އޮކްޓޯބަރު 7, 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާގައި އަސީރު ކުރި މީހުންގެ ތެރެއިން ބާކީ ތިބި އެންމެން އެއްފަހަރުން ވެސް ދޫކޮށްލަން ތައްޔާރު ކަމަށް އެޖަމާއަތުން ބުނެފިއެވެ.
އެ ޖަމާއަތުގެ އަލް ގަސަމް ބްރިގޭޑުގެ ތަރުޖަމާން އަބޫ އުބައިދާ ބުނީ, އިޒްރޭލުން ބޭނުންވާ ނަމަ އަސީރުންގެ މައްސަލަ ހައްލުކުރުމަށް ހަމާސް އޮތީ ތައްޔާރަށް ކަމަށާއި, އެއްފަހަރުން އެކަން ކުރަނ ބޭނުންވާ ނަމަ އެގޮތަށްވެސް ހަމާސް އިން ރުހޭނެ ކަމަށެވެ.
އަދި އަސީރުން ދޫކުރަން ބޭނުންވަނީ ވަކިވަކިން ކަމަށް ވާނަމަ އެގޮތަށް ވެސް ރުހޭނެ ކަމަށާއި ޝަރުތަކީ އިޒްރޭލުން ރަހީނު ކޮށްގެން ފަލަސްތީނުން ގެންގޮސް އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ 6600 މީހުން ދޫކޮށްލުން ކަމަށް ވެސް ބުނެފައި ވެއެވެ.
އިތުރަށް އުބައިދާ ބުނީ, ހަމާސް އިން ރަހީނު ކުރި މީހުންގެ ތެރެއިން 50 މީހަކު އިޒްރޭލުން ދިން ހަމަލާތަކުގައި މަރުވެފައި ވާ ކަމަށެވެ.
މީގެ ކުރިން ހަމާސް އިން ބުނެފައި ވަނީ އިޒްރޭލުގެ ރައްޔޮތުން ހިމެނޭހެން އަސީރުންގެ ގޮތުގައި 250 މީހަކު ތިބި ކަމަށެވެ. އޭގެ ތެރެއިން 4 މީހަކު މިހަނގުރާމައިގެ ކުރީކޮޅު ދޫކޮށްލާފައި ވާ އިރު ބާކީ ތިބި މީހުން ތިބީ ބިންގަރާސްތަކާއި ޓަނަލްތަކުގައި ފޮރުވާފައެވެ.
އިޒްރޭލުގެ އިދާރާތަކުން އާންމުކޮށްފައި ވާ މައުލޫމާތަށް ބަލާއިރު ހަމާސްގެ ބެލުމުގެ ދަށުގައި ތިބީ 229 އަސީރުންނެވެ.
މިހާރު ހިނގަމުން ދާ ހަނގުރާމަ ފެށުނު ފަހުން އިޒްރޭލުން ހުޅަނގު އައްސޭރިއަށް އަރާ ހިންގި އެކި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބަޔަކު ރަހީނު ކޮށްގެން ގެންގޮސްފައި ވާ އިރު އޭގެ ތެރެއިން ދެމީހަކު ޝަހީދުވެފައި ވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އިޒްރޭލުން ފަލަސްތީނު އަޅުވެތިކޮށް ވަށާ ފެންސް ޖަހާ އޯޕަން ޖެލެއްގައި ބަޔަކު ބަންދުކޮށްގެން ގެންގުޅޭހެން ގެންގުޅޭތާ 56 އަހަރު ވެފައި ވާ އިރު, މިހާރު ފެށިގެން މިއުޅޭ ހަނގުރާމަ އަކީވެސް އެ އަޅުވެތިކަމާއި ދޭ އަނިޔާގެ ކުރިމަތީގައި އަމިއްލަ މިނިވަންކަމަށްޓަކައި ކުރަމުން ދާ ހަނގުރާމަ އެކެވެ.
އިޒްރޭލުގެ ދައުލަތް 1948 ގައި ގާއިމު ވީއްސުރެ, ބާރުގެ ބޭނުން ކޮށްގެން ފަލަސްތީނުގެ ބިންތައް ހިފަމުން ހިފަމުން ގޮސް ގާޒާ އާއި ހުޅަނގު އައްސޭރި އޮންނަނީ އިޒްރޭލުގެ ދެފަރާތަށް ވަކިކޮށްލާފައެވެ.
ގާޒާގައި ވެރިކަން ކުރަމުން ދަނީ ހަމާސް އިންނެވެ. ހުޅަނގު އައްސޭރީގައި ހިނގަމުން ދަނީ ޕަލަސްޓައިން އޮޓޯރިޓީ (ޕީއޭ) ގެ ސަރުކާރެކެވެ.
މި ދެބައި މީހުންގެ ދެމެދުގައި ވެސް އަރާރުން ހިނގާ 2007 ގައި ހަނގުރާމައެއް ކޮށްފައި ވާ އިރު, ދެބައިމީހުންގެ ދެމެދުގައި އެކުވެރި ގުޅުމެއް ނެތެވެ.
މިހާރު އިޒްރޭލުން ގާޒާއަށް އަރާ އެއްގަމުގެ އޮޕަރޭޝަންތައް ފުޅާކޮށް, ރެއިން ފެށިގެން ވަރުގަދަ ހަމަލާތައް ދެމުން ގެންދާ އިރު ހަމާސް އިން ވަނީ ހުޅަނގު އައްސޭރީގައި ތިބި އެމީހުންގެ އަހުން, ގާޒާގެ ހައްގުގައި ތެދުވެ ހަމާސް އާ ބައިވެރިވުމަށް ގޮވާލާފައެވެ. ނަމަވެސް ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދުން އަދި ހަނގުރާމައިގެ ތެރެއަކަށް ރަސްމީކޮށް ނުވަދެއެވެ.
އިތުރަށް މި ހަނގުރާމައަށް ވަނުމަށް ހަމާސް އިން ދައުވަތު ދީފައި ވަނީ ލުބުނާނުގައި އޮންނަ ހިޒުބުއްލޯ ޖަމާއަތަށެވެ. އީރާނުން މަދަދު ލިބޭ އެ ޖަމާއަތާއި އިޒްރޭލު ސިފައިންނާ ދެމެދު މިހާރުވެސް ބޯޑަރު ސަރަހައްދުގައި ކުރިމަތިލުންތައް ހިނގަމުން އަންނަ އިރު, އިޒްރޭލުން އެއްގަމު މަގުން ގާޒާއަށް އަރައިފިނަމަ ހަނގުރާމައިގެ ތެރެއަށް ވަންނާނެ ކަމަށާއި އިޒްރޭލަށް 'ބިންހެލުމެއް' ގެންނާނެ ކަމަށް ބުނެފައި ވެއެވެ.
މިރޭވެސް އިޒްރޭލުގެ ހަމަލާތައް ވަރުގަދަ ކޮށްފައި ވާ އިރު, މުރާސިލުން ބުނަނީ, ހަމާސް ނައްތާލުމަކީ އިޒްރޭލުގެ އަމާޒު ކަމުގައި ވާނަމަ އެކަން ހާސިލު ނުވާނެ ކަމަށާއި, ހަމާސް އެއްކޮށް ނައްތާލާނަމަ އިޒްރޭލަށް ޖެހޭނީ މުޅި ގާޒާ އެއްކޮށް ފުނޑުފުނޑު ކޮށްލަން ކަމަށާއި އެއީ ގާޒާގައި ތިބި އާންމު ރައްޔިތުން ދާނެ ތަނެއް ނެތި ބަންދުވެފައި ތިބި އިރު އިންސާނީ ނަސްލެއް ނައްތާލައި ގަތުލުއާންމަކުން ނޫނީ ހާލިވާނެ ނަތީޖާއެއް ނޫން ކަމަށެވެ.
އިޒްރޭލުގެ އޮފިޝަލުން ބުނަމުން ދަނީ ކޮންމެ ފަދަ އަގެއް ދައްކަން ޖެހުނަސް ހަމާސް ނައްތާލާނެ ކަމަށާއި ފަލަސްތީނުގައި ތިބީ 'މޯންސްޓާސް' ތަކެއް ކަމަށެވެ. އެހެން ބައެއް އޮފިޝަލުން ބުނެފައި ވަނީ ފަލަސްތީނުގައި ތިބީ 'ޖަނަވާރުން' ކަމަށާއި އިންސާނުން ނަމަ ކުޑަކޮށް ބަލާލަން ޖެހޭނެ ކަމަށެވެ.
އިޒްރޭލުގެ އުދުވާން ހުއްޓުވުމަށް ދުނިޔެ ނުކުޅެދިފައި ވާ އިރު އދ އިން ފާސްކުރާ ގަރާރަކަށް ވެސް އިޒްރޭލުން ބޮލެއް ނުލަނބައެވެ. އެފަދަ ގަރާރަކީ އަމަލު ކުރުން ލާޒިމު އެއްޗަކަށް ވެސް ނުވާ އިރު, ގަރާރު މަތިން ގަރާރު ފާސްކުރުމުގައި އދ ވަގުތު ދުއްވާލަނީ ކަމަށާއި ލޯ ކުރިމަތީގައި އިޒްރޭލުން ގަތުލުއާންމެއް ހިންގާ ޝަހީދު ކުރަމުން ދަނީ އަންހެނުންނާއި ކުޑަކުދިންނާއި ކުށެއް ނެތް މުސްލިމުން ކަމަށް އެނަލިސްޓުން ބުނެއެވެ.