރިއަލް ޑިރެކްޓަރު އަނީސް މޮހްސެން އަކީ ފަލަސްތީނުގެ ދެކުނުން އެނބުރި އައި ގިނަ ބައެއްގެ ތެރޭގައި ހިމެނޭ މީހެކެވެ.

އޭނާ ބުނި ގޮތުގައި އޭނާގެ ރަހުމަތްތެރިޔަކު ދެކުނުން އައުމުގެ އަޒުމް ބަދަލުވީ ހޮސްޕިޓަލްތަކާއި ފައްޅިތައް ފަދަ އެތަނުގެ ރެފިއުޖީ ތަންތަނަށް ހަމަލާތައް ދިނުމުންނެވެ.

"ރައްޔިތުންނާ ނުލައި ބިމެއް އޮތުމަކީ ނާދިރު ކަމެއް. އެހެންވީމަ ރައްޔިތުން ތިބެން ޖެހޭނީ އެމީހުންގެ ބިމުގައި." ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި އުފެދިފައި ވަނީ އެ އިހުސާސް ކަމަށް މޮހްސެން ވިދާޅުވިއެވެ.

އިޒްރޭލުގެ ބޮމުގެ ހަމަލާގައި ޒަހަމްވި ކުޑަކުއްޖަކު ގާޒާގެ ދެކުނުގައި އޮންނަ ހާން ޔުނިސްގެ ނާސިރު ހޮސްޕިޓަލުގައި އިމަޖެންސީގައި ފަރުވާ ދިނުމަށް ގެންދަނީ

މީގެ އިތުރުން މިސްރުން ވަނީ ފަލަސްތީނުގެ ސިނާއީ ސަރަހައްދަށް ބަދަލުވުމުގެ ފުރުސަތު ދިނުމުގެ ވިސްނުން ދޮގުކޮށް، އެކަމުގެ ސަބަބުން ގާޒާއިން ފަލަސްތީނު މީހުން ބޭރުވެގެން ދާނެ ކަމަށް ބުނެފައެވެ.

ކުސޯވަޗް ވިދާޅުވި ގޮތުގައި ގާޒާ މުޅިން ސާފުކުރުމަކީ އަދިވެސް އިޒްރޭލުގެ އާންމުންގެ މެދުގައި ހަރުކަށި ވިސްނުމެކެވެ.

އަދި އެއީ ނަތަންޔާހޫގެ ވިސްނުމާ އެއްގޮތް ކަމެއް ކަމަށާއި އެކަން ކޮށްފިނަމަ އިތުރު ހަމާސްއެއް، އިތުރު ރޮކެޓެއް ނޯންނާނެ ކަމަށާއި، އިޒްރޭލުގެ ބޮޑުވަޒީރަކީ އެ ގައުމުގެ ސަލާމަތްތެރިއެއްގެ ގޮތުގައި ނިކުންނާނެ ކަމަށާއި، ހަލާކުވެފައިވާ ގާޒާއަކީ އިޒްރޭލުގެ އިތުރު އާބާދީތައް އާބާދުވާނެ ސަރަހައްދެއްގެ ގޮތުގައި ހުށަހެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތާރީހުން ލިބުނު ފިލާވަޅުތައް

ކޮންމެ ގޮތަކުން ހަމަނުޖެހުންތައް ކުރިއަރައިގެން ދިޔަޔަސް ގާޒާގައި ތިބި ފަލަސްތީނު މީހުންގެ ހާލަތު ކުރިއަށް ވުރެ ގޯސްވާނެ ކަމަށް ފޮސްޓާ ވިދާޅުވިއެވެ.

އިޒްރޭލާއި ހަމާސްއާ ދެމެދު ގާޒާގައި ވޭތުވެދިޔަ ތާނގައި ކޮށްފައި ވާ ފަސް ހަނގުރާމައިން ދަސްވާނެ އެންމެ ބޮޑު ފިލާވަޅަކީ ގާޒާގެ ކުށެއް ނެތް ރައްޔިތުން ހަނދާން ނައްތާލާނެ ކަމަށް އުންމީދު ކުރެވިދާނެ ކަމެވެ.

އަދި ލޮކްޑައުން އަށް ލުޔެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށާއި، ގިނަ ބަޔަކު ބަރޯސާ ވާނީ ކާބޯތަކެތީގެ ބާވަތްތަކަށް ކަމަށާއި ކަރަންޓުގެ ދަތިކަން ކުރިމަތިވެ، އާންމު ސިއްހަތުގެ ގިނަ ކާރިސާތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަހަންނަށް ހީވަނީ ތާރީހުން އަހަރެމެންނަށް ދަސްކޮށްދޭ ކަމަކީ، ދުނިޔެ އަސްލު ގާޒާގެ ރައްޔިތުން މަތިން ހަނދާން ނައްތާލައި، ހާމައަށް އޮންނަ ޖަލެއްގައި ދިރިއުޅެމުން އަންނަ ދިރިއުޅުމެއްގެ ގޮތުގައި ދެކޭ ކަން" ފޮސްޓާ ވިދާޅުވިއެވެ.

ނަމަވެސް ފަލަސްތީނުގެ ހާލަތާ ބެހޭ ގޮތުން ހުޅަނގުގެ އާންމުންގެ މެދުގައި ބަދަލުވަމުން ދާ ވާހަކަތައް ވެސް ގަދަވަމުން އަންނަ ކަމަށް ހެރޭރާ ވިދާޅުވިއެވެ.

އަދި އެންމެ ފަހުން އެއްވެސް މީހަކު އަސްލު މޮޅު ނުވާނެ ކަމަށް ބްރަޝީތު ވިދާޅުވިއެވެ.

"މި ހާލަތުން ރަނގަޅު އެއްވެސް ކަމެއް ނުނިކުންނާނެ. އެކަމުގެ ޒިންމާ އުފުލަން ޖެހޭ މީހުންނަކީ ހަމައެކަނި އިޒްރޭލު މީހުނެއް ނޫން. ހުޅަނގުގައި ތިބި އެމީހުންގެ ޕޭ މާސްޓަރުންނާއި ސަޕޯޓަރުންވެސް މި ޖަރީމާތައް ހިންގުމަށް އަންނަނީ ބާރު އަޅަމުން." އޭނާ ވިދާޅުވިއެވެ.