އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގައި ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ވާދަކޮށް އިންތިހާބުވާ ކޮންމެ އަންހެން މެންބަރަކަށް ޕާޓީގެ ފަރާތުން ހާއްސަ އެލަވެންސެއް ދޭން މަސައްކަތް ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ، ހޮވިގެން ދިޔުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެގޮތުން، ޕީޕީއެމް/ޕީއެންސީ އިން މަޖިލީހުގެ މަދުވެގެން 20 ޕަސެންޓު ގޮޑިއަށް އަންހެން ބޭފުޅުން ކުރިމަތިލާ ހޮވުމަށް މަސައްކަތްކުރުމަށް ވެސް މުއިއްޒު ވަނީ ގޮވާލައްވާފައެވެ.
އަންހެނުން މަޖިލީހަށް ކުރިމަތިލުމަށް ހިތްވަރު ދިނުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީ އިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަޔާއި އެލަވަންސްގެ އިތުރުން ޕާޓީއިން ހާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އަމާޒަކީ މަޖިލީހުގެ ސާފު އަގުލަބިއްޔަތު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ހޯދައިދިނުން ކަމަށާއި، ކުރިއަށް އޮތް 20 ވަނަ މަޖިލީހުގައި އަންހެން މެންބަރުން ތަމްސީލު ކުރާ އަދަދު އިތުރުކުރަން ބޭނުންފުޅުވެ ވަޑައިގަންނަވާކަމަށް ވެސް މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ.
އާބާދީ ކަނޑައެޅިފައިވާ ގޮތަށް ބަލައި، އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހު ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހަ ދާއިރާ އެއް އިތުރުކޮށް 93 ގޮނޑި އަށް މަޖިލީހުގެ ގޮނޑިތައް އިތުރުކުރުމަށެވެ. އެހެންކަމުން 20 ވަނަ މަޖިލީހުގައި ތިއްބަވާނީ 93 މަޖިލިސް މެންބަރުންނެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ 87 މެންބަރުންނެވެ. މަޖިލީހުގައި ތިއްބަވާ 87 މެންބަރުންގެ ތެރެއިން ތިން މެންބަރުންނަކީ އަންހެން ބޭފުޅުންނެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ.