މިއަދު ހއ. އިހަވަންދޫ ކައިރީގައި އޮންނަ ހުވަހަންދޫ ކައިރިން ލޯންޗަކާއި ދޯންނެއް ޖެހި ހިންގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ މަރުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ، އެ ހާދިސާގައި އަނިޔާވި ތިން މީހުންގެ ތެރެއިން ހާލު ސީރިއަސްވި މީހާއަށް އިހަވަންދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައިވާ ކަަމަށެވެ. މަރުވެފައި ވަނީ އުމުރުން 68 އަހަރުގެ އަބްދުއްރަޝީދު މުހައްމަދު ކިޔާ އިހަވަންދޫ ރައްޔިތެއް ކަމަށް ސޮބާހް ވިދާޅުވިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާގައި މަރުވި މީހާއަކީ އެ އެކްސިޑެންޓްގައި ހިމެނޭ ދޯނި ދުއްވަން ހުރި މީހާއެވެ.

މި ހާދިސާގައި އަނިޔާވި ތިން މީހުންގެ ވެސް ބޮލަށް އަނިޔާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މަރުވި މީހާގެ އިތުރުން އަނިޔާވި ދެމީހުންނަކީ ހދ. ނެއްލައިދޫ ދެމީހުން ކަމަށާއި އެމީހުންނަކީ ހުއިފިލަނޑާ [ސޫފިލަނޑާ] ނަގާ ބައެއް ކަމަށް ސޮބާހް ވިދާޅުވިއެވެ.

ތިން މީހަކަށް މި އެކްސިޑެންޓަގައި އަނިޔާވެފައިވާ އިރު، ދޯންޏަށާއި ލޯންޗަށް ވެސް ގެއްލުން ވިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިރޭގެ ވަގުތެއްގައެވެ. މި ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު މި ހާދިސާ ހިނގަން މެދުވެރި ވި ސަބަބު އަދި ފުލުހުން ހާމައެއް ނުކުރެއެވެ.