ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ފުށިދިއްގަރުފަޅުން 1280 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފުރަތަމަ މަސްތެރޭ ފަށްޓަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ސެންޓްރަލް ޕާކުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، ބޯހިޔާވަހިމުގެ ޕްރޮޖެކްޓްގެ ތެރެއިން ފުށިދިއްގަރު ފަޅުގެ ޕްރޮޖެކްޓަކީ ހިންގަވާނެ އެންމެ ބިޔަ މަޝްރޫއު ކަމަށާއި އެތަނުގެ ބިން ހިއްކުމުގެ މަސައްކަތް ފުރަތަމަ މަސްދުވަހުގެ ތެރޭގައި ފަށާމްޓަވާނެ ކަމަށެވެ. އެ މަސައްކަތް ފަށުމަށް ޕްލޭންތައް ހަދައި ޑްރެޖަރު ގެންގޮސް 1280 ހެކްޓަރުގެ ބިން ހިއްކާފައި ނޫނީ އެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއީ ގާތްގަނޑަކަށް ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމަ ވާވަރުގެ ތިން ގުނަ ބޮޑު ސަރަހައްދެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އެފަޅު ހިއްކައި ފުރަތަމަ އަހަރު ތެރޭ ނިންމާލެވޭނެ ކަމަށާއި އެ މަސައްކަތް ނިމޭ އިރު، ވަށައި ރިވެޓްމަންޓް ޖަހައި 3 މީޓަރެއްހާ އުސްމިނަށް ހިއްކައި ސޭފް އައިލެންޑެއްގައި ހުންނަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ފުށިދިއްގަރުގެ އިތުރުން ގުޅީފަޅާއި، ގިރާވަރުފަޅުން ހިއްކެން އޮތް އެންމެ ބޮޑަކަށް ބިން ހިއްކައިގެން 65000 ގެދޮރު ބިނާ ކުރުމުގެ މަޝްރޫއު ކުރިއަށް ދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޫކުރުމަށް މި ސަރުކާރުން ހިންގި ޕްރޮޖެކްޓާ ގުޅިގެން އެއްވެސް ރައްޔިތަކު ނިކަމެތިކޮށް ނުލާނެ ކަމަށެވެ. މި ސަރުކާރުން ކޮންމެ މަގްސަދެއް ހާސިލް ކުރަން ހިންގި ޕްރޮޖެކްޓްތަކެއް ކަމުގައި ވިޔަސް މުއިއްޒުގެ މެނިފެސްޓޯގައި ގެދޮރުވެރިކަމަކީ ހާއްސަކަމެއް ދޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން އެއްވެސް ރައްޔިތަކަށް ލިބިފައިވާ އުންމީދަކަށް ހުރަސް ނާޅުއްވާނެ ކަމަށާއި އެއްވެސް ފަރާތަކުން ލާފައިވާ ފޯމެއް ބާތިލް ނުކުރައްވާނެ ކަމަށާއި އަދި އަލުން ފޯމް ހުށަހަޅަން ޖެހޭ ފަދަ ގޮތަކަށް ކަންކަން ބަދަލު ނުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތަށް ފުރިހަމައަށް އިންސާފުވެރިކޮށް އަދި ވީހާވެސް ގިނަ ރައްޔިތުންނަށް ފައިދާ ވާނެ ގޮތަށް ކަންކަން ބައްޓަން ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ ދެވަނަ ފިޔަވެއްސަކަށް ހުޅުވާލާފައެވެ. މި ދިޔަ މަހުގެ 24 އިން ފެށިގެން މި މަހުގެ 24 އަށް ފޯމް ހުށަހަޅަން ފުރުސަތު ހުޅުވާލާފައި ވާ އިރު، އެ މުއްދަތުގައި ފްލެޓަށް 19000 އަށް ވުރެ ގިނަ ފޯމް ހުށަހަޅާފައިވާ އިރު، ގޯއްޗަށް އެދި ވަނީ 21000 އަށް ވުރެ ގިނަ ފޯމް ހުށަހަޅާފައެވެ.

މި ޕްރޮޖެކްޓަށް އަލިއަޅުވާލައްވަމުން މުއިއްޒު ވިދާޅުވީ، މި މަޝްރޫއުގެ ދާއިމީ ލިސްޓް އިއުލާންކޮށް މި ސަރުކާރުން ނެރެފި ނަމަ އެ މަސައްކަތަށް ވެސް ހުރަސް ނާޅުއްވާނެ ކަމަށެވެ. އެއްވެސް ރައްޔިތަކަށް ލިބޭނެ ކަމުގެ އުންމީދު ލިބިފައިވާ ތަނެއް ނިގުޅައި ނުގަންނާނެ ކަމަށް ވިދާޅުވެ، މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރުވެރި ކަމުގެ މަޝްރޫއުތައްވެސް ހިންގާނެ ކަމަށާއި އެކަމަށް އެއްވެސް ރައްޔިތަކު ޝައްކު ނުކުރުމަށް މުއިއްޒު އެދިވަޑައިގަތެވެ.